އިބްރާހީމް އަމީރު

ޓާމިނަލްގެ މައްސަލަގައި ސަރުކާރުގެ ނިންމުމަށް މަޖިލީހުން ތާއީދު ކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފި

އަލީ ޔާމިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރާ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމުގައި ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އަށް އަންގާފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ތާއީދުކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ސީޕްލޭން ޓާމިނަލްގެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވީ ސީޕްލޭން ޓާމިނަލް ދިނުމަށް ސަރުކާރުން އެމްއޭސީއެލަށް އަންގާފައިވާ އުސޫލަށް އަމަލު ކޮށްފިނަމަ ސީޕްލޭން ޓާމިނަލުން ލިބޭނެ ފައިދާ ބޮޑު ތަނުން އިތުރުވެގެންދާނެ ކަމަށެވެ.

"މި ގޮތަށް އަމަލުކުރެވިއްޖެ ނަމަ ކުރިން އަންދާޒާ ކުރި 5.7 މިލިއަން ޑޮލަރުގެ ބަދަލުގައި އަޅުގަނޑުމެންނަށް ސީޕްލޭން ޓާމިނަލުން އަހަރަކަށް ފުރަތަމަ ދެ އަހަރު ގާތްގަނޑަކަށް 33 މިލިއަން އެމެރިކާ ޑޮލަރު ލިބިގެންދާނެ. އަދި އޭގެ ފަހުން އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގެ އަންދާޒާގައިވާ ގޮތުން 40 މިލިއަން ޑޮލަރު ލިބިގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.

ޓާމިނަލްގެ މައްސަލައިގައި ފިނޭންސުން އެމްއޭސީއެލަށް ފޮނުވާފައިވާ އުސޫލުގައި ވަނީ އާ ސީޕްލޭން ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ޓީއެމްއޭއަށް މިހާރު ސީޕްލޭން ޓާމިނަލް އޮޕަރޭޓް ކުރަމުން އަންނަ ވަރުގެ ޖާގައެއް ދިނުމަށް ފަހު ބާކީވާ ބައި ހަމަ ބިޑް އުސޫލުން ދޫކޮށްގެން ސީޕްލޭން ޓާމިނަލް ހިންގުމަށެވެ.

ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމުގެ މައްސަލަ ފެންމަތިވެފައިވަނީ މިހާތަނަށް އެއާޕޯޓުގެ އެއްވެސް ތަނެއް ދީފައި ނުވާހާ ހެޔޮ އަގެއްގައި ޓީއެމްއޭއަށް ޓާމިނަލް ކުއްޔަށް ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެންނެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ސަރުކާރުން އާންމުކޮށްފައިވާ އުސޫލަށް މަޖިލީހުގެ މެމްބަރުން ތާއިދުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އެއީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ.

"އަޅުގަނޑު އެދެން އިއްޒަތްތެރި މެންބަރުންގެ އަރިހުން ސަރުކާރުގެ މި ހުށަޙެޅުމުގައިވާ ގޮތަށް މީގެ އެންޑޯޒްމެންޓަކަށް." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ސަރުކާރުން ގޮތްތަކެއް ނިންމާފައި ވަނީ ފޮރިން ޑައިރެކްޓް އިންވެސްޓަރުން ގެނެވޭނެ ގޮތަށް އެ ފަރާތްތަކުގެ އިތުބާރާއެކު ކަމަށެވެ.