ޚަބަރު

ޓީއެމްއޭ އިން ރައީސް ނަޝީދަށް 13 މިލިއަން ޑޮލަރު ލިބުނު: މެމްބަރު ނަޝީދު

އަލީ ޔާމިން

2

ރައްޔިތުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން 13 މިލިއަން ޑޮލަރު ލިބިވަޑައިގެންނެވި ކަމަށް ނޮޅިވަރަމް ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ތުހުމަތު ކުރައްވައިފިއެވެ.

މެންބަރު ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޓީއެމްއޭ އިން 13 މިލިއަން ޑޮލަރު ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރުން ބޭނުން ކުރައްވައިގެން އެ މައްސަލަ އޮއްބާލަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ޓީއެމްއޭއިން ރައީސް މުހައްމަދު ނަޝީދަށް 13 މިލިއަން ޑޮލަރު ދިންކަން އޮއްބާލަން މިއަދު އެމްޑީޕީގެ މެންބަރުން ލައްވާ ކުރީ ސަރުކާރޭ. ކުރީ ސަރުކާރޭ މި ކިޔަނީ. ގާނޫނުއަރާ ހަމަކުރާނެ. އެކަން ދަންނާތި. ގޮނޑި ދުއްވަން މިފަހަރު ނުފޮނުވާނެ. އޮންނަން ޖެހޭނީ ޖަލުގައި،" މެންބަރު ނަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލްގެ ބޮޑުބައެއް ޓީއެމްއޭއަށް ދިނުމަށް އެމްއޭސީއެލުން ނިންމާފައިވާ މައްސަލަ ފެންމަތިވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވެސް ދަނީ އެ މައްސަލަ ބަލަމުންނެވެ. އެގޮތުން އެ މައްސަލައާއި ގުޅުންހުރި ހުރިހާ ފަރާތެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދަނީ ހާޒިރު ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު ވެސް ގެންދަވަނީ ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ ސަރުކާރާއި ޓީއެމްއޭއަށް އެއްބަސްވެވޭ ގޮތަކަށް މައްސަލަ އަވަހަށް ނިންމުން މުހިންމު ކަމަށެވެ.

އެކަމާއި ގުޅިގެން އެމަނިކުފާނަށް ވެސް ތުހުމަތު ތަކެއް ކުރެވުނެވެ. އެގޮތުން ޓީއެމްއޭއަށް ފައިދާވާ ގޮތަށް ރައީސް ނަޝީދު ވަކާލާތު ކުރައްވަމުން ގެންދަވާ ކަމަށާއި އަދި އެއީ ޓީއެމްއޭގެ ހިއްސާ ކޮންޓްރޯލްކުރާ ކޮންސޯޓިއަމްގައި ހިމެނޭ ބެއިން ކެޕިޓަލްގެ ވަކީލެއްގެ ގޮތުގައި ރައީސް ނަޝީދުގެ ވަކީލު، ޖެރެޑް ޖެންސާ ހިމެނޭތީ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރިއެވެ.