ޚަބަރު

މައުމޫނާއި ފާރިސްއާއި ދެ ފަނޑިޔާރުން އަދި ހަސަން ސައީދު މިއަދުވެސް ކޯޓަށް ހާޒިރުކުރަނީ

ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނާއި، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ކުރީގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު މިއަދު ހައި ކޯޓަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

ރައީސް މައުމޫނާއި ފާރިސްއާއި ދެ ފަނޑިޔާރުން އަދި ހަސަން ސައީދު ހައި ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.

ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އެ ބޭފުޅުން އިއްޔެ ހާޒިރުކޮށްފައިވަނީ ކްރިމިނަލް ކޯޓަށެވެ. ގިނަ އިރުތަކެއް ވަންދެން ކޯޓުގައި އެ ބޭފުޅުން ހޭދަކުރެއްވި ނަމަވެސް ކޯޓުން ވަކި ގޮތެއް ނުނިންމައި، އެ ފަސް ބޭފުޅުން ވަނީ އަނބުރާ ޖަލަށް ފޮނުވާލާފައިވެއެވެ. އެކަމާ ގުޅިގެން އެބޭފުޅުންގެ ގާނޫނީ ވަކީލުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރި މައުމޫންގެ މައްޗަށް އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ފާރިސްގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

މައުމޫނާއި ފާރިސް އަދި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ދޫކޮށްލުމަށް އެ ތިން ބޭފުޅުންގެ ގާނޫނީ ވަކީލު މައުމޫން ހަމީދު އެދިފައިވާ އިރު، އޭގެ ތެރެއިން ނަދީމް ވަނީ މިރޭ ދޫކޮށްލައިފައެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދަކީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ. އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައެވެ.

އެ ތުހުމަތުތައްކޮށް މައްސަލައިގެ ތަހުގީގު ފެށީ، ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި އަމުރެއް ނެރުއްވުމާ ގުޅިގެންނެވެ. އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކުރުމާއެކު، ސުޕްރީމް ކޯޓުގެ އަނެއް ތިން ފަނޑިޔާރުން ވަނީ ސިޔާސީ ލީޑަރުން ދޫކޮށްލަން ކުރި އަމުރު ބާތިލްކޮށްފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް ސުޕްރީމް ކޯޓުން ކަނޑާލަން އަބްދުﷲ ސައީދު އެންގެވި މައްސަލައިގައި އަބްދުﷲ ސައީދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިމަހުގެ އަށްވަނަ ދުވަހު ހުކުމްކޮށްފައިވާ އިރު، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރި ދައުވާގައި އަބްދުﷲ ސައީދާއި އަލީ ހަމީދު، އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމެއް އައިސްފައިވެއެވެ.

ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެން ހަސަން ސައީދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. ހަސަން ސައީދުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ފެބުރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ފަތިހުން ފެށިގެން ރިޝްވަތުގެ މައްސަލައެއްގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، ފުލުހުން އޭނާ ހޯދުމަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާތީއާއި، އޭނާ ހޯދާކަން އެނގިހުރެ ފުލުސް އޮފީހަށް ހާޒިރުވެފައި ނުވާތީ ކަމަށް ބުނެއެވެ.

ފާރިސްއާއި މައުމޫން އަދި ދެ ފަނޑިޔާރުންގެ އިތުރުންވެސް އިއްޔެ ވަނީ ގިނަ ސިޔާސީ ހައްޔަރީންތަކެއް ކޯޓަށް ހާޒިރުކޮށްފައެވެ. އޭގެ ތެރެއިން މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް އަދި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވަނީ ދޫކޮށްލައިފައެވެ. އެ ބޭފުޅުންގެ މައްޗަށް ކުރިން އަމުރުކޮށްފައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.