ގާސިމް އިބްރާހިމް

ލީކުވެގެން އުޅޭ އޯޑިއޯތަކުގައި ދައްކަނީ ކެބިނެޓު ވަޒީރުންގެ ވާހަކަ، ގޮތް ނިންމަވާނީ ރައީސް: ގާސިމް

1

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ބުނެ، ލީކުކޮށްލައިގެން އުޅޭ އޯޑިއޯތަކުގައި ހުރި ވާހަކަތައް ނިސްބަތް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވަޒީރުންނަށް ކަމަށާއި އެހެން ކަމުން އެކަމުގައި ގޮތް ނިންމަވާނީ ވެސް ރައީސުލް ޖުމްހޫރިއްޔާ ކަމަށް ޖުމުހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް އިބްރާހީމް މިހެން ވިދާޅުވީ، އަލީ ވަހީދުގެ ދައްކަވާފައި ހުރި ވާހަކަތަކެއް ކަމަށް ބުނެ ލީކު ކޮށްލާފައިވާ އޯޑިއޯތަކުގެ މައްސަލައިގައި ޕާޓީން ގޮތެއް ނިންމަވައިދެއްވުމަށް، މިރޭ ބޭއްވި ޖުމުހޫރީ ޕާޓީގެ 140 ވަނަ ކައުންސިލު ބައްދަލުވުމުގައި، މެންބަރަކު ހުށަހެޅުއްވުމުން ދެއްވި ޖަވާބުގަ އެވެ.

"ވަން" އާ މި ވާހަކަތައް ހިއްސާކުރެއްވީ، ޖޭޕީން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލު މެންބަރެކެވެ.

ކައުންސިލު ބައްދަލުވުމަށް މެންބަރަކު ހުށަހެޅުއްވީ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ޖުމުހޫރީ ޕާޓީގެ ރައީސް ކަމުގައިވެސް މި ވަގުތު ހުންނެވި ބޭފުޅާ ކަމުން، ލީކު ވެގެން އުޅޭ އޯޑިއޯ ތަކުގެ ސަބަބުން ޕާޓީއަށް ނޭދެވޭ އަސަރުކޮށް ޕާޓީ ބަދުނާމުވަމުން ދާތީ އެކަމާ މެދު ގޮތެއް ނިންމަވައިދެއްވުމަށެވެ.

އެ އޯޑިއޯތަކުގައި ދައްކާފައި ހުރި ވާހަކަތައް، ރައީސް ސޯލިހުގެ ކެބިނެޓުގެ ވަޒީރުން ތަކަކަށް ނިސްބަތްވާ އިރު، އެކަމުގައި ސީދާ އޭނާގެ މަސްލަހަތު ވެސް ހިމެނޭ ހާލަތެއް އެބަ އޮތް ކަމަށް ގާސިމް ފާހަގަކުރެއްވި އެވެ. ގާސިމް އެފާހަގަ ކުރެއްވި ނުކުތާއަކީ އޭނާގެ އަނބިކަނބަލުން، ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާގެ ވާހަކަ ކަމަށް ބެލެވެ އެވެ.

ގާސިމް އިތުރަށް ވިދާޅުވީ، ލީކުވެގެން އުޅޭ އޯޑިއޯގައި އެވާހަކަތައް ދެއްކެވި ބޭފުޅަކު އެކަމެއް ކުރެއްވި ތަނަކާއި ނިސްބަތްވާ ބޭފުޅުންނަށް ބަލާ އިރު، އެކަމުގައި ރައީސް ސޯލިހު ބައްލަވަން ޖެހިވަޑައިގަންނަވާ ވަރަކަށް ބައްލަވައި، ގޮތެއް ނިންމެވުމުން އެކަން އެ ނިމުނީ ކަމަށާއި ކަމުގެ އަސްލަށް ބަލާ އިރު ޖޭޕީން އެފަދަ ކަންކަން ތަހުގީގު ނުކުރެވޭނެ ކަމަށެވެ.

ގާސިމް އިބްރާހީމް މިމޭރުމުން ވާހަކަދެއްކެވި އިރު، އެ ޕާޓީގެ ރައީސް، އަދި އެ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދު ދެއްކެވި ވާހަކަތަކެއް ކަމަށް ބުނާ އޯޑިއޯ ކުލިޕުތަކެއް ވަނީ ލީކު ކޮށްލާފަ އެވެ. ޖުމުލަ ފަސް ކުލިޕެއް ލީކުކޮށްލާފައި ވާއިރު، އޭގެ ތެރެއިން ބައެއް ކުލިޕު ތަކުގައި ވަނީ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއަށް ހުތުރު ބަހުރުވައިން މުހާތަބު ކޮށްފަ އެވެ. އެއް ކުލިޕެއްގައި، ގާސިމް އިބްރާހީމްގެ އަނބިކަނބަލުން، އަދި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާއާ ބޭ އަދަބީކޮށް ވާހަކަދައްކައި މުހާތަބުކޮށްފައިވެ އެވެ. އެންމެ ފަހުން ލީކުކޮށްލި އޯޑިއޯ ކުލިޕުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ނިސްބަތްކޮށް ވެސް ބޭއަދަބީކޮށް ވާހަކަދައްކައިފަ އެވެ. މީގެ އިތުރުން ކޮރަޕްޝަނާ ގުޅޭ ވާހަކަތަކެއް ވެސް ދައްކާފައި ވެއެވެ. ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭތީ ފުލުހުން ވެސް އެ މައްސަލަ ބަލަމުން އަންނަ ފުލުހުންގެ މިރޭ ވަނީ ބުނެފަ އެވެ.