ޚަބަރު

ކޮންމެ ކުއްޖަކުވެސް ހާސިލު ކުރަން ބޭނުން ލަނޑުދަނޑިތަކެއް ފާހަގަކޮށް އެކަމަށް މަސައްކަތް ކުރަން ޖެހޭ: ނައިބު ރައީސް

މަރިޔަމް ޝަހުދާ

ކޮންމެ ކުއްޖަކުވެސް ހާސިލު ކުރަން ބޭނުން ލަނޑުދަނޑިތަކެއް ފާހަގަކުރަން ޖެހޭ ކަމަށާއި އެކަން ހާސިލު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ޖަމާލުއްދީން ސްކޫލުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވަނީ މިހާރުގެ ދަރިވަރުންނަކީ މާދަމާ ގައުމު ހިންގަން ތިބި ދަރީންތަކެއްކަން އަބަދުވެސް ހަނދާން ބެހެއްޓުމަށް އިލްތިމާސް ކުރައްވާފައެވެ.

އެގޮތުން ރަނގަޅު ބޮޑު ކަމެއް ކުރުމުގެ ކުރިން ފަށައިގަންނަން ޖެހޭނީ ކުދި ކުދި ރަނގަޅު ކަންތައްތަކަކުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ކުރާ ކޮންމެ ކުޑަ ކަމަކީވެސް ރަނގަޅު ކަމެއްގެ ގޮތުގައި ކުރުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"މިއަދު ތިޔަކުދިން ފަށަންވީ، އާދެ "ސްޓާޓް ޑުއިންގް ލިޓިލް ތިންގްސް ރައިޓް ބިފޯ ޔޫ ސްޓާޓް ޑުއިންގް ބިގް ތިންގްސް ރައިޓް"، ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ކޮންމެ ކުއްޖަކުވެސް ލަޑުދަނޑިތަކެއް ހިމެނޭ ހުވަފެނެއް ދެކޭނެ ކަމަށެވެ. އަދި ލަނޑުދަނޑިތަކެއް ނެތި ހަމައެކަނި ކަމެއް ވުމަށް އުއްމީދު ކުރުމަކީ ދެކެވޭ ހުވަފެނެއް ކަމަށާއި ހާސިލު ކުރަން ބޭނުންވާ ކަންކަން ހާސިލު ކުރުމަށް ލަނޑުދަނޑިތަކެއް ކަނޑައަޅައި، އެކަން ކާމިޔާބު ކުރުމަށް އަޒުމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބު ރައީސްގެ ވާހަކަފުޅުގައި އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަދަރުސީ ތައުލީމު ފޯރުކޮށްދިނުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވި ސްކޫލަކީ ޖަމާލުއްދީން ސްކޫލުކަން ފާހަގަ ކުރެއްވިއެވެ. އެ ސްކޫލަކީ ކުރިއްސުރެ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ނަމޫނާ ދައްކަމުން އަންނަ ސްކޫލެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި 1997 ވަނަ އަހަރު ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ އަގުވަޒަންކޮށް އޭރުގެ ރައިސުލްޖުމްހޫރިއްޔާގެ ތިމާވެށީގެ ފެހިފަތް ޖަމާލުއްދީން ސްކޫލުން ހާސިލްކޮށްފައި ވުމީ އެކަމާ ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވއިެވެ.

މިއަދުގެ ޖަލްސާގައި ނައިބު ރައީސް ވަނީ އެމަނިކުފާނުގެ އަމިއްލަ ސްކޫލު ދައުރުގެ ހަނދާންތައް އާކުރައްވައި ދަރިވަރުންނަށް ނަސޭހަތް ދެއްވާފައެވެ. އެގޮތުން މުދައްރިސުންނާއި މައިންބަފައިންގެ އިތުރުން ބޮޑެތި މީހުންނަށް އިހުތިރާމު އަދާކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ނައިބު ރައީސް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި މި ފަދަ ހާއްސަ ދުވަހެއްގައި ދަރިވަރުން އަޒުމް ކަނޑައަޅަންވީ ޓީޗަރުންނާއި އުނގަންނައިދޭ ފަރާތްތަކަށް އިހުތިރާމު ކުރުމާއެކު އެފަރާތްތަކާއި ގާތް ގުޅުމެއް ބާއްވައި ޓީޗަރުން ދެއްވާ ފިލާވަޅުތައް ރަނގަޅަށް ދަސްކުރުމަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއަށް ޖަމާލުއްދީން ސްކޫލުން ދައްކުވައިދީފައިވާ ނަމޫނާ ތަކަކީ މުޅި ގައުމުވެސް ފަހުރުވެރިވާ ފަދަ ކަންތައްތަކެއް ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ހަފުލާގައި ނައިބު ރައީސް ވަނީ އެ ސްކޫލުގެ އެކި އިސް މަގާމުތަކަށް ހޮވިފައިވާ ދަރިވަރުންނަށް މަގާމުގެ ބެޖު ހަވާލުކޮށްދެއްވާފައެވެ. އަދި އެ ސްކޫލަށް 35 އަހަަރު ފުރުމުގެ މުނާސަބާގައި ކޭކު ފެޅުމުގެ ހަރަކާތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.