ޑރ. އަފްރާޝީމް އަލީ

އަފްރާޝީމް އަވަހާރަކޮށްލަން ފަންޑު ކުރި މީހުންނަކީ އެމްޑީޕީއަށް ނިސްބަތްވާ ބައެއް: އުމަރު

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ފަންޑު ކުރި މީހުން ގުޅެނީ އެމްޑީޕީއާ ކަމަށާއި އެކަމަކު އެމްޑީޕީގެ ލީޑާޝިޕުން އެފަދަ ކަމެއް ނުރާވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"އަވަސް ހުކުރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ އެ މައްސަލައިގައި ފަންޑު ކުރި މީހުން ތަހުގީގަށް އެނގިފައިވާ ކަމަށާއި އެކަމަކު ޝަރުއީ ކޯޓެއްގައި އެމީހުންގެ މައްޗަށް ކުށް ސާބިތުކުރާ ވަރަށް ހެކި ނެތީ ކަމަށެވެ.

"ތަހުގީގަށް އޮތީ އެނގިފަ ފަންޑުކުރި މީހުން. އެމީހުން ހައްޔަރު ވެސް ކުރި. އެމީހުން ޖަލަށްވެސް ލި. ޖަލުގައި ގާތްގަނޑަށް ދެތިން މަސް ބައިތިއްބަން ވެސް ބޭތިއްބި. އެހެންނަމަވެސް އެމީހުންގެ މައްޗަށް ޝަރުއީ ކޯޓެއްގައި ސާބިތުކުރާ ވަރަށް ހެކި ނެތީ. އަދި އެ ފަންޑުކުރި މީހެއް ވެސް ގުޅެނީ އެމްޑީޕީއާ. އެކަމަކު އަޅުގަނޑަށް ޔަގީން އަފްރާޝީމްގެ މަރު އެއީ އެމްޑީޕީގެ ލީޑާޝިޕުން ރާވައިގެން ކޮށްފައި އޮތް ކަމަކަށް ނުވާނެ،" އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އަފްރާޝީމްގެ މަރާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ގުޅުވައިގެން ބައެއް މީހުން ވާހަކަދެއްކި ނަމަވެސް އެއީ ރައީސް ޔާމީންއާ އެއްވެސް ވަރަކަށް ގުޅުން އޮތް ކަމެއް ނޫން ކަމަށެވެ.

