ޚަބަރު

ޓީއެމްއޭއާއި އެމްއޭސީއެލްއާ އަޅުގަނޑާ އެއްވެސް ގުޅުމެއް ނެތް: ނަޝީދު

މަރިޔަމް ޝަހުދާ

1

ޓްރާންސް މޯލްޑިވިއަން އެއާވޭސް(ޓީއެމްއޭ)އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާއި އެއްވެސް ގުޅުމެއް އެމަނިކުފާނާއި ނެތް ކަމަށާއި، ސީޕްލޭން ޓާމިނަލްގެ ވާހަކަފުޅުދައްކަނީ ރާއްޖޭގެ އިގްތިސާދު ގެއްލުމުން ސަލާމަތް ކުރަން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި އެމަނިކުފާނުގެ އަތު ލިޔުމުން ލިޔުއްވައި އާންމުކުރެއްވި ނޯޓެއްގަ އެވެ.

މީގެ ކުރިން ނަޝީދު ވަނީ ދިވެހި ސަރުކާރާއި ޓީއެމްއޭއިން ދެފަރާތް އެއްބަސްވެވޭ ގޮތަކަށް އެމްއޭސީއެލްގެ އާ ސީޕްލޭން ޓާމިނަލްގެ ކަންކަން އަވަހަށް ނިންމުން މުހިއްމު ކަމަށް ވިދާޅުވެފައެވެ. އަދި އާ ސީޕްލޭން މައްސަލައިގައި ގޮތެއް ނުހޯދިއްޖެނަމަ ރަންވޭ ހުޅުވުން ލަސްވެ ޓީއެމްއޭ އަށް ބަދަލު ދޭން ޖެހުން ގާތް ކަމަށްވެސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދަށް ވަނީ ފާޑުކިޔުންތައް ވެސް އަމާޒު ވެފައެވެ. މި މައްސަލައިގައި އެގޮތަށް އެ މަނިކުފާނު ވާހަކަފުޅު ދައްކަވަނީ އެމަނިކުފާނުގެ މަސްލަހަތާއި ގުޅުން އޮތް ކަމެއް ކަމަށް ވުމުން ކަމަށް ބުނެ ބައެއް މީހުން އަންނަނީ އެމަނިކުފާނަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.

އެމްއޭސީއެލުން އިންވެސްޓްކޮށްގެން ހަދާ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާގުޅޭ މައްސަލަ ބޮޑުވީ، ޓާމިނަލްގެ ބޮޑު ބައެއް ކުޑަ އަގެއްގައި ޓީއެމްއޭއަށް ދޭ ގޮތަށް އެކުންފުންޏާއި ޓީއެމްއޭއާ ދެމެދު ކުރީއްސުރެ އެއްބަސްވެ، ރަސްމީ އެގްރީމެންޓެއް އެކުލަވާލުމާއި ހަމައަށް ގޮސްފައި އޮއްވައި، އެއާ ތަފާތުކޮށް މިހާރު ސަރުކާރުން އެތައް ދޭން އުޅޭތީ އެވެ.

ނަމަވެސް އެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ސަރުކާރުން ވަނީ އާ ސީޕްލޭން ޓާމިނަލުން ޖާގަ ދިނުމުގައި އަމަލު ކުރާނެ ގޮތް ކަނޑައަޅައި އުސޫލުތައް އާންމުކޮށްފައެވެ. އެގޮތުން ސަރުކާރުން ނިންމީ ޓީއެމްއޭ އާއި މަންޓާއަށް މިހާރު ދީފައިވާ ޖާގައަށްވާ ވަރުގެ ސަރަހައްދެއް، އެއް އަގެއްގައި އާ ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ދިނުމެވެ. އަދި ސީޕްލޭން އޮޕަރޭޓަރުން އިތުރު ޖާގަ ބޭނުންނަމަ އޮންނަ އުސޫލުގެ ތެރެއިން މާކެޓު ރޭޓުގައި ދޭ ގޮތަކަށެވެ.

މި މައްސަލައިގައި ޓީއެމްއޭއިމް ތަކުރާރުކޮށް ބުނަމުން އަންނަނީ، ކުރީގެ ސަރުކާރުން ވަނީ އެމީހުންނާ އެކު ގިނަ މުއާމަލާތްތަކެއް އަނގަބަހުންނާއި ލިޔެކިޔުމުން ވެސް ބަދަލުކޮށްފައި ކަމަށާއި ޓީއެމްއޭއިން ވެސް އެއްބަސްވާ ގޮތަށް އެގްރީމެންޓެއް ހަދައި އޭގެ ޑްރާފްޓްވެސް ކުރީ ސަރުކާރުން ފޮނުވާފައި ކަމަށެވެ.