ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކީ ތިންމަސް ކަމަށް އޮތަސް، ނުވަތަ ހަމަސް ކަމަށް އޮތަސް، އެ މުވައްޒަފަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭނީ ވަޒީފާގެ ހަމަ މުސާރަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
"ވަން އޮންލައިން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މިހާރު ގާނޫނުގައި ޕްރޮބޭޝަނުގެ ގޮތުގައި ތިން މަސް އޮންނަ އިރު، އެ މުއްދަތަކީ ވަޒީފާ އަދާކުރާ މީހާޔަށް ކުޑަ މުސާރައެއް ދީގެން ގެންގުޅޭ މުއްދަތެއްގެ ގޮތުގައި ވަޒީފާދޭ ބައެއް ފަރާތްތަކުން މާނަކޮށް، އެގޮތަށް އަމަލުކުރަމުންދާ ކަމަށާއި އެއީ އެކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށެވެ.
ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިރު، އޭގެ ތެރެއިން އާންމުންގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް އެއް މައްސަލަޔަކީ، ޕްރޮބޭޝަން މުއްދަތުގެ ގޮތުގައި މިހާރު އޮންނަ ތިން މަސް ދުވަހުގެ މުއްދަތު ހަމަހާއި ހަމަޔަށް ދިގު ކުރެވޭ ގޮތަށް އޮންނަ މާއްދާ އެވެ. ސޯޝައަލް މީޑިއާގައި އާންމުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ބަލާ އިރު، އެންމެ ގިނަ މީހުންގެ ކަންބޮޑުވުމަކަށް ވެފައި ވަނީ، ޕްރޮބޭޝަން މުއްދަތަކީ ކުޑަ އުޖޫރައެއް ދީގެން މީހުން ލައްވައި މަސައްކަތް ކުރުވާ މުއްދަތެއް ކަމަށް ވާތީ، އެ މުއްދަތު އިތުރަށް ދިގުވާ ނަމަ އެއީ މުވައްޒަފުންނަށް ލިބޭނެ އިތުރު ނިކަމެތިކަމަކަށް ވެދާނެ ކަމުގެ ކަންބޮޑުވުމެވެ.
ވަޒީފާއާއި ބެހޭ ގާނޫނުގައި މިހާރު ޕްރޮބޭޝަން މުއްދަތު، ތިން މަސްދުވަހުގެ ގޮތުގައި ކަނޑައަޅާފައި އޮންނަ އިރު، އެ މުއްދަތުގައި ވަޒީފާގެ ހަމަ މުސާރަ ވަޒީފާ އަދާކުރާ ފަރާތަށް ދޭން ގާނޫނުން ނުވަތަ ގަވައިދަކުން ވިޔަސް ލާޒިމެއް ނުކުރެ އެވެ. އެހެންކަމުން، ވަޒީފާ އަދާކުރާ މީހާޔަށް އެ މުއްދަތުގައި ހަމަ މުސާރަ ނުދިނުމާއި، ދާއިމީ މުވައްޒަފުންނަށް ލިބިދޭ އިނާޔަތްތައް ވެސް ނުދިނުމަކީ ރާއްޖޭގެ ވަޒީފާގެ މާހައުލުގައި އާންމު ކަމެކެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ޕްރޮބޭޝަން މުއްދަތު ހަމަހަށް އިތުރުކުރުމުގެ މައިގަނޑު މަގުސަދަކީ، ވަޒީފާ އަދާކުރާ ފަރާތަށް އޭނާގެ ގާބިލުކަމާއި ފެންވަރު ދައްކައި ދާއިމީ ވުމުގެ ފުރުސަތު ފުޅާކޮށް، އިތުރުކޮށްދިނުން ކަމަށެވެ. ބައެއް ކަހަލަ ވަޒީފާ އަދާކުރާ މީހުންނަށް އޭނާގެ ކިބައިގައި ހުންނަ އަސްލު ފެންވަރު ތިންމަސްދުވަސް ތެރޭ ނުދެއްކޭތަން އަންނަ ކަމަށާއި އެހެންކަމުން ހަމަހާއި ހަމަޔަށް މުއްދަތު ދިގުކުރުމުން އެ ފުރުސަތު ބޮޑުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މީގަ އެންމެ ބޮޑަށް މި އޮތީ ދަށް މުސާރައިގަ ގިނަ ދުވަހު ގެންގުޅެފާނެ ކަމުގެ ކަންބޮޑުވުން. އެކަންބޮޑުވުމަށް އަޅުގަނޑުވެސް ފުރިހަމަޔަށް އިހުތިރާމުކުރަން. މުއްދަތު އެއީ ތިންމަސް ކަމަށް ވިޔަސް އަދި ހަމަސް ކަމަށް ވިޔަސް، ދޭން ޖެހޭނީ އެ ވަޒީފާއެއްގައި އޮންނަ ހަމަ މުސާރަ. އަދި އެ މަގާމަށް އޮންނަ އެހެން އިނާޔަތްތައް ވެސް ލިބެން ޖެހޭނެ. އެއީ އެ މުއްދަތުގައި ވެސް އެ މުވައްޒަފު އެ ކުރަނީ ދާއިމީ މީހުންނެކޭ އެއް މަސައްކަތެއް. އެހެން ވީމަ ލިބޭ އެއްޗަކަށް އުނިކަމެއް އައިސްގެން ނުވާނެ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒް އިތުރަށް ވިދާޅުވީ، ޕްރޮބޭޝަން މުއްދަތު ކޮންމެ ގޮތަކަށް އޮތް ނަމަވެސް، އެ މުއްދަތުގައި މުވައްޒަފު އަދާކުރާ ވަޒީފާގެ ހަމަ މުސާރައާއި އިނާޔަތްތައް ލިބޭނެކަން ކަށަވަރުކުރުމަށް ކުރާން ޖެހޭ އެންމެހައި ކަންކަން މިނިސްޓްރީން ކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު އިސްލާހު ހުށަހަޅާފައި އޮތް ގޮތަށް، ހަމަހާއި ހަމަޔަށް ޕްރޮބޭޝަން މުއްދަތު ދިގު ކުރުމަކީ ވަޒީފާ އަދާކުރާ ފަރާތާއި ވަޒީފާ ދޭ ފަރާތަށް ވެސް ގިނަ ގޮތްގޮތަށް ބަލާއިރު އެންމެ މަންފާ ހުރި ގޮތް ކަމަށް ގަބޫލުކުރެއްވި ނަމަވެސް، ރައްޔިތުން އެގޮތް ނޭދޭ ނަމަ، ކުރީން އޮތް ގޮތަށް ތިންމަހަށް އެ މުއްދަތު ބޭއްވުމުގައި ވެސް މައްސަލައެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
ރާއްޖޭގެ ވަޒީފާއާއި ބެހޭ ގާނޫނުގައި ޕްރޮބޭޝަންގެ ގޮތުގައި އޮންނަ ތިން މަހުގެ މުއްދަތު ހަމަހާއި ހަމަޔަށް ދިގުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައި ވާއިރު، ތަރައްގީވެފައިވާ ވަރަށް ގިނަ ގައުމުތަކުގައި މި މުއްދަތު އޮންނަނީ ހަމަހާއި ހަމައަށެވެ.