ކުޅިވަރު

ސްޕޯޓްސްކޮމިޝަނުން ވީއޭއެމް ފޭރިގަނެގެން އުޅުނަސް އޭވީސީއާއި އެފްއައިވީބީން މުއާމަލާތް ކުރަނީ އަޅުގަނޑާ: ލަތީފް

އައިދާ އަބްދުލް ހަކީމް

1

ސްޕޯޓްސް ކޮމިޝަނުން ވޮލީބޯޅަ އެސޯސިއޭޝަން(ވީއޭއެމް)ގެ އިމާރާތް ފޭރިގަނެގެން އުޅުނު ނަމަވެސް އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އާއި ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ވޮލީބޯލް(އެފްއިވީބީ) އިން އަދިވެސް މުއާމަލާތް ކުރަމުން އަންނަނީ އޭނާއާ ކަމަށް މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ކުޅިވަރު ކަމަށްވާ ވޮލީ ބޯޅަ އެސޯސިއޭޝަނުން މިދިޔަ އަހަރު ކުރިޔަށް ގެންދަން ހަމަޖެއްސި ބައެއް މުބާރާތްތައް ކެންސަލްކޮށް އެސޯސިއޭޝަންގެ ރައީސަކާއި ހިންގާ ކޮމިޓީއެއް ނެތި ހިންގާ މައްސަލާގައި "ވަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވީއޭއެމްގެ އިންތިހާބީ ރައީސް ލަތީފް ވިދާޅުވީ ވީއޭއެމްގެ ކަންކަމުގައި އޭވީސީ އާއި އެފްއައިވީބީން އަދިވެސް ބަލައިގަންނަނީ އޭނާގެ ހިންގާ ކޮމިޓީ ކަމަށާއި އެގޮތުން ވީއޭއެމްގެ ހުރިހާ ކަމެއްގައި އޭނާއާ މުއާމަލާތު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ސްޕޯޓްސް ކޮމިޝަނުން ވީއޭއެމްގެ ހިންގުމާއި ހަވާލުވެ އެތަނުގައި ތިބި މުއައްޒަފުން ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށް ލަތީފު ވިދާޅުވި އެވެ.

"ވީއޭއެމް އަދިވެސް އޮތީ ސްޕޯޓްސް ކޮމިޝަނުން ފޭރިގަނެފަ. ޔޫތު މިނިސްޓަރާއި ކޮމިޝަނާއަށް އެ ދެބޭފުޅުންގެ މެންޑޭޓް އޮޅުނީކަމަށް އަޅުގަނޑަށް ހީވަނީ." ލަތީފު ވިދާޅުވިއެވެ.

ލަތީފު ވިދާޅުވީ ވޮލީ އެސޯސިއޭޝަން މިހާރު ހިންގަމުންދަނީ ޔޫތު މިނިސްޓްރީގެ ޑިޕާޓްމަންޓެއްގެ ގޮތުގައި ކަމަށާއި ސަރުކާރުގެ އިމާރާތެއްގައި ވޮލީ އެސޯސިއޭޝަން ހުރުމުން އެތަން ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް ކޮމިޝަނުން އަތުލައި، ހިންގުން އަމިއްލަ އަށް ހަވާލުވެގެން އުޅޭ ކަމަށް ލަތީފު ވިދާޅުވިއެވެ.

ލަތީފު އިތުރަށް ވިދާޅުވީ އެބޭފުޅާގެ ދައުރުގައި ވޮލީގެ ފޯރި ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެމަސައްކަތް ނިމުމުގެ ކުރިން، ދައުރު ހަމަ ނުވަނީސް ނުފޫޒުގަދަ ބަޔަކު އަޑީގައި ތިބެގެން އެސޯސިއޭޝަން ޖަހައިގަނެފައިވާ ކަމަށެވެ. އެންމެ ފަހުން ގައުމީ ޓީމުތަކުން ހޯދި ކާމިޔާބީ ތަކަކީ އޭނާގެ ދައުރުގައި ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށް ލަތީފު ވިދާޅުވިއެވެ.

މިހާރު ވޮލީގެ ފޯރި ދަށްވެ ވޮލީގެ ހަރަކާތްތައް މަޑުޖެހުމުގެ ޒިންމާ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފާއި ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ސަލީމް (ހީނާ ސަލީމް) ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ލަތީފު ވިދާޅުވިއެވެ. އަދި ނުހައްގުން ކުރައްވަމުން ގެންދަވާ ކަންކަން ބެލޭނެ ދުވަހެއް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ލަތީފު ވިދާޅުވީ އެފްއަައިވީބީން އެކުލަވާލި ކޮމިޓީގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެމަސައްކަތް ނިމުމުން އެކޮމިޓީން ނިންމާ ކޮންމެ ގޮތެއް ބަލައިގަންނާނެ ކަމަށެވެ.