"އަދި އަޅުގަނޑަށް ހަމަ ޔަގީން އަފްރާޝީމްގެ މަރަކީ ޔާމީން ރާވައިގެން ކޮށްފައި އޮތް ކަމެއް ވެސް ނޫން. ބައެއް މީހުން ވިދާޅުވެއެއް ނޫންތޯ އެއީ ރައީސް ޔާމީން ރާވައިގެން ކޮށްފައި އޮތް ކަމެކޭ. އެއީ ކަނޑައެޅިގެން ދޮގެއް. އެއްގޮތަކަށް ވެސް ރައީސް ޔާމީނާ އަފްރާޝީމްގެ މަރަކާ ގުޅުމެއް ނެތް. އަދި އެމްޑީޕީއަކާ ވެސް ގުޅުމެއް ނެތް. އެކަމަކު ފަންޑުކުރި މީހުން ގޮސް ގުޅެނީ އެމްޑީޕީއާ. އެއީ ހަމައެކަނި އެމްޑީޕީ ބަޔަކަށްވި ކަން. އެމްޑީޕީގެ ލީޑާޝިޕުން އެކަހަލަ ކަމެއް ނުކުރާނެކަން އަޅުގަނޑަށް ޔަގީން،" އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އަފްރާޝީމްގެ އާއިލާއިން މަރުގެ އަދަބު ތަންފީޒުކުރަން ބޭނުންވާ ނަމަ، ކުށް ސާބިތުވެފައިވާ ހުސައިން ހުމާމްއަށް އެ އަދަބު ތަންފީޒުކުރަން ޖެހޭނެ ކަމަށެވެ. އަދި އުމަރުގެ ވެރިކަމެއްގައި އާއިލާއިން މަރުގެ އަދަބު ތަންފީޒުކުރަން ބޭނުންވާ ނަމަ، ތަންފީޒުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި އެނގުނީ ކާކު ކަން ވަޅި ޖެހީ، ކާކު ކަން ކަތިވަޅިން ޖެހީ. އޭނާއަށް މަރުގެ އަދަބު އަންނަން ވާނެ. މަރުގެ އަދަބު ތަންފީޒުކުރަން ވާނެ. ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން އޮންނަ އުސޫލަށް. އެއީ ފެމިލީން އެކަމަށް ބޭނުންވަންޏާ ތަންފީޒު ކުރަންވާނީ. ބޭނުންނުވާ ކަމަށްވަންޏާ ކުރާނެ ކަމެއް ނެތް. އަޅުގަނޑުގެ ވެރިކަމެއްގައި ފެމިލީން ތަންފީޒުކުރަން ބުނެފިއްޔާ، ތަންފީޒުކުރާނަން،" އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ހުމާމްގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ އެފްބީއައިގެ އެންމެ މަތީ ލެބޯޓަރީތަކުން މީހުން ގެނެސްގެން ކަމަށާއި އެ ކުށް ސާބިތުކޮށްފައިވަނީ އެއްގޮތަކަށް ވެސް ގޯސްކޮށެއް ނޫން ކަމަށެވެ. އަދި އަފްރާޝީމް މައްސަލައިގައި ހުމާމްގެ މައްޗަށް ހުކުމް އިއްވާފައިވަނީ އެތައް ހެއްކަކާއި އެތައް ގަރީނާއެއް ހޯދައިގެން ފުރިހަމަ ޝަރުއީ ނިޒާމެއްގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަފްރާޝީމް މައްސަލައިގައި މިއުޅެނީ ވަރަށް ބޮޑު ހައިޕްއެއް ކްރިއޭޓް ކޮށްގެން. އެމްޑީޕީން ކްރިއޭޓްކޮށްގެން އުޅޭ ހައިޕްއެއް. އަފްރާޝީމް މައްސަލައިގައި އެތައް ހެއްކަކާއި އެތައް ގަރީނާއެއް ހޯދައިގެން ފުރިހަމަ ޝަރުއީ ނިޒާމެއްގެ ތެރެއިން ހުމާމްގެ މައްޗަށް ހުކުމް އިއްވާފައި އެހެރީ. އޭނާގެ މައްޗަށް ސާބިތުކޮށްފައި އެއޮތީ އެއްގޮތަކަށް ވެސް ގޯސްކޮށެއް ނޫން. ފާޑުފާޑަށް ޓުވިސްޓުކޮށްގެން ވާހަކަ ދެއްކިދާނެ. ދަ ކިލާ އިޒް ހުމާމް. އެއްވެސް ސުވާލެއް ނެތް ކަމެއް އެއީ،" އޭނާ ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ އޭނާ ވަޒީރުކަމާ ހަވާލުވުމަށް ފަހު އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ހުރިހާ ތަފްސީލެއް ބަލާފައިވާނެ ކަމަށާއި ކޮންމެ ތަހުގީގަކީ އެ ކުށެއްގައި ބައިވެރިވި ހުރިހާ އެންމެންގެ މައްޗަށް ޝަރުއީ ކޯޓެއްގައި ސާބިތު ކުރެވޭ ވަރަށް ހެކި ހޯދޭ މައްސަލަތަކެއް ނޫން ކަމަށެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހ. ލޮބީ، ހުސައިން ހުމާމް، ކްރިމިނަލް ކޯޓު މުއްދަތު މަޖިލީހުގައި ބަޔާން ދެމުން ބުނީ އޭނާ އަފްރާޝީމަށް ކަތިވަޅިއަކުން ހަމަލާ ދިން ކަމަށް ބުނެފައިވެއެވެ. އޭނާއާއެކު ހައްޔަރުކުރި ހ. ހިކޯސްޓު، އަލީ ޝާން ބެނެޓް ވަޅިއަކުން ހަމަލާ ދިން ކަމަށް ހުމާމްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ ކަންތައްތައް ހަވާލުކުރީ ހ. ހިލްޓަން، އަޒްލީފް ރައޫފް ކަމަށް ހުމާމް ބުނެފައިވެއެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ދައުވާ އުފުލާފައިވާ ހުމާމް މަރަން ދަށު ކޯޓުން އިއްވި ހުކުމަށް ހައިކޯޓާއި ސްޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވާ އިރު، އެ މައްސަލާގައި ދެން ދައުވާ އުފުލި ޝާންގެ މައްޗަށް އެ މައްސަލަ ސާބިތުވެފައެއް ނުވެއެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވުނު އަޒްލީފް ރައޫފުގެ އިތުރުން މ. ޖަރީމާގެ އަބްދުﷲ ޖާވިދާއި، މ. ޖަރީމާގެ ޝާހީން މުހައްމަދު އަދި ލ. ގަން ތުނޑި، ނޫއަލި އާދަމް ޞަލާހުއާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ އެމީހުންނަށް ހުކުމެއް އައިސްފައެއް ނުވެއެވެ.