މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ސީޕްލޭން ޓާމިނަލް މައްސަލަ: ސަރުކާރުގެ ނިންމުން ދެއަހަރު ތެރޭ އަމިއްލައަށް ހިންގަން ޖެހޭގޮތަށް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 55 މިލިއަން ޑޮލަރުގެ އަގު ބޮޑު ސީޕްލޭން ޓާމިނަލެއް ހަދައި ނިންމާލި އިރު، އެތަން ހިންގުމުގެ އެއްވެސް ވިސްނުމެއް އެމްއޭސީއެލްގައި ނެތްކަން އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލައިގައި ނެރުނު ތަހުގީގު ރިޕޯޓުން ވަނީ ފާހަގަ ވެފަ އެވެ. އެ ކުންފުނީގެ ވިސްނުން ހުރީ އެ ޓާމިނަލްގެ ބޮޑު ބައެއް 15 އަހަރު ދުވަހުގެ މުއްދަތަށް ޓީއެމްއޭއަށް ދޭންކަން ވެސް އެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

ޓާމިނަލް އަމިއްލައަށް ހިންގުމުގެ އެއްވެސް ނިޔަތެއް އެމްއޭސީއެލްގައި ނެތްކަން އެންމެ ފާޅުކަންބޮޑު ގޮތެއްގައި ހާމަވާ އެއް ކަމަކީ، އެ ކުންފުނީން އެ ކަމަށް ޓަކައި ވާން ޖެހޭ ތައްޔާރުތައް ވެފައި ނެތުމެވެ. އެ ގޮތުން އަމިއްލައަށް އެވަރުގެ ބޮޑު އޮޕަރޭޝަނެއް ހިންގާ އިރު، އެތަނަށް ގިނަ އަދަދެއްގެ ފަންނީ މުވައްޒަފުން ބޭނުންވާނެ ކަމާއި އެފަދަ ދާއިރާތަކުން މުވައްޒަފުން ތަމްރީނު ކުރެވޭނެ ގާބިލުކަން ރާއްޖޭގައި ވެސް ނެތް އިރު، މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ފަށާފައެއް ނުވެ އެވެ.

މިކަންކަމަށް ބެލުމުން އެނގޭ އެއް ކަމަކީ، ކޮންމެ ގޮތެއް ވިޔަސް މިވަގުތަށް ބަލާ އިރު ޓާމިނަލް ހިންގޭނެ ގޮތެއް އެމްއޭސީއެލަށް ނެތް ކަމެވެ. އެކަމަށް އެކުންފުނި ތައްޔާރު ނޫން ކަމެވެ. އެހެން ކަމުން ހިދުމަތް މެދުނުކެނޑި ކުރިޔަށް ގެންދިޔުމަށް ބަލާއިރު އޮތް އެންމެ ރަނގަޅު ހައްލަކީ ސަރުކާރުން މިވަގުތަށް ނިންމި ގޮތެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ވަނީ ފާސްކޮށްދީފަ އެވެ. އެއީ ދެ އަހަރުގެ މުއްދަތަކަށް 10.35 ޑޮލަރުގެ ރޭޓުން، ސީޕްލޭން ޓާމިނަލުން 6،300 އަކަމީޓަރުގެ ޖާގައެއް ޓީއެމްއޭއަށް ދޭ ގޮތަށެވެ. ޓީއެމްއޭގެ އިތުރުން މަންޓާ އަށް ވެސް މިހާރު އެ ކުންފުނީން ބޭނުންކުރާ ސައިޒުގެ ޖާގައެއް ޓީއެމްއޭއަށް މިދިން ރޭޓުގައި ދޭން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެއަށްފަހު ބާކީ އޮންނަ 21،000 އަކަމީޓަރު އަލުން ޓެންޑާކޮށް ކުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެމްއޭސީއެލުން ޓާމިނަލުގެ ހިންގުމުގެ އެންމެހާ ކަންކަމާ ހަވާލުވުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވުމަށާއި ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމުގެ ކަންކަން ދެ އަހަރު ތެރޭ ނިންމަން ޖެހޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެމްއޭސީއެލުން ޓާމިނަލް ތަރައްގީކުރި އިރު ވެސް ދައުލަތަށް މާލީ ގޮތުން އެންމެ މަންފާ ބޮޑު ގޮތަކީ އެތަން އަމިއްލައަށް ހިންގުން ކަމަށް ގަބޫލުކޮށްގެން، އަމިއްލައަށް އެތަން ހިންގުމުގެ ޕްލޭނެއް ހަދައިގެން އެ މަސައްކަތް ކުރި ނަމަ، ޓީއެމްއޭއަށް އެތަން ދިނުމުގެ ބަހުސް ކުރާން ވެސް ނުޖެހުނީސް ކަމަށް ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކެވި ވިޔަފާރިވެރިޔަކު ވިދާޅުވި އެވެ.

