ކުއްލި ޚަބަރު

ދެ އަހަރުގެ ކުއްޖާގެ ބައްޕަގެ މައްސަލަ ޕީޖީއަށް ފޮނުވުމަށްފަހު، ހައްޔަރުން ދޫކޮށްލައިފި

ގއ. ކަނޑުހުޅޫދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކުއްޖާގެ ބައްޕަ ހައްޔަރުން ދޫކޮށްލައިފިއެވެ.

ދެ އަހަރު ނުވާ ކުޑަކުއްޖަކަށް އެކި ދުވަސްމަތިން އެކުއްޖާގެ ބައްޕަ ފަރާތު ކާފަ އާއި މުނިކާފަ ޖިންސީގޯނާކުރި މައްސަލައިގައި ކުއްޖާގެ ބައްޕަ ހައްޔަރުކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ހުޅުމާލެއިންނެވެ. އަދި އޭނާއަށް ފުލުހުން ކުރަނީ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަން އެނގިހުރެ އެކަން ކަމާބެހޭ އިދާރާތަކަށް ނާންގާ ކުއްޖާއަށް އިހުމާލުވެފައިވާ ކަމުގެ ތުހުމަތެވެ.

ފުލުހުން މިރޭ ބުނީ، ކުއްޖާއަށް އިހުމާލުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުއްޖާގެ މަންމަ އާއި ބައްޕައަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ހުށަހެޅީ މިދިޔަ އާދީތައް ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން އެ މައްސަލައިގައި ކުއްޖާގެ ބައްޕަ ހައްޔަރުކޮށް މައްސަލަ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހެޅިފައިވާތީ، ޕީޖީ އޮފީހާ މަޝްވަރާކުރުމަށްފަހު އިއްޔެ މެންދުރުފަހު 2:30 ގައި ކުއްޖާގެ ބައްޕަ ހައްޔަރުން ދޫކުރެިވައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އެއީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެއެވެ. އަދި ކުއްޖާގެ މަންމަ ހުރީ ހައްޔަރުކޮށްފައިވާ ކަމެއް ވެސް ފުލުހުން ނުބުނެއެވެ.

ކުއްޖާގެ މަންމަ އާއި ބައްޕައަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، ކުއްޖާގެ ކާފަ، ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ 62، އާއި ކުއްޖާގެ މުނިކާފަ، ކއ. ކަނޑުހުޅުދޫ/ އަންނާރުމާގެ، ހަސަން މޫސާދީދީ 82ގެ މައްޗަށް ދައުވާ ކުރުމަށް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.

އެ ދެމީހުންނަށް އުފުލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.