އަބްދުﷲ ޚަލީލް

ރައީސް ސޯލިހު ހުވާކުރެއްވި ރަސްމިއްޔާތަށް މޯދީ ވަޑައިގަތީ ޑީލެއްގެ ދަށުން: މެންބަރު ޚަލީލް

1

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ރާއްޖެއަށް ވަޑައިގެންނެވީ ޑީލެއްގެ ދަށުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލު ވިދާޅުވެއްޖެ އެވެ.

ޚަލީލު މިހެން ވިދާޅުވީ އޭނާ މީގެ އިރުކޮޅެއް ކުރީން ކުރެއްވި ޓުވީޓެއްގަ އެވެ.

ޚަލީލުގެ އެ ތުހުމަތާ ގުޅޭ ގޮތުން "ވަން އޮންލައިން" އިން ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ، މޯދީ ރާއްޖެއަށް ވަޑައިގަތީ ޑީލެއްގެ ދަށުންކަން އެއީ ކަށަވަރު ކަމެއް ކަމަށާއި އެެހެން ނޫން ނަމަ ގައުމެއްގެ ބޮޑުވަޒީރަކު އެންމެ ތިންގަޑި އިރަށް އެގޮތަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

"އެމަނިކުފާނު އެ ވަޑައިގަތީ ޑީލެއްގެ ދަށުންކަން އެއީ ޔަގީން ކަމެއް. އެ ވަޑައިގަތީ އެއާޕޯޓުން ގަލޮޅު ދަނޑަށް އަނެއްކާ ދަނޑުން ސީދާ އެއާޕޯޓަށް. ކޮންމެވެސް ކަންތައްތަކެއް ރިއެލައިޒްކުރައްވަން ވަޑައިގެންނެވީ." ޚަލީލު ވިދާޅުވި އެވެ.

ޚަލީލުގެ ޓުވީޓުގައި ވަނީ ހެލިކޮޕްޓަރުތައް ބޭއްވުމާއި ސިފައިން އިތުރުކުރުމާއި އައިހެވަން ދިނުމާއި އައްޑޫ ސިޓީ އަދި ޅ. މާފިލާފުށީގައި ހަދާ ޓްރެއިނިން ސްކޫލު އޮޕަރޭޝަނަށް ގެނައުން މި ޑީލްގައި ހިމެނޭތޯ ސުވާލުއުފައްދަވައިފަ އެވެ.

"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުގައި ޚަލީލު ވިދާޅުވީ މޯދީގެ ދަތުރުފުޅަށް ފަހު ބައެއް ކަންކަން ވަރަށް ބާރަށް ހިނގަންފަށާފައިވާ ކަން އެއީ ފެންނާން އޮތް ހަގީގަތެއް ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ހެލިކޮޕްޓަރުތައް ވެސް ނުގެންދަން ނިންމިތަން. ނުވިތާކަށް ސިފައިންވެސް އިތުރުކުރި އަޑު މިއިވެނީ." ޚަލީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހެލިކޮޕްޓަރުތައް ފޮނުވައިލާން ނިންމައި އެތަކެތި ގެންދަން އެންގީ ސަބަބުތަކެއް ހުރެގެން ކަމަށާއި އެހެން ނަމަވެސް އިންޑިއާއިން އެކަން ނުކުރި ކަމަށެވެ. އަދި އިންޑިއާ ސިފައިންގެ ވިސާގެ މުއްދަތު ހަމަވެގެން ދިޔަ އިރު ވެސް ނުގެންގޮސް، ރާއްޖޭގެ އިމިގްރޭޝަނުގެ ގާނޫނާވެސް ޚިލާފަށް އެމީހުން ރާއްޖޭގައި ބޭތިއްބީ ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށް ވާތީ ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށް ބަލައިގެން ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

ޚަލީލު މިއަދު ކުރެއްވި އެހެން ޓުވީޓެެއްގައި ވިދާޅުވީ ވެރިކަމުގެ ލައްޒަތުގައި ޖެހި ބަޔަކު ރާއްޖެ މިގެންދަނީ އަޅުވެތި ކަމާ ދިމާއަށް ކަމަށާއި ވަގުތު ފާއިތުވުމުގެ ކުރީން ވިސްނައި ހޭލަން ޖެހޭ ކަމަށެވެ. އަދި ނުރައްކަލު ރަނގަބީލު އެންމެ ހަފުތާއަކުން ޖަހަން ފަށާފައިވާ ކަމަށް ވެސް އޭނާ ފަހުން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.