މިކަމާއި ގުުޅިގެން ސްޕޯޓްސް ކޮމިޝަނަރު ހީނާ "ވަން" އަށް ވިދާޅުވީ މިހާރު ވޮލީބޯޅަ އެސޯސިއޭޝަނުގެ އެއްވެސް ކަމެއް ސްޕޯޓްސް ކޮމިޝަނުން ކުރަމުން ނުދާ ކަމަށެވެ. މިހާރު ވީއޭއެމް ހިންގަމުން އަންނަނީ އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން ކުލަބު ތަކުގެ ފަރާތުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އަކުން ކަމަށެވެ.

ހީނާ އިތުރަށް ވިދާޅުވީ މިހާރު ވީއޭއެމްގައި ކުރަމުން އަންނަނީ އެފްއިވީބީ އިން އެކުލަވާލި ކޮމިޓީގެ މަސައްކަތް ކަމަށާއި ދެން ވާންވީ ގޮތެއް ނިމޭނީ އެކޮމިޓީގެ މަސައްކަތް ނިމުމުން ކަމަށެވެ. އެފްއިވީބީ އިން އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެފްއިވީބީ އާއި އޭވީސީ އާއި އޮލިމްޕިކް ކޮމިޓީގެ މެންބަރެއްގެ އިތުރުން (ވޮލީބޯޅަ އެސޯސިއޭޝަން) ލަތީފުގެ ފަރާތުން މެންބަރެކެވެ.

ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް ކޮމިޝަނަށް އެ ދެފަރާތުގެ މެންޑޭޓް ވަނީ އޮޅިވަޑައިގެންފައި. ވޮލީ އެސޯސިއޭޝަން މިހާރު ހިންގަމުންދަނީ ޔޫތު މިނިސްޓްރީގެ ޑިޕާޓްމަންޓެއްގެ ގޮތުގައި. ސަރުކާރު އިމާރާތެއްގައި ވޮލީ އެސޯސިއޭޝަން ހުރުމުން އެތަން ޔޫތު މިނިސްޓރީ އާއި ސްޕޯޓްސް ކޮމިޝަނުން އަތުލައިގަނެގެން އުޅެނީ
މުހައްމަދު ލަތީފު، ވީއޭއެމްގެ އިންތިހާބީ ރައީސް

މިދިޔަ އަހަރުގެ މެއި މަހު ވީއޭއެމް އާ ގުޅޭ ގިނަ މައްސަލަތަކެއް ހުށަހަޅާފައި ވާތީ ކޮމިޓީއެއް މެދުވެރިކޮށް އެކަންތައްތައް ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެމައްސަލަތައް ބެލުމަށްފަހު ސްޕޯޓްސް ކޮމިޝަނުން ވަނީ ނޯމަލައިޒޭޝަން ކޮމެޓީއެއް މިދިޔަ އަހަރު އެކުލަވާލާފައެވެ. ނަމަވެސް އެފްއައިވީބީން އެކޮމިޓީ ބަލައި ނުގަންނަކަން ވަނީ އަންގާފައެވެ.

އޭގެފަހުން ސްޕޯޓްސް ކޮމިޝަނުން އެކުލަވާލި ނޯމަލައިޒޭޝަން ކޮމެޓީން ކަނޑައެޅި އަށް ކުލަބުގެ ތެރެއިން ހަ ކުލަބުން ވަނީ ލަތީފުގެ އިތުބާރު ނެތްކަމަށް ކަނޑައަޅާފައެވެ. ނަމަވެސް އެފްއައިވީން ވެސް އަދި އޭވީސީން ވެސް އަކަން ބަލައިގަތް ކަމަށް އަންގާފައެއް ނުވެއެވެ. އޭގެފަހުން ރާއްޖޭގެ ވޮލީގައި ޖެހިގެން އުޅޭ މައްސަލަ ބެލުމަށް އެފްއައިވީބީން މިވަނީ މަސައްކަތް ފަށާފައެވެ. އެ މަސައްކަތް ނިމޭނެ ދުވަހެއް އަދިވެސް ނޭނގެއެވެ.

ދެބައި މީހުން ދޭތެރޭގައި ޖެހިގެން އުޅޭ މައްސަލާގައި ވޮލީ އާއިލާ އޮތީ ވާނުވާގައެވެ. އަދި ކުރިއަށް ދާންވީ ކިހިނެއް ކޮންބަޔަކާ އެކު ކަން ނޭނގި އޮޅުން ބޮޅުމެއްގެ ތެރޭގައެވެ. މި ކަމުގެސަބަބުން ހުރިހާގެއްލުމެއް ލިބެނީ ވޮލީ އާއިލާ އަށެވެ.