މަޖިލީހުގެ ރައީސް

ދެކޮޅަށް ދެފައި ލައްވައިގެން ތިއްބަވަން އުޅުއްވީމަ ހުރިހާ ފަރާތަކަށް ވެސް އުނދަގޫވާނެ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހަކީ ސާފުކޮށް ބައިބެހިފައި އޮންނަ ތަނަކަަށް ވުމަކީ މުހިއްމު ކަމެއް ކަމަށާއި، ދެބަޔަށް ދެކޮޅަށް ދެފައި ލައްވައިގެން ތިއްބަވަން އުޅުއްވުމަކީ ހުރިހާ ފަރާތަކަށްވެސް ވަރަށް ބޮޑަށް އުނދަގޫވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމަށް ބާއްވާ މަޝްވަރާތަކަށް އިދިކޮޅު ފަރާތްތަކަށް ފުރުސަތު ދެއްވަމުން މަޖިލިސް ރައީސް މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބައި ރަނގަޅަށް ނުބެހި، ސާފު ނުވާތީ މަސައްކަތްތަކަށް އުނދަގޫ ވާ ކަމަށެވެ.

އެހެންކަމުން އިދިކޮޅު ފަރާތްތަކުން މިއަދު ބާއްވާ އެ ބައްދަލުވުމަކީ ވަރަށް މުހިއްމު ބައްދަލުވުމެއް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނަނީ، ކޮންމެ އަހަރަކަށް ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާނެއް އިއްވަން ޖެހޭނެ ކަމަށެވެ. އަދި މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެ ބަޔާނަށް ޖަވާބެއް ތައްޔާރުކޮށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

މިހާރު މަޖިލީހުގައި މެންބަރުން ހިމެނިފައިވާ ސިޔާސީ ޕާޓީތަކަށް ބަލާއިރު ރިޔާސީ ބަޔާނުގެ ޖަވާބު ހުށަހަޅަން ޖެހެނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

އެހެންކަމުން އެކަމަށް ޖަވާބު ތައްޔާރު ކުރުމުގެ ގޮތުން އިދިކޮޅު ޕާޓީތަކުގެ މެންބަރުންގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު 12:30 ގައި ބާއްވަން މަޖިލީހުގެ ކޮމިޓީ ކޮޓަރި އެކެއް ތައްޔާރު ކޮށްފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.