ޚަބަރު

ޑީކޯ ޗެމްބަރު އައްޑޫގައި ބަހައްޓާތީ ހުވަދޫ މަސްވެރިން ނުކުމެ މުޒާހަރާކޮށްފި

އަލީ ޔާމިން

ފުޅި އަޅައިގެން ފީނުމުގެ ތެރޭގައި ޑީކޯވާ މީހުންނަށް ފަރުވާ ދޭ ޗެމްބަރެއް އައްޑޫ ސިޓީގައި ބަހައްޓަން ސަރުކާރުން ނިންމާފައިވާތީ ހުވަދު އަތޮޅުގެ ތިން ރަށެއްގެ މަސްވެރިން ނުކުމެ އެކަމާ ދެކޮޅަށް މުޒާހަރާ ކޮށްފިއެވެ.

ޑީކޯވާ ފަރާތްތަކަށް ފަރުވާދެވޭނެ އިންތިޒާމު އައްޑޫ ސިޓީގައި ގާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިންގައި އައްޑޫ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެކެވެ.

އެގޮތުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވަނީ، އަންނަ މަހުގެ ތެރޭގައި އައްޑޫގައި ޑީކޯ ޗެމްބަރެއް ހުޅުވިގެންދާނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގައި ބަހައްޓާނީ ޝަންގްރިއްލާ ރިސޯޓުގައި ކުރިން އޮަޕަރޭޓް ކުރި ޑީކޯ ޗެމްބަރެވެ.

އެކަމާ ގުޅިގެން ގދ. ތިނަދޫ، ގއ. ގެމަނަފުށި އަދި ގއ. ނިލަންދޫގައި އެރަށްރަށުގެ މަސްވެރިން ވަނީ އެކި ޝިއާރުތައް ހިފައިގެން ނުކުމެ މުޒާހަރާކޮށްފައެވެ.

އެ މަސްވެރިން ބުނާ ގޮތުގައި އެންމެ ގިނަ މީހުން ޑައިވް ކުރަނީ އަދި އައްޑޫގެ ގިނަ މަސްދޯނިތައް ވެސް އެން ނަގަން އަންނަނީ ހުވަދު އަތޮޅަށެވެ. އަދި ޑީކޯވި ގިނަ ބަޔަކު މިހާރު ވެސް ތިބީ ހުވަދޫގައި ކަމަށާއި އެހެންކަމުން ޗެމްބަރެއް ބެހެއްޓުން އެންމެ މުހިންމީ ހުވަދޫގައި ކަމަށް އެ މަސްވެރިން ގޮވާލައިފައިވެއެވެ.

ރާއްޖޭގައި ޑީކޯވުމުގެ ގިނަ ހާދިސާތަކެއް ހިނގަމުންދާއިރު ޑީކޯވާ މީހުންނަށް ފަރުވާދިނުމަށް ހާއްސަ ޗެމްބަރެއް މިހާރު ގާއިމްކޮށްފައި ހުރީ ބަނޑޮސް އައިލެންޑް ރިސޯޓުގައި އެކަންޏެވެ. އަދި މީގެ ކުރިން އައްޑޫ ސިޓީ ޝަންގްރިއްލާ ރިސޯޓުގައި އޭގެ ޗެމްބަރެއް ހުރި ނަމަވެސް އެ ޗެމްބަރު މިހާރު ބޭނުމެއް ނުކުރެއެވެ.

ޑީކޯވުމުގެ ސަބަބުން އެތަށް ޒުވާނުންގެ ފުރާނަ ގެއްލި އަދި ބައެއް ޒުވާނުން އުމުރު ދުވަހު ނުކުޅެދޭ މީހުންނަށްވެއެވެ.