ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ޕްރޮބޭޝަން މުއްދަތު އިތުރު ކުރުމަށް އޮތް އޮތުމަކީ މަސައްކަތްތެރިން އިތުރަށް ނިކަމެތިވާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިން ތިން މަހަށް އޮތް ޕްރޮބޭޝަން މުއްދަތު ހަމަހަށް އިތުރު ކުރުމަށް ހުށަހަޅާފައި އޮތް އޮތުމަކީ މިހާރަށްވުރެވެސް އިތުރަށް މަސައްކަތްތެރީން ނިކަމެތިވާނެ ކަމެއް ކަމަށެވެ. މީގެ އިތުރުން މިހާރުވެސް ބައެއް ތަންތަނުގައި ވަޒީފާއާއި ބެހޭ ގާނޫނާއި ހިލާފަށް ކެޝުއަލް ސްޓާފުންގެ ގޮތުގައި ތިން މަހަށް ވުރެ ގިނަ ދުވަހު ދާއިމީ ނުކޮށް މަސައްކަތް ކުރުވާ ކަމަށް އަލީ ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގައި ވަޒީފާގެ ގާނޫނަށް ޖުމުލަ 15 އިސްލާހެއް ގެނައުމަށް ހުށަހަށާފައި ވެއެވެ. އެގޮތުން ޕްރޮބޭޝަން މުއްދަތު އިތުރު ކުރުމުގެ އިތުރުން ވަޒީފާގެ އެއްބަސްވުމުގައި އެއްބަސްވުން ފެށޭ ތާރީހު ކަނޑާލައި، އުޖޫރަ ދެވޭ މިންގަނޑާއި އުޖޫރަ ހިސާބު ކުރެވޭ ގޮތް، އުޖޫރަ ދިނުމަށް ކަނޑައަޅާ މުއްދަތު، ޗުއްޓީ ލިބޭ ގޮތް އަދި މުވައްޒަފުގެ އަހުލާގާއި ގުޅޭގޮތުން އޭނާއާ މެދު ފިޔަވަޅު އެޅިދާނެ އުސޫލުތައް ވަނީ އުނިކޮށްފައެވެ.
ވަޒީފާއާއި ބެހޭ ގާނޫނުގެ ބިލަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މި ބިލަށް އެކި ފަރާތްތަކުން އަންނަނީ ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.