ޚަބަރު

ވަޒީފާގެ ގާނޫނަށް ގެންނަ ބަދަލުތަކާގުޅޭ ކަންބޮޑުވުންތައް ބަލައިގެންފިން، ބަދަލުތައް ގެންނާނަން: މިނިސްޓަރު

އަލީ ޔާމިން

1

ވަޒީފާއާބެހޭ ގާނޫނުގެ ބިލަށް ބަދަލުތައް ގެންނަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވެފައި މިވަނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރުކޮށް، އެންމެ ދުވަހަކު ސަލާމް ބުންޏަސް، މެޑިކަލް ސެޓްފިކެޓް ހުށަހަޅަން އެންގޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާއެކު ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

މިނިސްޓަރު ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅީ މިހާރު އޮތް ގާނޫނުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ކަމަށެވެ.

ނަމަވެސް އެ އިސްލާހުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ގަބޫލުކުރެވޭ ކަމަށާއި އެ ކަންބޮޑުވުންތައް ބަލައިގަނެ، ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ ޓީމް މޯލްޑިވްސް އާއި ރާއްޖޭގެ ހެލްތު ވޯކަރުން ތަމްސީލުކުރާ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ)ގެ މަންދޫބުންނާ ބައްދަލުކޮށް އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ ގުޅިގެން ފާޅުކުރި ކަންބޮޑުވުންތައް ބަލައިގެންފިން. ގާނޫނަށް ގެންނަން ބަދަލުތަކެއް ހުށަހެޅީ މިހާރު އޮތް ގާނޫނުގައި ހުރި މައްސަލަތައް ހައްލުކުރުމަށް... ގެންނަންޖެހޭ ބަދަލުތައް ގެނެސް، މައްސަލަތަކަށް ރަނގަޅު ހައްލެއް ގެނައުމަށް މަސައްކަތް ކުރާނަން،" މިނިސްޓަރު ފައްޔާޒުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ ގުޅިގެން އާންމުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ، ޕްރޮބޭޝަން މުއްދަތު އިތުރު ކުރުމަށް އޮތް އޮތުމަކީ މަސައްކަތްތެރިން އިތުރަށް ނިކަމެތިވާނެ ކަމެއް ކަމަށެވެ.

އޭގެ އިތުރުން ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމް ވެސް ވިދާޅުވީ، ވަޒީފާއާބެހޭ ގާނޫނަށް ގެންނަ އިސްލަހުގައި މަސައްކަތްތެރިންގެ ހައްގުތަކަށް އުނިކަން އަންނާނެފަދަ ބައެއް އިސްލާހުތައް އެބަހުރި ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި އެބިލާ ގުޅޭގޮތުން ބަހުސްކޮށް، މަސައްކަތްތެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެވޭނެކަމަށް އުއްމީދުކުރާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