ކުޅިވަރު

މިއަހަރުގެ މާޗްގައި ބޭއްވުމަށް ހަމަޖެއްސި ސެންޓްރަލް ޒޯން މުބާރާތް ސެޕްޓެމްބަރަށް ލަސްވެއްޖެ

އައިދާ އަބްދުލް ހަކީމް

މިއަހަރުގެ މާޗްމަހު ބަންގުލަދޭޝްގައި ބޭއްވުމަށް ހަމަޖެއްސި މެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ސެޕްޓެމްބަރު މަހަށް ލަސްވެފައިވާކަން ބަންގުލަދޭޝްގެ ވޮލީބޯޅަ ފެޑަރޭޝަނުން އަންގާފައިވާ ކަމަށް ވޮލީ ބޯޅަ އެސޯސިއޭޝަން(ވީއޭއެމް)ގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ލަތީފު މިއަދު ވިދާޅުވީ ކުރިން މިއަހަރުގެ މާޗްމަހުގެ 22 އިން 28 އަށް ބޭއްވުމަށް ނިންމި މުބާރާތް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 04 އިން 11 އަށް ކަމަށެވެ.

ލަތީފު ވިދާޅުވީ ރާއްޖެއިން މިމުބާރާތުގައި މިދިޔަ މަހުގެ 11 ވަނަ ދުވަހު ބައިވެރިވުމުގެ ފޯމް ފޮނުވާފައިވާ ކަމަށާއި މުބާރާތް ލަސްވި ނަމަވެސް ޓީމުގެ ފަރިތަކުރުންތައް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ޓީމުގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް

ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ކުޅުންތެރިންނަށް ގެއްލުންވާ ގޮތަށް އަމަލު ކުރާކަމަށް ބުނެ، ވޮލީބޯޅަ އެސޯސިއޭޝަން ގަދަކަމުން ޖަހައިގަނެގެން އުޅޭ ބަޔަކު އޮލިމްޕިކް ކޮމިޓީއަށް ސިޓީއެއް ހުށަހަޅާފައިވާ ކަމުގެ މައުލޫމަތު ލިބިފައިވާ ކަމަށެވެ. އަދި އެސިޓީގައި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ޓީމު ބައިވެރި ނުކުރާ ކަމަށް ބުނެ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ސަލީމް(ހީނާ) ވަނީ ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސްގެ ޒިންމާ އަދާކުރުމަށް ހުރަސް އަޅުއްވާފައި ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ސްޕޯޓްސް ކޮމިޝަނުން ވީއޭއެމްގެ އިމާރާތް ފޭރިގަނެގެން އުޅުނު ނަމަވެސް އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އާއި ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ވޮލީބޯލް(އެފްއިވީބީ) އިން އަދިވެސް މުއާމަލާތް ކުރަމުން އަންނަނީ އޭނާއާ ކަމަށް މުހައްމަދު ލަތީފު ވަނީ ވިދާޅުވެފައެވެ.