ކުޅިވަރު

ކާންޓޭ އިތުރު ފަސް އަހަރު ޗެލްސީގައި ހުންނަން ނިންމައިފި

އިނގެރޭސި ވިލާތުގެ ޗެލްސީ އަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންސިވް މިޑްފިލްޑަރު އެންގޯލޯ ކާންޓޭ އިތުރު ފަސް އަހަރު އެ ކުލަބުގައި މަޑުކުރަން ނިންމައި، 2023 އާއި ހަމައަށް އެއްބަސްވުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

އުރުމުން 27 އަހަރުގެ ކަންޓޭ ވަނީ 2016 އަހަރު ޗެލްސީއަށް ބަދަލުވުމަށްފަހު، ލީގުގައި މިހާތަނަށް ކުޅުނު 81 މެޗުގައި 3 ގޯލު ކާމިޔާބުކޮށްފައެވެ.

ކާންޓޭ ވަނީ 2016 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވެ، އެއަހަރުގެ ޕްރިމިއާ ލީގު ހޯދުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ހަމަ އެ އަހަރު އޭނާ ވަނީ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުވެސް ހޯދާފައެވެ.

ޗެލްސީއަށް އިތުރު 5 އަހަރު ކުޅުމަށް އެއްބަސްވެ، ސޮއި ކުރުމަށްފަހު ކާންޓޭ ބުނެފައިވަނީ، ވޭތުވެ ދިޔަ ދެ އަހަރަކީ ކާމިޔާބު، އުފާވެރި ދެ އަހަރުކަމާއި، ކުރިއަށް އޮތް ފަސް އަހަރަކީވެސް، ހަމަ އެފަދަ އަހަރު ތަކެއްކަމަށް ވާނެކަމަށް އުއްމީދު ކުރާކަމަށެވެ. މީގެއިތުރުން، އޭނާ ބުނެފައިވަނީ، ޗެލްސީއަށް ބަދަލުވުމަށްފަހު އޭނާގެ ކުޅުމަށް އިތުރު ކުރިއެރުންތައް ލިބުނު ކަމަށާއި، ހީވެސް ނުކުރާފަދަ ކާމިޔާބާއި، އެވޯޑު ތަކެއްވެސް ލިބުނު ކަމަށެވެ.

ކާންޓޭ ވަނީ ފްރާންސްގެ ޤައުމީ ޓީމަށް މިހާތަނަށް 36 މެޗު ކުޅެދީފައެވެ. އަދި ނިމިގެންދިޔަ ވޯލްޑް ކަޕް ފްރާންސް ކާމިޔާބުކުރުމުގައި މުޙިއްމު ދަޢުރެއް އަދާކޮށްފައެވެ.

ކާންޓޭ ވަނީ 2016 ވަނަ އަހަރު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި، 2017 ވަނަ އަހަރު ފްރާންސްގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.