ހުތުބާ

ދަރިންނަށް ރިވެތި ނަމޫނާ ދައްކައި، ދީނުގެ އަދަބުތަކާއި ވާޖިބުތައް އަދާކުރުމަށް ނަސޭހަތްތެރިވުމަށް ގޮވާލައިފި

އިސްލާމްދީނުގެ ރިވެތި އަދަބުތަކުން ޒީނަތްތެރިވެ ތިބުމަށްޓަކައި ލޮބުވެތި މާތް ނަބިއްޔާގެ ސީރަތު ކުދިންނަށް އުނގަންނައިދިނުމީ އެކުދިންނަށްޓަކައި މައިންބަފައިން ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ހެޔޮ ގޮތުގައި ދަރިން ތަރުބިޔަތު ކުރުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ދަރިންނަކީ މާތް ﷲ މައިންބަފައިންނާއި ހަވާލުކުރައްވާފައިވާ ވަރަށް މަތިވެރި އަމާނާތެއް ކަމަށާއި އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު ކަމަށެވެ.

އެހެންކަމުން އެކުދިން ހެޔޮ މަގުން އެއްކިބާވުމުގައި އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނެ ބަޔަކީ މައިންބަފައިން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެގޮތުން ދަރިން ދެކެ ލޯބިވުމަކީ އެކުދިންގެ އުމުރާއި ބޭނުންތަކަށް ނުބަލައި އެކުދިން ބޭނުން ވަރަކަށް ފައިސާ ދިނުމާއި ބޭނުންހާ އެއްޗެއް ހޯދައިދީ، އެކުދިން ބޭނުންހާ ކަމެއް ކޮށް ބޭނުން ތަނަކަށް ގޮސް އުޅުމުގެ މިނިވަންކަން ދިނުން ކަމަށް ބައެއް މީހުން ދެކޭކަން ފާހަގަކުރައްވާ ހުތުބާގައި ބުނީ، ދަރިންދެކެ ހަގީގީ ލޯބިވުމަކީ އިސްލާމީ ތަރުބިޔަތަކުން އެދަރިން ތަރުބިޔަތު ކުރުން ކަމަށެވެ.

އަދި ހަލާލު އާމްދަނީން އެ ދަރިންނަށް ރަނގަޅު ތައުލީމުދީ، ފައިދާ ހުރި ކާނާ އާއި ފޭރާން ހޯދައިދީ އަދި ދަރިންގެ އުމުރާ ގުޅޭ ގޮތަށް ބޭނުންތައް ފުއްދައިދިން ކަމަށާއި އެކުދިންގެ އުޅުމާއި އަހުލާގާއި ސުލޫކު ރަނގަޅު ކުރުމަށްޓަކައި އަބަދާއި އަބަދު މަސައްކަތް ކުރުމަކީ މައިންބަފައިން ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

އޭގެ އިތުރުން އިސްލާމްދީނުގެ ރިވެތި އަދަބުތަކުން ޒީނަތްތެރިވެ ތިބުމަށްޓަކައި ލޮބުވެތި މާތް ނަބިއްޔާގެ ސީރަތު އެކުދިންނަށް އުނގަންނައިދިނުމީ އެކުދިންނަށްޓަކައި މައިންބަފައިން ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށާއި އިސްލާމްދީނުގެ ރުކުންތަކާއި ހުކުމްތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދީނީ ވާޖިބުތައް އަދާކުރުމުގައި ފަރުވާތެރިވުމަށް ނަސޭހަތްތެރިވުމަށް ވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ މައިންބަފައިން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ކަމަކީ ދަރިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ހަރުދަނާ ކުރުމަށް ކަމަށާއި އެކުދިންގެ އުމުރާ އެކަށީގެންވާ މިންވަރަށް ތައުހީދުގެ އިލްމު އުނގަންނައި ދިނުމަށް ކަމަށެވެ.

އެގޮތުން ﷲ އެއްކައުވަންތަ ކުރުމަކީ ކޮބައި ކަމާއި އެއްކައުވަންކަމާ ފުށުއަރާ ޝިރުކަކީ ކޮބައިކަން ވިސްނުވައި ދީ، އިސްލާމްދީން އޭގެ މައްޗަށް ބިނާވެގެންވާ ފަސް ރުކުނާއި އީމާންކަމުގެ ހަ ރުކުނަކީ ކޮބައިކަން ބަޔާންކޮށްދިނުމަށް ކަމަށް ބުންޏެވެ.

އޭގެ އިތުރުން ހުރިހާ މައިންބަފައިން ވެސް އެބައިމީހުންގެ ދަރިން ނަމާދު ކުރުމަށް ބާރުއަޅާންވާނެ ކަމަށާއި ނަމާދު ކުރުމަށް ހޭލުންތެރިކޮށް، ކުޑައިރުއްސުރެ ކުއްޖާ އެކަމަށް ތަމްރީން ކުރަންވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އެކަމަށް ބާރުއަޅުއްވައި ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ހަތް އަހަރު ވުމުން ދަރިންނަށް ނަމާދު ކުރަން އަމުރު ކުރާށެވެ. ދިހަ އަހަރުވުމުން ނަމާދު ނުކުރާނަމަ (އެކުދިންނާ އެކަށީގެންވާ) އަދަބެއް ދީގެން ވެސް ނަމާދު ކުރުވާށެވެ. އަދި އަންހެން ކުދިންނާއި ފިރިހެން ކުދިން ނިދާ ތަންމަތި ވަކި ކުރާށެވެ.!"

ހުތުބާގައި އިތުރަށް ބުނީ، ދަރިން ތަރުބިޔަތު ކުރުމަށްޓަކައި މައިންބަފައިން ކުރާ މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާ ފެންނާނީ މައިންބަފައިން ދަރީންނަށް ރިވެތި ނަމޫނާއަކަށް ވެގެން ކަމަށެވެ. އަދި މައިންބަފައިން ދޭ ނަސޭހަތާއި އިރުޝާދުން ކުދިންނަށް އަސަރު ކުރާނީ އެންމެ ފުރަތަމަ މައިންބަފައިން އެކަންތައް ތަންފީޒުކޮށް ކުދިންނަށް މަނާކުރާ ކަންތައްތަކުން މައިންބަފައިން ދުރުހެލިވެގެން ކަމަށެވެ.