ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޕޯޓު ގުޅީފަޅަށް ބަދަލު ކުރުމާއި، މާލެ-ތިލަފުށި ގުޅާލުމުގެ މަޝްރޫއު ޖޫންގެ ކުރިން ފެށޭނެ: ރައީސް

އިބްރާހިމް ޒަކީ

މާލޭގެ ޕޯޓު ގުޅީފަޅަށް ބަދަލު ކުރުމާއި، މާލެ-ތިލަފުށި ގުޅާލުމުގެ މަޝްރޫއު އަންނަ ޖޫންގެ ކުރިން ފެށޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާލޭގެ މަގުތައް އަލުން ހެދުމަށް މިއަދު ފެށި، "މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މާލެއަށް ކުރަންހުރި ކަންތައްތަކުގެ ތެރޭގައި، އެންމެ މުހިއްމު އެއްކަމަކީ، މާލޭގެ ޕޯޓް، ގުޅިފަޅަށް ބަދަލުކުރުން ކަމަށެވެ.

އެއާއެކީގައި، މުޅި މާލޭގެ މަލަމައްޗަށް ބޮޑު ބަދަލުތަކެއް އަންނަ ތަން ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ " އިރާދަކުރެއްވިއްޔާ، މިއަހަރުގެ ޖޫން މަހުގެ ކުރިން މާލޭގެ ބަނދަރު، ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫއާއި، މާލެ އާއި ގުޅިފަޅާއި ތިލަފުށި ގުޅައިލުމުގެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ ފެށިގެންދާނެ،" ކަމަށެވެ.

ރައީސް ވިދާޅުވީ މާލޭގެ މަގުގެ ބިމުގެ އަޑީގައި، އަޅުގަނޑުމެންނަށް ދެމުންގެންދާ އަސާސީ ހިދުމަތްތަކެއް އެބަހުރި ކަމަށެވެ.

އަދި "މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް" ނިމިގެންދާއިރު، އަަސާސީ ހިދުމަތްތައް ދިނުމަށް މާލޭގެ ބިމުއަޑީގައި ހަމައެއް ލަމައެއްނެތި ދަމާފައިވާ ނަރު ތަކާއި ހޮޅިތަކަށް ރަނގަޅު ހައްލެއް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މާލޭގެ މަގަށް ލިބިގެންދާނެ ދާއިމީ ހައްލަކީ ތާރު އެޅިގެން ދިއުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ފެނާއި ނަރުދަމާ އާއި، ފޯނާއި، ކަރަންޓާއި، ކޭބަލް ޓީ.ވީ.ގެ ނަރުތައް ދެމިފައި އޮތީ ބިމުގެ އަޑީގައި. އެއްވެސް އިންތިޒާމެއް، ހަމައެއްނެތި. މި މަޝްރޫއު ކުރިއަށްދާއިރުގައި، މިކަންތައްތަކަށް ރަނގަޅު ޙައްލެއް އިރާދަކުރެއްވިއްޔާ އަންނާނެ. އެއާއެކީގައި، ޝިފާ ވިދާޅުވިފަދައިން، އަޅުގަނޑުމެންގެ ދާއިމީ ހައްލަކަށް ވެގެންދާނީ، މި މާލޭ މަގުތަކުގައި ތާރު އެޅިގެންދިޔުން،" ރައީސް ވިދާޅުވިއެވެ.

އާރުޑީސީން ބުނީ މާލޭ ސީޓީއާ ގުޅިގެން މިއަދު ފެށި "މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް" ގެ ދަށުން މަގުތައް ހަދަނީ އިތުރު ކަމަކަށް ދެން މަގު ކޮންނަން ނުޖެހޭގޮތަށް، ކަމަށެވެ.

އަދި އެކަމުގައި ސްޓެލްކޯއާއި އެހެނިހެން އެފަދަ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދިނުމަށް އަޅާ ނަރުތައް ހުޅުމާލޭގެ މަގުތައް ފަދައިން، މަގުގެ ދެ ފަރާތުން އަޅާ ހޮޅިއެއްގެ ޒަރީއާއިން ދުއްވޭ ފަދަ ގޮތަކަށް ހެދުމަށް ރާވާފައިވާ ކަމަށްވެސް އެމްއާރުޑީސީން ބުންޏެވެ.