ކުއްލި ޚަބަރު

ލީކުވި އޯޑިއޯތަކުގެ ތެރޭގައި ޖިނާއީ ކުށެއް ހިމެނޭތީ ފުލުހުން އެކަން ބަލަން ފަށައިފި

ލީކު ކޮށްލާފައިވާ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ މީހަކާއި އިތުރު ބަޔަކާ ދެމެދު ދައްކާފައިވާ އޯޑިއޯތަކުގެ ތެރޭގައި ޖިނާއީ ކުށެއް ހިމެނޭތީ އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ލީކު ވެގެން އުޅޭ އޯޑިއޯތަކާ ގުޅިގެން ފުލުހުން ބުނީ، ލީކު ވެގެން އުޅޭ އޯޑިއޯތަކާ ގުޅޭގޮތުން ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށެވެ. ނަމަވެސް އޯޑިއޯތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭ ފަދަ އޯޑިއޯއެއް ފާހަގަކުރެވިފައިވާތީ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެ އޯޑިއޯއާގުޅޭ ކަންކަން އިތުރަށް ސާފު ކުރަމުންދާ ކަމަށް ބުންޏެވެ.

ފުލުހުން ބަލަމުންދަނީ އޯޑިއޯގައި ދައްކާފައިވާ ކޮން ވާހަކައަކާ ގުޅޭ މައްސަލައެއް ކަމެއް ނޭނގެއެވެ.

ޓުވިޓާ އެކައުންޓަކުން މިހާތަނަށް ވަނީ މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ މީހަކު ދައްކާފައިވާ ވާހަކަތަކެއްގެ އެތިއެތި ކޮޅުން ފަސް އޯޑިއޯ ކުލިޕެއް ލީކު ކޮށްލައިފައެވެ. އެކި އޯޑިއޯ ކުލިޕުތަކުގައި ހުރީ އެކި ވާހަކަ ތަކެވެ. އޭގެ ތެރޭގައި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާ ގުޅޭ ގޮތުންނާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ގުޅޭ ގޮތުން ވަރަށް ހުތުރުކޮށް ދައްކަވާފައިވާ ވާހަކަތަކެއް ހިމެނެއެވެ.

މީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު، އައިޝަތު ނަހުލާއާ ފޯނުން ގުޅުއްވައި ބޭއަދަބީކޮށް ވާހަކަދައްކަވާ އޯޑިއޯ އަކާއި ފާހިޝް އަމަލު ތަކެއް ކުރާން ވާހަކަދައްކަވާ އިރު ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގަވާން ރާއްވަވާ އަޑުވެސް އެއް އޯޑިއޯއަކުން އިވެއެވެ.

މި އޯޑިއޯތަކުގެ މައްސަލަ ބޮޑުވެ، އަލީ ވަހީދުގެ އިސްތިއުފާއަށް ވެސް ގިނަ ބަޔަކު އަންނަނީ ސޯޝިއަލް މީޑިއާގައި ގޮވަމުންނެވެ. އަދި އަލީ ވަހީދު ކެބިނެޓުން ވަކި ކުރުމަށް، ރައީސް ސޯލިހަށް ބައެއް މީހުން އަންނަނީ ގޮވާލަމުންނެވެ.

އެ އޯޑިއޯތައް ގުޅިގެން އަލީ ވަހީދު ވަނީ ތަކުރާރުކޮށް އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ފުރިހަމަ ތަހުގީގެއް ކުރުމުން ހަގީގަތް ސާފުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި އާންމުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް މިކަމާގުޅޭ ގޮތުން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.