މިނިސްޓަރު އަލީ ވަހީދު

އަލީ ވަހީދު: ތަކުރާރުކޮށް ބުނަން، އެއީ ސައްހަ އޯޑިއޯތަކެއް ނޫން، ދަށު ދަރަޖައިގެ ހުތުރު ޖަރީމާއެއް

1

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަޑުން، (އެއީ އޭނާ ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ބުނެ) ލީކު ކޮށްލާފައިވާ އޯޑިއޯ ތަކާ ގުޅޭ ގޮތުން އަލީ ވަހީދު އަނެއްކާވެސް ވާހަކަދައްކަވައިފި އެވެ.

އެ ގޮތުން މިއަދު ހެނދުނު އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ސައްހަ އޯޑިއޯ ތަކެއް ނޫން ކަމަށެވެ. މީގެ ކުރީން ވެސް އަލީ ވަހީދު ވަނީ އޯޑިއޯތަކުގެ އަސްލެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އޯޑިއޯތައް ލީކުކުރާ ފަރާތުން މިހާތަނަށް ފަސް އޯޑިއޯ ކުލިޕެއް ލީކުކޮށްލާފައި ވެއެވެ. އެކި އޯޑިއޯ ކުލިޕުތަކުގައި ހުރީ އެކި ވާހަކަ ތަކެވެ. އޭގެ ތެރޭގައި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާ ގުޅޭ ގޮތުންނާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ގުޅޭ ގޮތުން ވަރަށް ހުތުރުކޮށް ދައްކަވާފައިވާ ވާހަކަތަކެއް ހިމެނެ އެވެ. މީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު، އައިޝަތު ނަހުލާއާ ފޯނުން ގުޅުއްވައި ބޭއަދަބީކޮށް ވާހަކަދައްކަވާ އޯޑިއޯ އަކާއި ރައީސް ނަޝީދަށް ނިސްބަތް ކުރައްވައި ހުތުރުކޮށް ވާހަކަދައްކަވާ އޯޑިއޯއެއް ވެސް ވަނީ ލީކުކޮށްލާފައިވެ އެވެ. މީގެ ތެރެއިން އެއް އޯޑިއޯގައި ފާހިޝް އަމަލު ތަކެއް ކުރާން ވާހަކަދައްކަވާ އިރު ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގަވާން ރާއްވަވާ އަޑުވެސް އެއް އޯޑިއޯއަކުން އިވެ އެވެ.

މި އޯޑިއޯތަކުގެ މައްސަލަ ބޮޑުވެ، އަލީ ވަހީދުގެ އިސްތިއުފާއަށް ވެސް ގިނަ ބަޔަކު އަންނަނީ ސޯޝިއަލް މީޑިއާގައި ގޮވަމުންނެވެ. އަދި އަލީ ވަހީދު ކެބިނެޓުން ވަކި ކުރުމަށް، ރައީސް ސޯލިހަށް ބައެއް މީހުން އަންނަނީ ގޮވާލަމުންނެވެ.

އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓުގައި ވަނީ އެ މައްސަލަ ބެލުމަށް ވެސް ގޮވާލައްވާފަ އެވެ.

"އަނެއްކާވެސް ތަކުރާރުކޮށްލާނަން. ދައުރުކުރަމުން ގެންދަނީ ސައްހަ އޯޑިއޯތަކެއް ނޫން. އެކި އަޑު އެކި ގޮތަށް ގެނެސް، ރޭވިގެން ހިންގާ ވަރަށް ދަށު ދަރަޖައިގެ ހުތުރު ޖަރީމާއެއް. ފުރިހަމަ ތަހުގީގެއް ކުރުމުން ހަގީގަތް ސާފުވާނެ. އަޅުގަނޑުގެ މައްޗަށް ވެސް ތަހުގީގު ހިންގަވާ!" އަލީ ވަހީދު ވިދާޅުވި އެވެ.

މައްސަލަ މިހާ ހިސާބަށް އައި އިރު، މި ކަމާ ގުޅޭ ގޮތުން ދައުލަތުގެ ރަސްމީ މުއައްސަސާއަކުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. އެ މައްސަލައިގައި ވެސް އާންމުންގެ ޝަކުވާ ވަނީ ބޮޑު ވެފަ އެވެ. މިހާ ސީރިއަސް އޯޑިއޯތަކެއް ލީކުވެގެން އުޅޭ އިރު މި ކަން، ކަމާ ބެހޭ މުއަސަސާތަކުން އަވަހަށް ބެލުމަށް އާންމުން އަންނަނީ ގޮވަމުންނެވެ.