"ހަގީގަތުގަ މި މަޝްރޫއަކީ މާކުރީން ފެށިގެން އައި މަޝްރޫއެއް. އޭރުވެސް އެނގެން ޖެހޭނެ ފައިދާ ބޮޑީ ކޮން ގޮތެއްކަން، އަމިއްލަޔަށް ހިންގީމަ އެތައް މިލިއަން ޑޮލަރެއްގެ ފައިދާ އިތުރުވާނެކަން އެނގެން ވާނީ މިއަދަކު ނޫން. މީގެ ޒިންމާ އޭރު މިކަންކަމުގެ ސިޔާސަތު ރާވައި ހިންގަން ތިބި މީހުން ނަގަން ޖެހޭނެ. ނުނަގައިފި ނަމަ ޒިންމާވާން ޖެހޭ މީހުން ޖަވާބުދާރީވެސް ކުރުވަން ޖެހޭނެ. ސަރުކާރުން ކިތަންމެ ބޭނުން ވިޔަސް، މާދަމާ ނިކުމެ އެވަރުގެ ބޮޑު އޮޕަރޭޝަނަކާ ހަވާލުވެގެން ހިންގޭނެ ފަދަ ގޮތަކަށް އެމްއޭސީއެލުގެ ކަންކަން ބައްޓަން ކޮށްފައެއް ނެތް." ކުރިން ވާހަކަދެއްކެވި ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

ރިސޯޓު އޯނަރަކު އޭނާ ދެކިވަޑައިގަންނަވާ ގޮތް ހާމަކުރައްވަމުން ވިދާޅުވީ މި ވަރުގެ ބޮޑު ފައިދާއެއް ދައުލަތަށް ވާން އޮތް ކަމެއްކަން އެނގޭ އިރު، ޓާމިނަލް ތަރައްގީ ކުރި އިރުއްސުރެ ފެށިގެންވެސް އެމްއޭސީއެލުން އެތަން އަމިއްލަޔަށް ހިންގުމުގެ ޕްލޭންތައް ހަދައި އެކަމަށް ފުރިހަމަޔަށް ތައްޔާރުވާން ޖެހޭނެ ކަމަށެވެ.

"އެކަމަކު ބައްލަވާ! މިކަމާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އަދި އޭސީސީން ތައްޔާރުކުރައްވާފައިވާ ރިޕޯޓުން ވެސް މި އެނގެނީ ކުރީ ސަރުކާރުގައި މިކަންކަން ކުރައްވަން އޭރު ތިއްބެވި ބޭފުޅުންގެ ވިސްނުން ހުރީ އެތަން އަމިއްލަޔަށް ހިންގަން ނޫންކަން. އަދި ކޮބާތޯ! އެމީހުން އެދިޔައީ އެތަން ދިގު މުއްދަތަކަށް ޓީއެމްއޭއަށް ދޫކޮށްލަން ތައްޔާރުވެސް ވަމުން ނޫންތޯ!" ރިސޯޓު އޯނަރު ވިދާޅުވި އެވެ.

ކުރީން ވާހަކަދެއްކެވި ވިޔަފާރިވެރިޔާ ވިދާޅުވީ، އަސްލު ދިމާވެގެން މި އުޅޭ މައްސަލަޔަކީ، ކުރީގެ ސަރުކާރުން ސީޕްލޭން ޓާމިނަލް ކުއްޔަށް ދީގެން ހިންގަން ވިސްނައިގެން އެކަމަށް ކަންކަން ރާވާފައި އޮއްވައި، މިސަރުކާރުން އެކަން އެމްއޭސީއެލް ލައްވައި ކުރުވަން ބޭނުންވުމުން ދިމާވި މައްސަލައެއް ކަމަށެވެ. މިސަރުކާރުން އެގޮތަށް އެކަން ކުރަން ބޭނުންވި ނަމަވެސް، އެވަރު ބޮޑު އޮޕަރޭޝަނެއް ހިންގުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަކު އެއީ ނުކުރެވޭ ވަރުގެ ކަމެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްއޭސީއެލުން އަމިއްލަޔަށް ޓާމިނަލް ހިންގުމުގެ ވިސްނުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑުގޮތް. އެކަމަކު އެއީ އޯވަނައިޓަކުން ކުރެވޭނެ ކަމެއް ނޫން. އެކަމަށް ތައްޔާރުވާން ޖެހޭނެ. މި ދައްކަނީ ޓޫރިސްޓުންނަށް ހިދުމަތްދޭ މައި ހަބެއްގެ ވާހަކަ. މިފަދަ ކަމެއްގައި ޖަޒުބާތުގައި ޖެހިގެން އަވަސް އަރުވާލައިގެން ކަންކަން ކޮށްފި ނަމަ އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ވެސް ލިބިދާނެ." ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

