ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަޖިލިސް އިންތިހާބަށްވުރެ ބޮޑު ކާމިޔާބެއް ކައުންސިލް އިންތިހާބުގައި ލިބޭނެ: ރައީސް

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ކާމިޔާބަށްވުރެ ބޮޑު ކާމިޔާބެއް ކުރިއަށް އޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގައި ލިބޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހެން ވިދާޅުވީ، އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ގޮތުން ޕޯސްޓަރު ހިއްޕުމުގެ ރަސްމިއްޔާތު ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައެވެ.

އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ގާނޫނުން މިހާރު ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކާ ގުޅިގެން ސަރުކާރުން ހިންގަން ޖެހޭ މަޝްރޫއުތައް ހިންގުމުގައި ކައުންސިލް ތަކުގެ އެއްބާރުލުން ވަަރަށް ބޭނުންތެރި ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ސަރުކާރުގެ އެޖެންޑާ ތަންފީޒު ކުރާނެ ބަޔަކު ކައުންސިލްތަކުގައި ތިބެން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުން އެކަމަށް ބަރާބަރަށް ތައްޔާރުވެ ތިބިކަން ގަބޫލު ކުރައްވާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިިންތިހާބުގައި ސަރުކާރަށް ތާއީޑު ކުރާ އެމްޑީޕީގެ ކުރިހާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވިއެވެ.

އަންނަ އޭޕްރީލްމަހުގެ ހަތަރު ވަނަ ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފައެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ގޮތުން ޕޯސްޓަރު ތަތް ކުރުމުގެ ހަރަކާތް ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީން މިއަދު ވަނީ ފަށައިފައެވެ.