އިނގިރޭސި ޕްރިމިއާ ލީގު

މި އަހަރު ނިމެންވާއިރަށް ޔުނައިޓެޑު ގަދަ ހަތަރަކަށް އަރާނެ: މޮރީނިއޯ

މި އަހަރުގެ ޑިސެންބަރު މަސް ނިމެންވާއިރަށް ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް މެންޗެސްޓާ ޔުނައިޓެޑް އަރާނެ ކަމަށް އެޓީމުގެ މެނޭޖަރު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

އިނގެރޭސި ލީގުން ޔޫރަޕްގެ ޗެމްޕިއަންސް ލީގުގެ ޖާގަ ލިބެނީ ލީގު ނިމޭ އިރު، ތާވަލުގެ އެންމެ މަތީ އޮންނަ ހަތަރު ޓީމަށެވެ. މިވަގުތު ތާވަލުގެ އެންމެ ކުރީގައި އުޅޭ މެންޗެސްޓާ ސިޓީ އަށް 13 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 33 ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި ޓޮޓެންހަމް އޮތީ 30 ޕޮއިންޓާއެކުއެވެ. އަދި ހަތަރު ވަނައިގައި ޗެލްސީ އޮތީ 28 ޕޮއިންޓާއެކުއެވެ.

މިވަގުތު ތާވަލުގެ ހަތް ވަނައިގައި އޮތް ޔުނައިޓެޑަށް މިހާތަނަށް ކުޅުނު 13 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. އެހެންކަމުން، ޔުނައިޓެޑާއި ޗެލްސީ އާއި ދެމެދު 7 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

"އަހަންނަށް އެނގޭ މިއީ ބޮޑު ފަރަގެއް ކަން، އެހެންނަމަވެސް، ޑިސެންބަރު މަސް ނިމެންވާއިރަށް އަހަރެމެންނަށް 8 މެޗު އެބަ އޮތް ލީގުގައި، އެއީ 24 ޕޮއިންޓު. އެހެންވީމަ، އެއީ ނުވާވަރުގެ ކަމެއް ނޫން". ލީގުގައި ރޭ ޕެލަސްއާއި ދެކޮޅަށް ނިކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ބުނެފައިވެއެވެ.

ލީގުގައި ޔުނައިޓެޑުން ވާދަވެރި މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުންވެސް ވަނީ ބަލިވެފައެވެ. އަދި އެ މެޗުގައި އަނިޔާވި، އެންތަނީ މާޝިއާލް އަށް މި ހަފްތާގައި ކްރިސްޓަލް ޕެލެސް އާއި ދެކޮޅަށް ކުޅޭ މެޗުގައި ކުޅެވޭނެކަމަށް މޮރީނިއޯ ވަނީ ބުނެފައެވެ. އަދި އަނިޔާގެ ސަބަބުން ފަހުން ކުޅުނު މެޗު ތަކުގައި ނުކުޅެވުނު ޕައުލް ޕޮގްބާ އާއި، ރޮމެލޫ ލުކާކޫ އާއި، މާކަސް ރަޝްފޯޑްގެ އިތުރުން މަރުއާން ފެލައިނީވެސް ފިޓުވެފައިވެ، ރޭ ޔުނައިޓެޑް ޕެލަސް އާއި ދެކޮޅަށް ކުޅުނު މެޗުން އެޓީމު ވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

ކުރިއަށް އޮތް ޑިސެންބަރު މަހުގައި ޔުނައިޓެޑަށް ވަރުގަދަ މެޗު ތަކެއް ލީގުގައި އެބަހުއްޓެވެ. އެގޮތުން، ޑިސެންބަރު 5 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ޔުނައިޓެޑު ނިކުންނާނީ އާސެނަލް އާއި ދެކޮޅަށެވެ. އަދި 16 ޑިސެންބަރުގައި ލިވަޕޫލް އާއި ދެކޮޅަށް އެޓީމު ދަނޑުގައި ކުޅޭނެއެވެ. އަދި ޑިސެންބަރު 13 ވަނަ ދުވަހު ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ވެލެންސިއާ އާއި ދެކޮޅަށް ނިކުންނާނެއެވެ.