ވިޔަފާރި

އައްޑޫ އެއާޕޯޓުގައި ހިމެނޭ އެސްޓީއޯގެ ހިއްސާތައް ދޫކޮށްލަން ނިންމައިފި

މަރިޔަމް ޝަހުދާ

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ދިވެހި ދައުލަތުގެ ހިއްސާ ހިމެނޭ ގޮތަށް ރަޖިސްޓްރީކޮށްފައިވާ އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓު ލިމިޓެޑު (އޭއައިއޭ)ގައި ހިމެނޭ އެސްޓީއޯގެ ހިއްސާތައް ދޫކޮށްލުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އެސްޓީއޯގެ ސްޕޯކްސްޕާސަން އަބްދުﷲ މުހައްމަދު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކުންފުނިން ނިންމާފައިވަނީ އޭއައިއޭގެ އެ ކުންފުނީގެ ހިއްސާ ސަރުކާރަށް ދޫކޮށްލަން ކަމަށެވެ.

އިއްޔެ ގެޒެޓުގައި އެސްޓީއޯ އިން ވަނީ މި ހިއްސާތައް ދޫކޮށްލުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. މި އިއުލާނުގައި އޭއައިއޭގައި ހިމެނެނީ އެސްޓީއޯގެ ހިއްސާގެ މޫނުމަތީ އަގުގެ 1,000.00ރ. ގެ 40,000.00 އާންމު ހިއްސާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އޭއައިއޭގައި އޮތް އެސްޓީއޯގެ ހުރިހާ ހިއްސާއެއް ދިނުމަށް ނިންމާފައި ވަނީ ކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި ސަރުކާރުގެ ނަމަށް މި ހިއްސާތައް ބަދަލު ކުރަން ނިންމާފައިވަނީ ކުންފުނީގެ ހިސާބުތަކުގައި ހުރި ހިއްސާތައް އަގު ކުރެވިފައިވާ އަގަށް ކަމަށް ވެސް އެސްޓޯއޯއިން ބުނެއެވެ.

އޭއައިއޭގެ %50 އިންސައްތަ ހިއްސާ އޮންނަނީ ދިވެހި ސަރުކާރަށެވެ. ދެން އެ ކުންފުނީގެ އެންމެ ބޮޑު ހިއްސާދާރަކީ ކާސާ ހޯލްޑިންގްސް އެވެ. އެއީ ކުންފުނީގެ %30 ހިއްސާއެވެ. އެމްއޭސީއެލް އަދި އެސްޓީއޯއަށް ވެސް އޮންނަނީ %10 ހިއްސާއެވެ.