ބޮލީވުޑް

މިސްޓަ އިންޑިއާގެ ޓްރިލޮޖީގައި މޮގެމްބޯގެ ރޯލު ކުޅެން ޝާހު އެއްބަހެއް ނުވި

މިސްޓަ އިންޑިއާގެ ޓްރިލޮޖީއެއް އުފައްދާ ވާހަކަ އަލީ އައްބާސް ޒަފަރު އިއުލާނު ކުރީ މީގެ ދެތިން ދުވަސް ކުރިންނެވެ.

ފިލްމުގެ ކާސްޓުން ފައިނަލް ނުވާ ކަމަށާއި އަދި ކާސްޓުން ހޯދަން ނުފަށާ ކަމަށްވެސް އެ ޓުވީޓުގައި އަލީ ވަނީ ބުނެފައެވެ. ނަމަވެސް ފިލްމުގައި ފެނިގެންދާ އޮމްރިޝް ޕޫރީ ކުޅުނު އައިކޮނިކް ކެރެކްޓަރު "މޮގެމްބޯ" ގެ ރޯލު ޝާހުރުކް ޚާނަށް ހުށަހަޅާފައިވާ ކަމުގެ އަޑުތައް އޭރުވެސް އޮތީ ފެތުރިފައެވެ.

ހަމަ އެއާއެކު ފިލްމުގައި އަނިލް ކަޕޫރު ކުޅުނު ރޯލު ބަތަލު ރަންވީރު ސިންގަށް ހުށަހަޅާފައިވާ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

ނަމަވެސް ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޝާހު މިވަނީ "މޮގެމްބޯ" ގެ ރޯލު ނުކުޅޭނެ ކަމަށް ބުނެފައެވެ. ހަމަ އެއާއެކު ޝާހު އެއްވެސް ނެގެޓިވް ރޯލެއް ކުޅެން ބޭނުން ނުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އަލީ ހަދަން އުޅެނީ މިސްޓަ އިންޑިއާގެ ދެވަނަ ބައެއް ނޫނެވެ. އަދި ރީމޭކެއްވެސް ނޫނެވެ. ނަމަވެސް އެ ފިލްމުގެ ކެރެކްޓަރުން ބޭނުން ކޮށްގެން އެ ކޮންސެޕްޓުގެ އެހެން ފިލްމެކެވެ.

1987ގައި އެންމެ މަގުބޫލުވި އެއް ފިލްމުގެ އައިކޮނިކް ކެރެކްޓަރުން ބޭނުން ކޮށްގެން މިހާރުގެ މޮޑާން ސުޕާހީރޯ ދުނިޔެއެއް އުފެއްދުމަކީ އަލީގެ އަމާޒުކަމުގައި ރިޕޯޓްތައް ބުނެއެވެ. މިހާރު އަލީ އަންނަނީ ފިލްމުގެ ސްކްރިޕްޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފިލްމު ތައްޔާރު ކުރާނެ ސްޓޫޑިއޯވެސް ވަރަށް ބޯޑު ސްކޭލެއްގައި ތައްޔާރު ކުރަމުން އަންނަ ކަމުގެ އަޑުތައް ވަނީ އަރާފައެވެ.

2018ގައި ނެރުނު ފިލްމު ޒީރޯއަށް ފަހު ޝާހު އެއްވެސް ފިލްމަކުން ފެނިފައި ނުވި ނަމަވެސް އެކި ފިލްމު ތަކާ ގުޅިއްޖެ ކަމުގެ އަޑުތައް ދަނީ އިވެމުންނެވެ. ނަމަވެސް އަދި ރަސްމީކޮށް ފިލްމެއްގެ މަސައްކަތެއް ފަށާފައެއް ނުވެއެވެ.