ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި މަންމަ ހައްޔަރުކުރުމުން ތިން ކުދިން ބޮޑު ދައިތަގެ ބެލުމުގެ ދަށަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި މަންމަ ހައްޔަރުކުރުމުން ތިން ކުދިން ބޮޑު ދައިތަގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލު "ވަން" އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ އެފަދަ މައްސަލައެއް އެމިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި މިހާރު އެ ތިން ކުދިން ތިބީ ރައްކާތެރި މާހައުލެއްގައި އެކުދިންގެ ބޮޑުދައިތަގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެކުދިންގެ މަންމަ ހައްޔަރު ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ، ވިލިމާލެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

''ވަން"އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ 1:26 ހާއިރު މާލެއިން ވިލިމާލެއަށް ދިޔަ ދެމީހެއްގެ އަތުގައި މަސްތުވާތަކެތި ހުރި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިމާލެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 29 އަހަރުގެ ދިވެހި އަންހެނަކާއި 35 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.