ޚަބަރު

އަނެއްކާވެސް އަލީ ވަހީދު ކަމަށް ބުނާ މީހާގެ އޯޑިއޯއެއް، ދައްކަނީ ފާހިޝް އަމަލުތަކެއްގެ ވާހަކަ!

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ މީހަކާއި އެހެން ބަޔަކާމެދު ދައްކާ ވާހަކައެއްގެ އިތުރު އޯޑިއޯއެއް އަނެއްކާ ވެސް ލީކު ކޮށްލައިފިއެވެ.

ޓުވިޓާ އެކައުންޓަކުން ދަނީ، އަލީ ވަހީދު ކަމަށް ބުނާ މީހަކާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ކަމަށް ބުނާ މީހަކާއި އިތުރު ބަޔަކު ދެއްކި ވާހަކަތަކެއް ރެއިން ފެށިގެން ކުދިކުދި އޯޑިއޯ ކޮޅުތަކެއްގެ ގޮތުގައި ލީކު ކުރަމުންނެވެ.

އެގޮތުން މިރޭ ލީކު ކޮށްލާފައިވާ އޯޑިއޯގައި އަލީ ވަހީދު ކަމަށް ބުނާ މީހާ ފާހިޝް ބައެއް އަމަލުތަކެއްގެ ވާހަކަ އާއި ޓޫރިޒަމް މިނިސްޓަރު އައިޝަތު ނަހުލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާ އަޑު އިވެއެވެ.

އެގޮތުން ނަހުލާ އޭނާގެ ކިބައިން ޖިންސީ އަމަލަކަށް އެދިފައިވާ ކަމަށް ތުހުމަތު ކުރުމުން އެމީހާ ކައިރީގައި ތިބި މީހުން ފުރައްސާރަ ކުރާ އަޑު އިވެއެވެ. އަދި ރިސޯޓަކަށް ނުވަތަ ޔޮޓަކަށް ގޮސް ގިނަ ބަޔަކާއެކު ޕާޓީކޮށް ފާހިޝް އަމަލު ހިންގަން ބޭނުންވާ ވާހަކަ އާއި އޮފީސް ދަތުރެއްގައި ކަމަށް ބުނެ އެކަން ކުރަންދާން ރާވާ އަޑު ވެސް އޯޑިއޯއިން އިވެއެވެ.

މީގެ ކުރިން ލީކު ކޮށްލާފައިވާ އަލީ ވަހީދު ކަމަށް ބުނާ މީހާގެ އޯޑިއޯއެއްގައި ވެސް މިނިސްޓަރު އައިޝާއަށް ބޭއަދަބީ ބަސްތަކުން ވާހަކަ ދައްކާފައިވެއެވެ.

އޭގެ އިތުުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ނިސްބަތްކޮށް ހަޑި ހުތުރު ބަސް ބޭނުންކޮށްގެން އެމީހާ ވާހަކަ ދައްކާފައިވާ އޯޑިއޯތަކެއް ވެސް ލީކުވިއެވެ. އަދި މިނިސްޓަރު އަލީ އާއި އަސްހަދު ކަމަށް ބުނާ ދެ މީހުން ކޮރަޕްޝަންގެ ސައްލާއެއްކުރާ އޯޑިއޯއެއް ވެސް ވަނީ ލީކު ކޮށްލައިފައެވެ.

މި އޯޑިއޯތަކެއް ސޯޝަލް މީޑިއާގައި ލީކުވުމާއި ގުޅިގެން މިނިސްޓަރު އަލީގެ އިސްތިއުފާއަށް އެތައް ބަޔަކު ދަނީ ގޮވަމުންނެވެ. އަދި ބައެއް މީހުން ވަނީ ކެބިނެޓުން އަލީ ވަހީދު ބޭރު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ގޮވާލައިފައެވެ.

ނަމަވެސް އޯޑިއޯތަކާ ގުޅިގެން މިނިސްޓަރު އަލީ ވަހީދު ވަނީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އަބުރު ކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކުން އަޒުމެއް ނުގުޑާނެ ކަމަށާއި ހިތްވަރު ބައްޔެއް ވެސް ނުކުރެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

އަސްއަދު ވެސް ވިދާޅުވީ، އެ އޯޑިއާތަކަކީ ސައްހަ އެއްޗެއް ނޫން ކަމަށާއި އޯޑިއާތަކުގެ މައްސަލަ ތަހުގީގު ކުރަންވީ ކަމަށާއި އޭރުން ހަގީގަތް އެނގިގެންދާނެ ކަމަށެވެ. އަދި އެއީ އެފްއޭއެމްގެ އިންތިހާބަށް ބައްސާމްއާ ދެކޮޅަށް އެހެން ކެންޑިޑޭޓަކު ނުކުމެދާނެކަމުގެ ބިރަށް ޖަވާ އިސްވެ ހުރެ ސިޔާސީ ބަޔަކާއެކު ހިންގާ ގޭސް ގަނޑެއް ކަމަށް ވިދާޅުވެ ޓުވީޓް ކުރައްވައިފައިވެއެވެ.