ޚަބަރު

އެންމެ ކުރީއްސުރެއް ވެސް އާ ޓާމިނަލް ހިންގުމުގެ ވިސްނުމެއް އެމްއޭސީއެލްގެ ނެތް: އޭސީސީ

1

އެމްއޭސީއެލް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ތަރައްގީ ކުރަމުންދާ އާ ސީޕްލޭން ޓާމިނަލް ހިންގުމަށް އެންމެ ކުރީއްސުރެއް ވެސް އެކުންފުނީގެ ވިސްނުމެއް ނެތް ކަމަށް އާ ޓާމިނަލްއާ ގުޅޭގޮތުން އެންޓި އެ ކޮމިޝަނުން ހިންގި ތަހުގީގަށް ހާމަވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން ރައްޔިތުންގެ މަޖިލީހާ ހިއްސާކުރި ފުރިހަމަ ތަހުގީގު ރިޕޯޓްގައި ބުނެފައިވަނީ، އެމްއޭސީއެލުން ރައީސް އޮފީހަށް ފޮނުވި ސިޓީއެއްގައި ވީއައިއޭގެ ތަރައްގީގެ މަޝްރޫއުގެ ދަށުން ހާހެއްހާ މުވައްޒަފުން ތަމްރީނުކޮށް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާތީ، އެ މަސައްކަތްތައް ކުރަމުންދާ ދަނޑިވަޅެއްގައި، ސީޕްލޭން ޓާމިނަލްގެ އޮޕަރޭޝަން އެމްއޭސީއެލުން ނަގަންވާނީ އެ އޮޕަރޭޝަނަށް ހީނަރުކަމެއް ނާންނާނެހެން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް އާ ސީޕްލޭން ޓާމިން އިމާރާތްކުރުމުގެ މަޝްރޫއު ފަށާފައިވަނީ 14 ސެޕްޓެމްބަރު 2017 ގައި ކަމަށްވާއިރު އާ ސީޕްލޭން ޓާމިނަލް ހިންގުމަށް ދުރާލާ ތައްޔާރުވެގެން މުވައްޒަފުން ތަމްރީނު ކުރިނަމަ، އެ ޓާމިނަލް ހުޅުވަންވާއިރަށް އާ މުވައްޒަފުން ތަމްރީންކޮށްގެން އެމްއޭސީއެލްއަށް ތައްޔާރު ވެވުނީސްކަން ފާހަގަވެފައިވާ ކަމަށެވެ.

އޭގެ އިތުރުން އޮޑިޓަރު ޖެނެރަލްގެ އޮފީހުން 3 ޑިސެމްބަރު 2019 ގައި ނެރުނު ރިޕޯޓްގައި އާ ސީ ޕްލޭން ޓާމިނަލްގެ މަޝްވަރާ މަސައްކަތް 27 އޭޕްރިލް 2015 އިން ފެށިގެން ކުރިއަށް ގޮސްފައިވީނަމަވެސް، އާ ސީޕްލޭން ޓާމިނަލް އެމްއޭސީއެލުން ހިންގުމަށް ފަށާނެ ގޮތުގެ އޮޕަރޭޝަނަލް ޕްލޭނާއި ރޯލް އޯވާ ޕްލޭނެއް ތައްޔާރުކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީގެ ރިޕޯޓްގައި ބުނެފައިވެއެވެ.

"އާ ސީ ޕްލޭން ޓާމިނަލް އެމްއޭސީއެލް އިން ހިންގުމުގެ ވިސްނުން އެ ކުންފުނިން ގެންގުޅެފައިނުވާ ކަމާއި އެމްއޭސީއެލް އިން އެންމެ ކުރީއްސުރެ ވިސްނުން ގެންގުޅެފައިވަނީ ސީޕްލޭން އޮޕަރޭޓަރުންނަށް އާ ސީޕްލޭން ޓާމިނަލް ހިންގަން ހަވާލުކުރަން ކަމަށް ބެލެވެއެވެ،" އޭސީސީގެ ތަހުގީގު ރިޕޯޓްގައި ބުނެފައިވެއެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ، އާ ސީޕްލޭން ޓާމިނަލް ހިންގާނެ ގޮތަކާމެދު ރިޒޯޓް ހިންގާ ކުންފުނިތަކުގެ ހިޔާލު ހޯދުމަށް މިދިޔަ އަހަރުގެ ޖުލައި މަހު އެމްއޭސީއެލުން ކޮންސްޓަންސް، ޔުނިވާސަލް ގުރޫޕް، އަނަންތަރާ، ކަނުހުރާ އަދި ޑަބްލިޔު މޯލްޑިވްސްއާއެކު ބައްދަލުކުރި ކަމަށެވެ.

އެ ބައްދަލުވުންތަކުގެ ޔައުމިއްޔާތުގައި އެއް ރިޒޯޓް ފިޔަވާ އެހެން ހުރިހާ ރިޒޯޓްތަކަކުން އެމްއޭސީއެލުން އާ ސީޕްލޭން ޓާމިނަލް ހިންގަން ބޭނުންވާ ކަމަށާއި އަދި އެއީ ސީ ޕްލޭން އޮޕަރޭޓަރުންގެ މެދުގައި ވާދަވެރި އުފެއްދުމަށާއި އެކަށީގެންވާ އަގެއްގައި ހިދުމަތްތައް ލިބިގަތުމުގެ ބޭނުމުގައި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓްގައި ބުނެފައިވަނީ، އާ ސީޕްލޭން ޓާމިނަލުން ޖާގަ ކުއްޔަށް ދޫކުރުމަށް އެމްއޭސީއެލުން އެއްބަސްވުމެއް ޑްރާފްޓްކޮށް ޓީއެމްއޭއާ ހިއްސާކޮށް އެ ޑްރާފްޓް ފައިލް ވެސް ކޮށްފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅޭގޮތުން ދެ ފަރާތުން ފޯނުން ގުޅަިއގެން މުއާމަލާތްކޮށްފައިވާކަން، އެމްއޭސީއެލްގެ މުވައްޒަފުންނާއި ޓީއެމްއޭގެ ފަރާތްތަކާ ދެމެދު އީމެއިލް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައިވާ މުއާމަލާތްތަކުން އެނގޭ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ އެފަދަ އެއްބަސްވުމެއް ޑްރާފްޓް ކޮށްފައިވަނީ ހަމައެކަނި ޓީއެމްއޭއާއެކު ކަމުގައިވާތީ، އެކަމަކީ އެމްއޭސީއެލުން އިމާރާތްކުރާ އާ ސީޕްލޭން ޓާމިނަލްގެ ބޮޑުބައެއް ޓީއެމްއޭއަށް ނުއަގުގައި ކުއްޔަށްދީ، ޓީއެމްއޭއަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.