ޚަބަރު

ކެންޑިޑޭޓުން ހަމަކޮށް އަންނަ ހުކުރު ދުވަހު އެމްޑީޕީ ކެމްޕެއިން ރަސްމީކޮށް ފަށަނީ

މަރިޔަމް ޝަހުދާ

1

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން މިހާރު ހަމަވެއްޖެ ކަމަށާއި އަންނަ ހުކުރު ދުވަހު އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރާނެ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަދި ލޯކަލް ކައުންސުލް އިންތިހާބަށް ކަނޑައަޅާފައިވާ ސްޕޯކްޕާސަން އަފްޝަން ލަތީފު ވިދާޅުވެއްޖެ އެވެ.

އަފްޝަން މިހެން ވިދާޅުވީ މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެއްވެސް މެންބަރަކު ކުރިމަތި ނުލާ ދާއިރާތައް އަދިވެސް ހުރިކަމަށާއި، އެ ދާއިރާތަކަށް ކެނޑިޑޭޓުން ހޮވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެ ކުރިން އެމްޑީޕީން ބުނެފައިވެއެވެ. އަދި އެމްޑީޕީން ވަނީ މީގެ ކުރިންވެސް ކައުންސިލްގެ ހުރިހާ ދާއިރާއަކަށް ވާދަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

އަފްޝަން ވިދާޅުވީ މާދަމާއިން ފެށިގެން އެމްޑީޕީގެ ފަރާތުން ކައުންސިލްތަކަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ޓިކެޓު ދޭން ފަށާނެ ކަމަށެވެ. އަދި ކައުންސިލްތަކަށް ވާދަކުރާ ހުރިހާ މެންބަރުންގެ މައުލޫމާތުވެސް ހިއްސާކުރާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ ކައުންސިލަކުން ނިކުންނާނީ އެރަށަކަށް ބޭނުންވާ ހާއްސަ މެނިފެސްޓޯއެއް ހިފައިގެން ކަމަށް އަފްޝަން ވިދާޅުވިއެވެ. އަންނަ ހުކުރު ދުވަހު ކެމްޕެއިން ރަސްމީކޮށް ފަށާނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެއްވަގުތެއްގައި ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ.

އެމްޑީޕީން އިއްޔެ ވަނީ މުޅި ރާއްޖޭގައި އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.