ޚަބަރު

އިންޑިއާގައި ކަރަންޓީން ކޮށްފައި ތިބި ދިވެހިން މާދަމާ ރާއްޖެ ގެންނަނީ

އަލީ ޔާމިން

ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް-19 ފެތުރިފައިވާ މައި މަރުކަޒު، ޗައިނާގެ ވުހާން ސިޓީން ނެރެ، އިންޑިއާއަށް ގެންގޮސް އެގައުމުގައި ކަރަންޓީން ކޮށްފައި ތިބި ދިވެހިން، މާދަމާ ރާއްޖެ ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާގައި ކަރަންޓީން ކޮށްފައި ތިބި ހަތް ދިވެހިން ރާއްޖެ އަންނާނީ މާދަމާ ހެނދުނު ކަމަށެވެ.

ވުހާންގައި ތިބި އިންޑިއާގެ 323 ރައްޔިތުންނާއެކު ހަތް ދިވެހިން ވުހާން އިން ނެރެ އިންޑިއާގެ ނިއު ދެއްލީއަށް ގެންގޮސްފައިވަނީ އެއާ އިންޑިއާގެ ފްލައިޓެއްގައި މިމަހުގެ އެއްވަނަ ދުވަހުއެވެ. އަދި އެމީހުން ކަރަންޓީން ކޮށްފައި ތިބީ ޓިބެޓަން ބޯޑާ ޕޮލިސް ޗައުޅާ ކޭމްޕް (އައިޓީބީޕީ)ގައެވެ.

ކަރަންޓީން ކޮށްފައި ތިބި ދިވެހިން އިންޑިއާގެ "ވިއޮން" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެމީހުންނާމެދު އަމަލު ކުރަމުން އަންނަނީ ރަނގަޅަށް ކަމަށާއި ކޮންމެ ދުވަހަކު ޑޮކްޓަރުން އެމީހުންގެ މެޑިކަލް ޗެކަލް ހަދަމުންދާ ކަމަށެވެ.