ބޮލީވުޑް

ފިލްމުފެއާ އެވޯޑްސް 2020 : ފިލްމު އާޓިކަލް15 އަށް އަދި އަޔުޝްމަން އަށް ކްރިޓިކްސް އެވޯޑު

65 ވަނަ އެމެޒޯން ފިލްމުފެއާ އެވޯޑު ހަފުލާ ރޭ ކުލަގޮތަކަށް ވަނީ ފާހަގަކޮށްފައެވެ. ހަފުލާގައި ގިނަ އަދަދެއްގެ ބޮލީވުޑް ތަރިންވެސް ވަނީ ބައިވެރިވެފައެވެ.

ރޭގެ ހަފުލާގައި ގިނަ އެވޯޑުތަކެއް ހާސިލްކޮށް ފިލްމު ގަލީ ބޯއީ ވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ.

ހަމަ އެއާއެކު އަޔުޝްމަން ކުރާނާ އާއި އޭނާގެ ފިލްމު އާޓިކަލް15 އަށް ލިބުނު ކާމިޔާބީވެސް ވަކި ކުޑައެއް ނޫނެވެ.

އެގޮތުން އާޓިކަލް15 ގެ ޑައިރެކްޓަރު އަނޫބާވް ސިންހާ އަށް ބެސްޓް ފިލްމު ކްރިޓިކްސްގެ ޑައިރެކްޓަރު ކަމުގެ އެވޯޑު ލިބިފައިވާއިރު އަޔުޝްމަން އަށް ވަނީ ލީޑް ސްޓާ ބެސްޓް އެކްޓަރު ކްރިޓިކްސް ލިބިގެން ގޮސްފައެވެ.

އެވޯޑާ ހަވާލުވުމަށްފަހު އަޔުޝްމަން ވަނީ އިންސްޓަގްރާމުގައި އޭނާގެ ހުރިހާ ފޭނުންނާއި ކްރިޓިކްސުންނަށް ޝުކުރު އަދާކޮށް ޕޯސްޓެއް ކޮށްފައެވެ.

ރޭގެ ހަފުލާ ހުށަހަޅައިދިނީ ކަރަން ޖޯހަރު، ވިކީ ކުޝާލް އަދި ވަރުން ދަވަންއެވެ. އެ ހަފުލާގައި ރަންވީރު ވަނީ އޭނާގެ ފިލްމު ގަލީ ބޯއީ ރެޕްކުރި ގޮތަށް އެންމެން ކުރިމަތީ ރެޕިން ހުނަރު ދައްކާލާފައެވެ. އަކްޝޭ ކުމާރާއި އަޔުޝްމަން އަދި ކާތިކް އާރްޔަންވެސް ވަނީ ޝޯ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އައިޓަމެއް ހުށަހަޅައިދީފައެވެ.