ބޮލީވުޑް

ދީނަށް ފުރައްސާރަ ކުރިކަމަށް ބުނެ ރަވީނާ ހައްޔަރު ކޮށްދިނުމަށް އެދި ފުލުހަށް ހުށަހަޅައިފި

މިދިޔަ އަހަރު ބަތަލާ ރަވީނާ ޓަންޑޮން، ފިލްމު ޑައިރެކްޓަރު ފަރާ ޚާން އަދި ކޮމީޑިއަން ބާރްތީ ސިންގު ޓީވީ ޝޯއެއްގައި ދީނަށް ފުރައްސާރަ ކުރި ކަމަށްބުނެ ފުލުހަށް ހުށަހެޅި ފަރާތުން އެމީހުން ހައްޔަރު ކޮށްދިނުމަށް އެދި އަނެއްކާވެސް ހުށަހަޅައިފިއެވެ.

އާޝިޝް ޝިންދޭ ކިޔާ މި މީހާ މައްސަލަ ހުށަހެޅީ އިއްޔެގެ ވަގުތެއްގައި މަހާރާޝްތުރާ ޕޮލިހަށް އެތާންގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕޮލިހަށް އެޑްރެސްކޮށްފައެވެ.

އެންޖީއޯއެއް ހިންގާ ޝިންދޭ ހުށަހެޅި މައްސަލައިގައި ބުނީ މިދިޔަ އަހަރު ޑިސެމްބަރުގައި ރަވީނާ، ފަރާ އަދި ބާރްތީ ވަނީ ކްރިސްމަސްއާ ދިމާކޮށް ދެއްކި ޝޯއެއްގައި އެމީހުންގެ ދީނަށް ފުރައްސާރަވާ ގޮތަށް އެއްޗެހި ކިޔާފައި ކަމަށެވެ. 

އިންޑިއާގެ ޕީނަލް ކޯޑުގެ ސެކްޝަން 295 ގައި ބުނާ ދީނަށް ފުރައްސާރަކުރާ މާއްދާއާ ހަވާލާދީ މި މައްސަލަ ފުރަތަމަ ހުށަހެޅީ ޝިވްރާޖީ ނަގަރު ޕޮލިސް ސްޓޭޝަނަށެވެ. އެ ކޭސް ފަހުން ވަނީ މަލަދް ޕޮލިސް ސްޓޭޝަނަށް ބަދަލު ކޮށްފައެވެ. އެއީ މުމްބާއީ ފުލުހުންގެ ދަށުގައި ހުންނަ ޕޮލިސް ސްޓޭޝަނެކެވެ.

ޝިންދޭ އަލުން ހުށަހެޅި ބަޔާނުގައި ބުނަނީ އޭރު މައްސަލަ ހުށަހެޅީމާ އެއްވެސް ފިޔަވަޅެއް އަޅާފައިޗނުވާކަމަށެވެ.

"މި މީހުނަށް މިހާރުން މިހާރަށް ފިޔަވަޅު އަޅައިދޭން މިއެދެނީ. ސުޕްރިންޑެންޓް އޮފް ޕޮލިހަށް އެމީހުން ހައްޔަރުކުރުމަށް އަންގައިދީ!" ޝިންދޭ ހުށަހެޅި ބަޔާނުގައި އެދިފައި ވެއެވެ.

މިހާތަނަށް އެއްވެސް ފަރާތަކުން އެމައްސަލައާ ގުޅޭ ހަބަރެއް ވެފައި ނުވާ ކަމަށާއި ކޭސްއަށް ވީ ކިހިނެއްކަންވެސް އޭނާ ގާތު ބުނެފައި ނުވާކަމަށް ޝިންދޭގެ ބަޔާނުގައި ވެއެވެ، އެހެންކަމުން އޭނާއާއި އިތުރު ކްރިސްޓިއަން ކޮމިނިއުޓީ މީހުން ހިމެނޭ ގޮތަށް ޑީޖީޕީއަށް އެޑްރެސްކޮށް އަލުން ހުށަހެޅީ ކަމަށް އޭނާ ބުނިއެވެ.

މި މައްސަލަ ކުރިން ބަލަމުން ދިޔަ ސުޕަރިންޑެންޓް އޮފް ޕޮލިސް ހާޝް ޕޮދާރް ބުނީ އެ މައްސަލަ މަލަދް ޕޮލިސް ސްޓޭޝަނަށް ބަދަލު ވުމުން އެކޮޅުން ހެދިގޮތެއް އޭނާއަށް ނޭނގޭކަމަށެވެ. ނަމަވެސް އެ މައްސަލަ އަލުން އަނބުރާ އޭނާއާ ހަމައަށް އައުމުން ފިޔަވަޅު އަޅަން ޖެހޭ ހާލަތެއްގައި އެކަން ކުރާނެ ކަމަށް އޭނާ ބުނިއެވެ.