ސިޔާސީ

އެމްޑީޕީން ކައުންސިލް އިންތިހާބުގެ ޕޯސްޓަރު ހިއްޕުން ރައީސް ސޯލިހާއި ރައީސް ނަޝީދު ފައްޓަވައިދެއްވައިފި

އިބްރާހިމް ޒަކީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް، އެމްޑީޕީގެ ކެމްޕެއިން ފެށުމަށް ޓަކައި ޕޯސްޓަރު ހިއްޕުމުގެ ހަރަކާތް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު ފައްޓަވައިދެއްވައިފި އެވެ.

ޕޯސްޓަރު ހިއްޕުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު އާޓިފިޝަލް ބީޗް ކުރިމަތިން ކަހަލަ ގޮތަކަށް ހުންނަ އެމްޑީޕީގެ ރަސްމީ ހަރުގެ ކުރިމަތީގައެވެ. މިރަސްމިއްޔާތު ފެށުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ކުރު ވާހަކަފުޅެއް ދެއްކެވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިހާބަށްވުރެ ބޮޑު ކާމިޔާބެއްް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ހޯދާނެ ކަމަށެވެ. އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މި އިންތިހާބު ތަފާތު ބޮޑު ނަތީޖާއަކުން އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށެވެ.

މުޅި ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި ޕޯސްޓަރު ތަތްކުރަން ފެއްޓެވީ ދެ ރައީސުންގެ ވާހަކަ ފުޅަށް ފަހުގައެވެ. ޕޯސްޓަރު ތަތް ކުރުމުގެ ރަސްމިއްޔާތުގައި ދެ ރައީސުން ބައިވެރިވެ ވަޑައިގެން އެންމެ ފުރަތަަމަ ޕޯސްޓަރު ހިއްޕެވީ އެމްޑީ ހަރުގޭގައެވެ. އެއަށްފަހު ދެ ބޭފުޅުން މަޖިދީމަގުން ހިންގަވާފައި ވަޑައިގެން، ބައެއް ގޭގޭގެ ފާރުގައި ޕޯސްޓަރު ހަރުކުރައްވަމުން ގެންދެވިއެވެ.

އެމްޑީޕީން ބުނީ މިއަދު ހެނދުނު ފެށި ރަސްމިއްޔާތާއެކު ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި މިއަދުން ފެށިގެން ކުރިޔަށް ދާނެ ކަމަށެވެ. ގާނޫނުގައި ބުނެފައިވާ އެންމެ ފަހު ވަގުތާ ހަމަޔަށް ކެމްޕެއިިން ހަރަކާތްތަކާއެކު ޕޯސްޓަރު ހަރުކުރުން ކުރިއަށްދާނެ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއެއްގެ ހުރިހާ ގޮނޑިޔަކަށް އެމްޑީޕީން ވާދަކުރާއިރު، ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައި ވަނީ، އަންނަ އޭޕްރީލް މަހުގެ ހަތަރެއްގައެވެ.