ޚަބަރު

އުރީދޫ ކަލަ ރަން ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފި

މުހައްމަދު އައުޒަމް

އުރީދޫ ކަލަ ރަން ވަރަށް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުން ފެށި އުރީދޫ ކަލަ ރަން ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ. މިއަދުގެ ރަންގައި ފައިސަލް ނަސީމް ވަނީ ދުވެވަޑައިގެންފައެވެ. މިއީ ފައިސަލް ނަސީމް ފުރިހަމަ ކުރެއްވި ފުރަތަމަ 5ކޭ ރަންއެވެ.

ތަފާތު މަޖާ މާހައުލެއްގައި ކުރިޔަށް ގެންދިޔަ ކަލާ ރަން ގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު ސަރުކާރުގެ އިސްބޭފުޅުންގެ އިތުރުން އުރީދޫ މޯލްޑިވްސްގެ އިސް ބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުން ފެށިގެން ފަސް ކިލޯމީޓަރުގެ ދުވުން ފުރިހަމަކުރުމަށްފަހު ނިންމާފައި ވަނީ ވެސް ސެންޓްރަލް ޕާކަށެވެ.

އެކި ކުލަތަކާއި މަޖާ ހަރަކާތްތަކާއިއެކު ކުރިޔަށް ދިޔަ ކަލަ ރަންގައި އެންމެ ތަފާތުކޮށް ހެދުން އެޅި ފަރާތް ވަނީ ހޮވައިފައެވެ.

ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމުގައި ދުވުމުގެ ފައިދާ އަންގައިދިނުމުގެ އަމާޒާއެކު މިއަހަރު ކަލަ ރަން ކުރިޔަށް ގެންގޮސްފައިވަނީ ފެސްޓިވަލެއް ގޮތުގައެވެ. އެގޮތުން މިއަދު ހެނދުނު ވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން ގުޑި މަހާސަމާގެ ނަމުގައި ގުޑި އެރުވުމުގެ މުބާރާތެއްވެސް ބާއްވައިފައެވެ. ހެނދުނުގެ ހަރަކާތުގައި ތަފާތު ސްޓޯލްތައް މެދުވެރިކޮށް ކުޑަކުދިންނަށް ބައިވެރިވެވޭނެ ކުޅިވަރުތަކެއް ވަނީ ބާއްވައިފައެވެ. މިފެސްޓިވަލުގައި ހަވީރު ކަލަ ރަން ކުރިޔަށް ދިޔައިރު މިރޭ ވަނީ ދިވެހި ކުޅަދާނަ ފަންނާނުންތަކާއިއެކު މިއުޒިކް ޝޯވް އެއް ބާއްވައިފައެވެ.

އުރީދޫ ކަލަ ރަންގެ މިއަހަރުގެ ހަރަކާތްތަކުގައި އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.