ޚަބަރު

މޯލްޑިވްސް ބިޒްނަސް އެކްސްޕޯ: ވުމަންސް ސަމިޓުން މިއަހަރުވެސް ފާހަގަ ކޮށްލެވޭ ކަނބަލުންތަކެއް

މިމަހުގެ 23 އިން 24 ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖައްސާފައިވާ މިއަހަރުގެ ބިޒްނަސް އެކްސްޕޯގައި ހިމެނޭ "ވުމަންސް ސަމިޓު" ނުވަތަ އަންހެނުންގެ މަހާސިންތާގައި މިއަހަރުވެސް ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވަމުން ގެންދަވާ ކަނބަލުންތަކެއް ފެނިގެންދާނެ ކަމަށް ސަމިޓް އިންތިޒާމު ކުރާ ކޯޕަރޭޓް މޯލްޑިވްސް އިން ބުނެފިއެވެ.

ބިޒްނަސް އެކްސްޕޯގެ ތެރެއިން މިއަހަރު ހަތަރު ދާއިރާ އަކުން ސަމިޓް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް ކޯޕަރޭޓް މޯލްޑިވްސް ބުނެއެވެ. އޭގެ ތެރޭގައި އަންހެނުންގެ ސަމިޓް، ޓޫރިޒަމް ސަމިޓް، ފައިނަންސް ސަމިޓް އަދި އެޓަޕްރެނާސް ސަމިޓް ހިމެނޭ ކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެއެވެ.

"މޯލްޑިވް ވުމަންސް" ސަމިޓްގައި މިފަހަރު ސަމިޓުގައި ބައިވެރިވާ ކުންފުނިތަކުގެ އިސް މަގާމުތަކުގައި މަސައްކަތް ކުރައްވާ އަންހެން ބޭފުޅުން، އެބޭފުޅުންގެ ކާމިޔާބީގެ ވާހަކަތަކާއި ތަޖުރިބާތައް ހިއްސާ ކުރައްވާނެ ކަމަށް ސަމިޓް އިންތިޒާމު ކުރާ ކޯޕަރޭޓް މޯލްޑިވްސް އިން ބުނެއެވެ.

މިފަހަރުގެ ސަމިޓުގެ ޕެނަލްގައި ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީހުގެ ޗީފް އޮފަރޭޓިން އޮފިސަރު، ސުޖާތާ ހަލީމް އާއި މީރާގެ ޑެޕިއުޓީ ޗެއާޕާސަން ލީނާ ޒާހިރު ހުސައިންއާއި ބޭކްން އޮފް މޯލްޑިވްސްގެ ކަސްޓަމާސާވިސްގެ ޑިރެކްޓާ ގުލްނާޒް މާހިރު އާއި ސ ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ އާއިޝަތު މުހައްމަދު ދީދީ އާއި އުރީދޫ މޯލްޑިވްސްގެ ހިއުމަންރިސޯސް ޑިރެކްޓަަރު ފަޒްނާ މަންސޫރުގެ އިތުރުން ދިވެހި އިންޝުއަރެންސްގެ ހެޑް އޮފް މާކެޓިން އާމިނަތު ޝާޔަން ޝާހިދު ބައިވެރިވެވަޑައިގަންނަވަ އެވެ.

ސަމިޓުގައި ބާއްވާ ޕެނަލް ޑިސްކަޝަނެއްގައި މިބޭފުޅުން، އެބޭފުޅުންގެ ތަޖުރިބާ ހިއްސާ ކުރާނެއެވެ. އެ ޕެނަލް މޮޑަރޭޓް ކުރައްވާނީ، ޕްރައިވަޓައިޒޭޝަން ބޯޑުގެ ހިއުމަންރިސޯސް ކޮންސަލްޓެންޓް ރަންދާ ފުއާދު އެވެ.

މިސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާ ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން ބުނެއެވެ. ބައިވެރިވެވަޑައިގަތުމަށް ބޭނުންވެލައްވާ ފަރާތްތަކުން ރެޖިސްޓަރީ ވާން ޖެހޭނެ ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން ބުނެއެވެ. ކޯޕަރޭޓް މޯލްޑިވްސް އިން ބުނީ 60 އަށްވުރެ ގިނަ ކުންފުނިން ބިޒްނަސް އެކްސްޕޯގައި ބައިވެރިވެފައިވާ ކަމަށެވެ.

ވުމަން ސަމިޓް އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު މެންދުރުފަހު 14:30 އިން 15:30އަށް ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން ބުނެއެވެ.

މި އެކްސްޕޯގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންއެވެ.