އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)

އައިއޭސީގެ ސަވައިވިން ވިންޓާ ޕްރޮޖެކްޓުގެ ދަށުން ވިންޓާ ޕެކޭޖުތައް ފޯރުކޮށްދޭން ފަށައިފި

މަރިޔަމް ޝަހުދާ

ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށް "ސަވައިވް ވިންޓާ" ގެ ނަމުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ފެށި އެހީ ޕްރޮޖެކްޓުގެ ދަށުން އެހީ ބޭނުންވާ ފަރާތްތަކަށް ވިންޓާ ޕެކޭޖުތައް ފޯރުކޮށްދޭން ފަށައިފި އެވެ.

"ވަން އޮންލައިން" އަށް އައިއޭސީން މައުލޫމާތު ދިން ގޮތުގައި އައިއޭސީގެ "ސަވައިވް ވިންޓާ" ޕްރޮޖެކްޓަކީ ފަލަސްތީން، ޔަމަން، ބަންގްލަދޭޝް އަދި ސީރިއާއަށް އެހީތެރިވުމުގެ ގޮތުން އައިއޭސީން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. އަދި މި ކެމްޕެއިނުގެ ދަށުން މިހާރު ބައެއް ސަރަހައްދުތަކަށް އެހީގެ ތަކެތި ފޯރުކޮށްދީފައިވާނެ ކަމަށް އައިއޭސީން ބުނެއެވެ.

އައިއޭސީން މައުލޫމާތުދިން ގޮތުގައި މި ހަތަރު ގައުމަށް އައިއޭސީން އެހީ ފޯރުކޮށްދެއްނީ އެކި ޕާޓްނަރުން މެދުވެރިކޮށެވެ. އަދި ބައެއް ސަރަހައްދުގައި ލޮޖިސްޓިކަލް ކަންތައްތައް ލަސް ވުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ލަސްވާ ކަމަށް އައިއޭސީން ބުނެއެވެ.

އެގޮތުން ފަލަސްތީނުގެ ގާޒާ އަދި ޔަމަނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ލޮޖިސްޓިކަލް ކަންކަން ލަސްވާ ކަމަށް އައިއޭސީން ބުނެއެވެ. ނަމަވެސް މި ކެމްޕެއިންގެ ދަށުން ގާޒާއަށް ދެ ޕާޓްނަރެއް މެދުވެރިކޮށް ބްލޭންކެޓް އަދި ފިނި މޫސުމުގައި ލާ ހެދުން ޑިސްޓްރިބިއުޓް ކޮށްފައިވާ ކަމަށް އައިއޭސީން ބުނެއެވެ. އަދި ސީރިއާ އާއި ޔަމަނުގެ އިތުރުން ބަންގްލަދޭޝަށް ވެސް މިތަކެތި ފޯރުކޮށްދީފައިވާ ކަމަށް އައިއޭސީން ބުނެއެވެ.

މި ދުވަސްވަރަކީ ފިނި މޫސުމުގެ ދުވަސްވަރުކަން އައިއޭސީން ފާހަގަ ކުރެއެވެ. އަދި މިހާރު ހުރިހާ ސަރަހައްދަކަށް ބްލޭންކެޓް އަދި ފިނި މޫސުމުގައި ލާ ހެދުން ޑިސްޓްރިބިއުޓް ކޮށްފައިވާ އިރު މި ކެމްޕެއިންގެ ދަށުން ދެން ފޯރުކޮށްދިނުމަށް ނިންމާފައިވާ އެހެނިހެން އެހީތައް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް އައިއޭސީން ބުނެއެވެ.

އައިއޭސީން އަންނަނީ ހާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ކެމްޕެއިންތައް ހިންގަމުންނެވެ. އެގޮތުން ސީރިޔާގެ ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމަށް "މަސްދަޅު ހަދިޔާ"ގެ ނަމުގައި އައިއޭސީން ވަނީ ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން ސަދަގާތް ޖާރިޔާ ޕްރޮޖެކްޓުގެ ދަށުން އައިއޭސީން ވަނީ ބަންގްލަދޭޝްގެ ދެ ސަރަހައްދެއްގައި ފެންވަޅު ބަހައްޓައިދީފައެވެ. އަދި އައިއޭސީން އިސްވެ އޮވެ ތުރުކީގެ އައިއެޗްއެޗް އަދި އިނގިރޭސި ވިލާތުގެ އޮލިވް ގްރޯވް ފައުންޑޭޝަންއާއި ގުޅިގެން ވަނީ ސީރިޔާގައި އަލޫކާ ސްކޫލުގެ ނަމުގައި ސްކޫލެއް ހުޅުވާފައެވެ.