ކުޅިވަރު

ވެލެންސިއާ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިފި

އައިދާ އަބްދުލް ހަކީމް

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުގައި ރޭ 3-2 އިން ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކޮށް ސީޒަނެއްގެ މެދުކެނޑުމަކަށް ފަހު ކްލަބް ވެލެންސިއާ އަނެއްކާވެސް ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދައިފި އެވެ.

މި ސީޒަނުގެ ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދާ ދެޓީމަށް ފުރަތަމަ ޑިވިޝަނުގެ ސީދާ ޖާގަ ލިބޭއިރު ވެލެންސިއާގެ އިތުރުން ފުރަތަމަ ސެމީ ކާމިޔާބުކުރި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އަށް ވެސް ވަނީ ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބިފަ އެވެ.

މި ދެޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ އެ ޑިވިޝަނުގައި ހިމެނުނު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބް، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސަސްޕެންޑް ކުރުމުންނެވެ. މާލީ މައްސަލަތަކާ ހެދި ނިއު އަށް ސަސްޕެންޝަނެއް އައިސްފައިވަނީ މިދިޔަ އަހަރު އެވެ. ވިކްޓްރީ ސަސްޕެންޑް ކުރީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ވަކި ހިސާބަކުންނެވެ. މި ދެ ކްލަބް ސަސްޕެންޝަން އުވާލިޔަސް އަންނަ ސީޒަނުގައި ވާދަކުރަން ޖެހޭނީ ދެ ވަނަ ޑިވިޝަނުގައި ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ. އެހެންވެ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާން ކުޅޭ ޕްލޭ އޮފް ބުރު މި ސީޒަނުގައި ނޯންނާނެ އެވެ.

ނިއު އާއި ވިކްޓްރީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވިއިރު ނިއުގެ ސަޕޯޓަރުން މިހާރު އަންނަނީ އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނަށް އެޓީމު އަލުން ގެންނަން މަސައްކަތް ކުރަމުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު 17 ވަނަ މިނެޓުގައި ޖެހީ ޖޭޖޭ ސްޕޯޓްސްގެ އަލީ ނާފިއު އެވެ. މެދުތެރެއިން އަހުމަދު އައިހަމް ދިން ބޯޅަ ހިފައިގެން ގޮސް ނާފިއު ގޯލުގެ ތެރެއަށް ބޯޅަ ވައްދާލީ ތިރިތިރިންނެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ވެލެންސިއާ އަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) އެވެ. ކުރިން ގައުމީ ޓީމަށް ވެސް ކުޅުނު ބޮކުރީ ފޮނުވާލީ ހިލޭ ޖެހުން ވަނީ ގޯލުގެ ތިރީ ކަނަށެވެ.

ދެ ވަނަ ހާފުގައި ވެލެންސިއާގެ ދެ ގޯލު ވެސް ޖަހައިދިނީ ބިދޭސީ ފޯވާޑް ސަމުއެލް ޑެޑީ އެވެ. 67 ވަނަ މިނެޓުގައި ޑެޑީ ފުރަތަމަ ގޯލު ޖެހީ ހުރަހަކުން ބޮލުންނެވެ. އެޓީމަށް ލީޑު ފުޅާކޮށްދިން ގޯލު ޑެޑީ ޖެހީ އޭރިޔާ ތެރޭ ހުހަށް ހުރެ ފަސޭހަކަމާއެކު އެވެ. މި ގޯލު ޖެހިއިރު ވެލެންސިއާގެ ކުޅުންތެރިޔަކު އޮފްސައިޑުގައި ހުރިކަމަށް ޖޭޖޭ ސްޕޯޓްސް އިން ވަނީ އެޕީލްކޮށްފަ އެވެ. މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް ޖޭޖޭ ސްޕޯޓްސްގެ ނާފިއު ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. ނާފިއު ގޯލުގެ ތެރެއަށް ބޯޅަ ވައްދާލީ ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ޖަޒްލާން އަތުގައި ޖެހިފައި ބޯޅަ ވެއްޓުނު ވަގުތު އެވެ. މެޗުގެ ބާކީ ބައިގައި ޖޭޖޭ ސްޕޯޓްސް އިން ވަނީ މުޅި ޓީމު ކުރިއަށް ޖެހި އިތުރު ގޯލެއް ޖަހަން މަސައްކަތް ކޮށްފަ އެވެ.

2018 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުން ވެލެންސިއާ ރެލިގޭޓްވުމުން އެޓީމު މި ސީޒަނުގެ ދެ ވަނަ ޑިވިޝަނާ ކުރިމަތިލީ ޓީމުގެ ކުރީގެ ކުޅުންތެރިން ހިމެނޭ ހެން ވަރުގަދަ ޓީމެއް އެކުލަވާލައިގެންނެވެ. ގޯލްޑް ކެޕްޓަން އައްސަދު އަބްދުލްގަނީގެ ކޯޗުކަމުގައި ޖޭޖޭ ސްޕޯޓްސް ވެސް މި ސީޒަނުގައި ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. 2018 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް އެރުމުގެ ފުރުސަތު ޖޭޖޭ ސްޕޯޓްސް އަށް ގެއްލުނީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ބަލިވުމުންނެވެ.

މުބާރާތުގެ ފައިނަލުގައި ސުޕަރ ޔުނައިޓެޑާއި ވެލެންސިއާ ވާދަކުރާ މެޗު ކުޅޭނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.