ޚަބަރު

މިނިމަމްވޭޖެ ކަނޑައެޅުމަށް މަޖިލީހުގެ ލަފާ ހޯދަން ފޮނުވައިފި

އިބްރާހިމް ޒަކީ

ވަޒީފާ އަދާކުރާ ފަރާތްތަކަށް ދޭނެ އެންމެ ކުޑަ އުޖޫރަ (މިނިމަމްވޭޖް) ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިނިމަމްވޭޖާ ބެހޭގޮތުން، ސެލެރީ އެންޑް ވޭޖް އެޑްވަޒީބޯޑުން ހުށަހަޅާފައިވާ ރިޕޯޓާއި، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން ހުށަހަޅާފައިވާ ރިޕޯޓާއި ސްޓޭކްހޯލްޑާސްއާ ބެހޭ ގޮތުން މިނިސްޓްރީން ބޭއްވި ބައްދަލުވުންތަކުން ފާހަގަ ކުރެވުނު ކަންތައްތަކާއެކު ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ބެހޭގޮތުން ފާހަގަ ކުރެވޭ ކަންތައްތައް ފާހަގަ ކުރައްވައި މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލް މަޖިލީހަށް ފޮނުއްވަވާފައިވާ ކަމަށެވެ.

އެކަންތައްތަކަށް ބެލުމަށްފަހު މިނިމަމްވޭޖާ ބެހޭގޮތުން މަޖިލީހުން ދެކޭގޮތެއް އަންގަވައި ދެއްވުމަށްވެސް މިނިސްޓަރު އެދިވަޑައިގެންފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެ މައްސަލަ މަޖިލިސް ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވައިފައެވެ.

މިނިމަމްވޭޖާ ބެހޭގޮތުން ލަފާ ހޯއްދެވުމަށް މިނިސްޓަރު މަޖިލީހަށް ފޮނުއްވިއިރު، މިނިމަމްވޭޖާ ބެހޭ ބިލެއް މަޖިލީހުގެ ހާއްސަ ކޮމިޓީއަކުން ވަނީ ތައްޔާރު ކޮށްފައެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ މި މަސް ނިމުގެ ކުރިން ކަނޑައަޅުއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

މިމަހު 11 ވަނަ ދުވަހު މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ އުސޫލާއި އަދަދާ މެދު މަޝްވަރާކުރުމަށް ފަހު، މި މަސް ނިމުމުގެ ކުރިން އެ ކަން އިއުލާނުކުރައްވާނެ ކަމަށެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓަރަށް ދޭ ގޮތަށް، ވަޒީފާއާ ބެހޭ ގާނޫނަަށް ސަރުކާރުން ވަނީ އިސްލާހެއް ވެސް ހުށަހަޅާފަ އެވެ.

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހެޅުއްވި އެ އިސްލާހުގެ ފުރަތަމަ ކިޔުން ވަނީ އިިއްވައިފައެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ އެކަމަށް ލަފާދޭން އެކުލަވައިލާ ބޯޑެއްގެ ލަފަޔާ އެކު އިކޮނޮމިކް މިނިސްޓަރު ކަމަށެވެ.