ޚަބަރު

ރާއްޖެއަށް ކަނޑައަޅުއްވާ ބަންގުލަދޭޝް އާ ސަފީރަކަށް އެގައުމުގެ ނޭވީގެ ކޮމާންޑަރެއް

ބަންގުލަދޭޝް އިން ރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރަކަށް އެގައުމުގެ ނޭވީ ފްލީޓުގެ ކުރީގެ ކޮމާންޑަރެއް ހަމަޖައްސަން ނިންމައިފިއެވެ.

ބަންގުލަދޭޝްގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނަކާ ހަވާލާދީ ބަންގުލަދޭޝްގެ އެންމެ ބޮޑު އެއް ނޫސް، ދަ ޑެއިލީ ސްޓާގައި ބުނެފައިވަނީ ބަންގުލަދޭޝް އިން ރާއްޖެއަށް ކަނޑައަޅުއްވާ އާ ހައި ކޮމިޝަނަރުގެ މަގާމަށް ރިއާ އެޑްމިރަލް ނަޒްމުލް ހަސަން ހަމަޖައްސަން އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ބަންގުލަދޭޝްގެ ޗިޓަގޮންގް ޔުނިވާސިޓީން އިން ބެޗްލާސް އޮފް ސައިންސް ޑިގްރީ އާއި ބަންގުލަދޭޝްގެ ނޭޝަނަލް ޔުނިވާސިޓީން މަސްޓާސް އިން ޑިފެންސް ސްޓަޑީސް ހާސިލް ކުރައްވާފައިވާ ނަޒްމުލް ހަސަން ބަންގުލަދޭޝް ނޭވީއާ ގުޅިވަޑައިގަތީ 1 ޖުލައި 1986 ގައެވެ.

އަދި ނޭވީގައި ހިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އެކި އިސް މަގާމުތައް އޭނާ އަދާކުރައްވައިފައިވެއެވެ. އެގޮތުން ޑިރެކްޓަރު ނޭވަލް އޮޕަރޭޝަން އަދި ޑިރެކްޓަރު ނޭޝަލް އިންޓެލިޖެންސްގެ މަގާމު ހިމެނެއެވެ.

ނެވިގޭޝަން ދާއިރާ އިން ހާއްސަ ވެފައިވާ ނަޒުމް ހަސަން ވަނީ އދ. އިން 2002 ވަނަ އަހަރު ޔޫގޯސްލާވިއާއަށް ފޮނުވި ޕީސްކީޕިން މިޝަންގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ.

ސަފީރު ކަމަށް ހަމަޖެއްސުމުގެ ކުރިން އޭނާ ހުންނެވީ ބަންގުލަދޭޝް ނޭވީ ފްލީޓުގެ ކޮމާންޑަރުގެ މަގާމުގައެވެ. އެ މަގާމަށް އޭނާ އައްޔަންކުރެއްވީ 2013 ވަނަ އަހަރުގައެވެ.

ބަންގުލަދޭޝް އިން ރާއްޖެއަށް އާ ސަފީރަކު ހަމަޖައްސަން ނިންމާފައި މިވަނީ، އެ މަގާމުގައި ކުރިން ހުންނެވި ރިއަރ އެޑްމިރަލް އަހްތަރު ހަބީބުގެ ދައުރު ހަމަވުމުންނެވެ. އޭނާ ބަންގުލަދޭޝް އިން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް އައްޔަންކުރެއްވީ 12 ޖޫން 2017 ގައެވެ.