ކުޅިވަރު

ޑޯޓްމަންޑުން އަލްކަސާގެ ލޯން އެއްބަސްވުން ދާއިމީ ކޮށްފި

ސްޕެއިންގެ ބާސެލޯނާއިން ލޯން އެއްބަސްވުމެއްގެ ދަށުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑު ޕަކޯ އަލްކަސާގެ އެއްބަސްވުން ދާއިމީކޮށްފިއެވެ.

ބާސެލޯނާ އާއި ޑޯޓްމަންޑާއި ދެމެދު ހެދިފައިވާ ލޯން އެއްބަސްވުމުގެ ދަށުން، އަލްކަސާ ގަތުމުގެ ފުރުޞަތު އޮތެވެ. އެހެންކަމުން، އެ ކުލަބަށް ބަދަލުވުމަށްފަހު އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން، 22.7 މިލިއަން ޕައުންޑުގެ އަގަކަށް ޑޯޓްމަންޑުން ވަނީ އޭނާ ގަނެ، އެއްބަސްވުން ދާއިމީ ކޮށްފައެވެ.

ޑޯޓްމަންޑުން ފުރަތަމަ އޭނާ އެކުލަބަށް ގެނައީ މިދިޔަ އޮގަސްޓު މަހު، ސީޒަން ނިމެންދެން ލޯން އެއްބަސްވުމުގެ ދަށުންނެވެ. އެހެންނަމަވެސް، ސީޒަންގެ މިހާ ހިސާބަށް ދިޔައިރު އުމުރުން 25 އަހަރުގެ އަލްކަސާގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުން ދިއުމާ ގުޅިގެން، އެއްބަސްވުމާއި އެއްގޮތަށް އޭނާ ގަތުމުގެ އިޚުތިޔާރު އޮތުމުން، ޑޯޓްމަންޑުން އޭނާގެ އެއްބަސްވުން ދާއިމީ ކުރީއެވެ. އަދި މި އެއްބަސްވުމުގެ ދަށުން އޭނާ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޑޯޓްމަންޑުގައި ހުންނާނެއެވެ.

އަލްކަސާ ވަނީ މިހާތަނަށް ޖަރުމަނު ލީގުގައި އޭނާ ކުޅުނު 8 މެޗުގައި 9 ގޯލު ކާމިޔާބުކޮށްފައެވެ. އެންމެ ފަހުން ލީގުގައި ވާދަވެރި ބަޔާން މިއުނިކް އަތުން ފަހަތުން އަރާ މޮޅުވި މެޗުގައި، އޭނާ ވަނީ ބެންޗުން އަރާ މޮޅުވި ލަނޑުވެސް ކާމިޔާބުކޮށްދީފައެވެ. ބާސެލޯނާގައި ހޭދަކުރި ދެ އަހަރުގައި އޭނާ އަށް ކާމިޔާބު ކުރެވިފައިވަނީ 15 ގޯލެވެ. ޑޯޓްމަންޑުގައި އަލްކަސާ ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން އޭނާ އަށް ވަނީ ދާދިފަހުން ސްޕެއިންގެ ޤައުމީ ޓީމުންވެސް ފުރުޞަތު ލިބިފައެވެ. މިއީ ދެ އަހަރާއި ބައިގެ ފަހުން އޭނާއަށް ޤައުމީ ޓީމުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. އަދި އޭނާ ވަނީ އެންމެފަހުން އިންގްލެންޑާއި ވޭލްސް އާއި ދެކޮޅަށް ކުޅުނު 2 މެޗު ގައި 3 ގޯލު ކާމިޔާބުކޮށްފައެވެ.