ކުޅިވަރު

މެންޑީ ތިން މަސްދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ފްރާންސްގެ ވާތު ބެކު، ބެންޖަމިން މެންޑީގެ ކަކުލަށް ލިބުނު އަނިޔާއިން ސަލާމަށްވުމަށް ހެދި ސާޖަރީ އަށްފަހު އޭނާ ތިން މަސްދުވަހަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.

މެންޑީގެ ކަކުލުގެ ސާޖަރީ ހެދިކަމަށް އެ ކުލަބުގެ މެނޭޖަރު ޕެޕް ގާޑިއޯލާވެސް ވަނީ މައުލޫމާތު ދީފައެވެ. އަދި މި އަނިޔާއިން ސަލާމަށްވެ އަލުން ކުޅުމުގެ ތެރެއަށް އަންނަން 10 ނުވަތަ 12 ހަފުތާ ނަގާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ވާތު ފައިގެ މެނިސްކަސް އަށް ލިބުނު އަނިޔާގެ ސާޖަރީ މެންޑީ ހަދާފައިވަނީ ސްޕެއިނުގައި ހުންނަ ހޮސްޕިޓަލަކުންނެވެ. މެންޑީ ވަނީ މިދިޔަ އަހަރު އޭނާގެ ކަނާތު ލިގަމެންޓަށް ލިބުނު އަނިޔާ އަކާއި ގުޅިގެންވެސް ސީޒަންގެ ބޮޑު ބައެއް ގެއްލިފައެވެ.

ނަމަވެސް، ސީޒަންގެ ފަހުކޮޅު، އަނިޔާއިން ސަލާމަށްވެ، ވޯލްޑް ކަޕްގައި ފްރާންސް ސްކޮޑުން ޖާގަ ހޯދައި، އެޓީމަށް ވޯލްޑް ކަޕް ހޯދައިދިން ޓީމުގައިވެސް ހިމެނިފައެވެ.

ކުރިން ފްރާންސްގެ މޮނާކޯއަށް ކުޅުނު މެންޑީ ވަނީ މި ސީޒަނުގައި މިހާތަނަށް 12 މެޗު ކުޅެފައެވެ. އަދި އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދި މެޗުގައިވެސް އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ސިޓީގެ އަނިޔާގެ ލިސްޓުގައި މިހާރުވެސް މުޙިއްމު ކުޅުންތެރިޔާ ކެވިން ޑި ބްރޭނާ އާއި ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ ހިމެނެއެވެ. މީގެ އިތުރުން، މި ހަފްތާގެ ލީގު މެޗަށް ޕޯޗުގަލްގެ މިޑްފިލްޑަރު ބަނާޑޯ ސިލްވާ ފިޓު ނުވާކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

މިހަފްތާގެ ލީގު މެޗުގައި ސިޓީ ނިކުންނާނީ ވެސްޓް ހަމް ޔުނައިޓެޑާއި ދެކޮޅަށެވެ.