ޚަބަރު

ސީޕްލޭން ޓާމިނަލަކީ ކުޑަ މައްސަލައެއް، ސަރުކާރު އޮތީ އެކަމުގައި ނޭވާ ހޮޅިޔަށް އެޅިފައި : ސައީދު

ސީޕްލޭން ޓާމިނަލަކީ ކުޑަ ކުޑަ މައްސަލައެއް ކަމަށާއި ސަރުކާރު އޮތީ އެކަމުގައި ނޭވާ ހޮޅިޔަށް އެޅިފައި ކަމަށް ލ. މާވަށު ދައިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނުހައްގުން ޖަލަށް ލާފައިވާ ކަމަށް ބުނެ ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ގައުމުގެއްގެ އެންމެ މަތީ އޮފީސް ހިންގަން އަންނަ ފަރާތަކީ ދިވެހި ރާއްޖޭގެ ބޮޑެތި މައްސަލަތައް ހައްލު ކުރެވޭ ވަރުގެ މީހަކަށް ވާން ޖެހޭ ކަމަށެވެ. ނަމަވެސް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މައްސަލަ ވަނީ ގައުމީ މުސީބާތަކަށް ވެފައި ކަމަށާއި އެކަން ހައްލުކުރުމުގެ ގާބިލުކަން މި ސަރުކާރުގައި ނެތް ކަމަށް ސައީދު ވިދާޅުވިއެވެ.

"މިއަދު ސީޕްލޭން ޓާމިނަލްގެ މައްސަލަ، ކުޑަކުޑަ މައްސަލައެއް ހައްލުކޮށްލަން ނޭނގިގެން މުޅި ދިވެހި ދައުލަތް ސޮއްސާއިލައިގެން ފަހަތަށް ދާތަން މިފެންނަނީ. އަޅުގަނޑު އެއްޗެއް ދަންނަވާލަފާނަން، ރައީސް ޔާމީންގެ ސަރުކާރުގައި ނަމަ އެއްކަމެއް ކަށަވަރުވާނެ. ދިވެހި ރާއްޖޭގެ އެއްވެސް އެސެޓެއް، ހަރު މުދަލެއް ބޭރުގެ ފަރާތަކަށް ކީއްކުރަންތޯ ދިވެހި ދައުލަތަށް ގެއްލުން ވާނެ ކުޑަ ކުޑަ ފުރުސަތެއް އޮތްނަމަވެސް އެ މުދަލެއް، އެ ހަރު މުދަލެއް، އެސެޓެއް މި ދިވެހި ދައުލަތުގެ މިލްކިޔާތުން ބޭރަށް ޖެހޭނެ އެއްގޮތްވެސް ނޯންނާނެ." ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ދައުލަތުގެ އެއްވެސް މުދަލެއް ބޭރުގެ ފަރާތަކަށް ނުވިއްކާނެ ކަމަށެވެ. އެހެންކަމުން ޓީއެމްއޭ ޓާމިނަލްގެ މައްސަލައިގައި ދިވެހިން މަޔޫސް ނުވާނެ ކަމަށާއި ޓާމިނަލް ހުންނާނީ ދިވެހި ދައުލަތުގެ މުދަލެއްގެ ގޮތުގައި ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލް އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ޓީއެމްއޭއަށް ކުއްޔަށް ދޭން 28 ނޮވެމްބަރު 2017ގައި އެމްއޭސީއެލްގެ ބޯޑު ބައްދަލުވުމެއްގައި މަޝްވަރާ ކުރި އިރު އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިއްބެވި ބޭފުޅުންނާއި މިހާރު ތިއްބެވި ބޭފުޅުންނާއި، ޓީއެމްއޭ އާއި މަންޓާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑާ މަސްލަހަތު އޮންނަ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.