ޓީއެމްއޭއިން ވަކާލާތު ކުރަމުން އައީ 31000 އަކަމީޓަރު ހޯދުމަށެވެ. އެ ކުންފުނީން ބުނަމުން އަންނަނީ އެމްއޭސީއެލުން 2017ގައި ވަނީ އާ ޓާމިނަލުން ބޮޑު ސަރަހައްދެއް އެ ކުންފުންޏަށް ދޭން އެއްބަސްވެފައި ކަމަށެވެ. އެ ކަމުގެ ޔަގީންކަމާއި ޑްރާފްޓް އެގްރިމެންޓު ވެސް އެމްއޭސީއެލުން މާ ކުރީން ފޮނުވާފައިވާ ކަމަށް ޓީއެމްއޭއިން މަޖިލިސް ކޮމެޓީގައި ވަނީ ބުނެފަ އެވެ. އެ ޔަގީން ކަމަށް ބަލައި، ބޮޑެތި އިންވެސްޓްތަކެއް ވެސް ކޮށްފައިވާ ކަމަށް ޓީއެމްއޭއިން ބުނެއެވެ. އަދި އެފަދަ ގޮތަކަށް އިތުބާރު ދިނުމަށްފަހު އެޔާ ހިލާފުވުމުން އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމުގެ ޝަކުވާ ވެސް ޓީއެމްއޭއިން ވަނީ ކޮށްފަ އެވެ.

އެހެން ނަމަވެސް، ސަރުކާރުން މި ނިންމީ 6300 އަކަ މީޓަރު ޓީއެމްއޭއަށް ދޭށެވެ. މި ގޮތް ޓީއެމްއޭއިން ގަބޫލު ނުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ސަރުކާރުން ދެކެ އެވެ. އެހެން ނަމަވެސް ސަރުކާރުން އެވަނީ ގޮތް ނިންމާފަ އެވެ. އެއީ ޓީއެމްއޭއިން ބޭނުންވި ގޮތެއް ވެސް ނޫނެވެ. އަދި ހަގީގަތަށް ބަލާ އިރު، އެއީ ސަރުކާރުން ވެސް ބޭނުންވާ ގޮތެއް ނޫނެވެ. ސަރުކާރުން ބޭނުންވާ ގޮތަކީ އެމްއޭސީއެލުން ޓާމިނަލް ހިންގުން ކަމަށް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެހެން ނަމަވެސް ކަންކަން ކޮށްފައި އޮތް ގޮތުންނާއި އެމްއޭސީއެލުން އެކަމަށް އެއްވެސް ވަރަކަށް ވިސްނައި ތައްޔާރުވެފައި ވެސް ނެތުމުގެ ސަބަބުން އެކަން ކުރެވޭނެ ގޮތެއް ނެތީ އެވެ.

ސަރުކާރުން ގަބޫލު ކުރާ ގޮތުގައި، މި ވަގުތަށް އޮތް އެންމެ ރަނގަޅު އަދި އިންސާފުވެރި ހައްލަކީ، ޓާމިނަލް ހިންގަން ބޭނުންވާ ތައްޔާރީތައް ވުމަށް އެމްއޭސީއެލަށް ވަގުތު ދިނުމެވެ. ހަމަ އެއާއި އެކު ސީޕްލޭން ހިދުމަތުގައި ތިބި، ފަރާތްތަކަށް ވެސް ދެވެން އޮތް އެންމެ އިންސާފުވެރި ގޮތަކަށް ޖާގަ ދިނުމެވެ. އެއީ ދެފަރާތަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ސަރުކާރުން ގަބޫލު ކުރެ އެވެ. ސަރުކާރުގެ މި ނިންމުމާ އެކު، ދެ އަހަރު ފަހުން މުޅި ސީޕްލޭން ޓާމިނަލް ހިންގުމުގެ ހުރިހާ ކަމަކާ އެމްއޭސީއެލުން ހަވާލުވާން ޖެހޭނެ އެވެ. މިހާރުއްސުރެ އެކަމަށް ތައްޔާރުވާން ޖެހޭނެ އެވެ.