ލައިފް ސްޓައިލް

ބިއްލޫރިތަށީގެ ބަރުދަން

ފާޠިމަތު ސަރީރާ ޢަލީ ޝަރީފް

4

ޢާންމުކޮށް ސައިކޮލޮޖީ ކިލާސްތަކުގައި ޓީޗަރުން ކޮށް އުޅޭ ކަމެއް އޮވެއެވެ. އެއީ ބައިތަށި ފެން ދަރިވަރުންނަށް ދައްކާލާފައި ސުވާލެއް ކުރުމެވެ. އެ ސުވާލަކީ "މިއީ ދެ ބައިކުޅަ އެއް ބަޔަށް ފުރިފައި ހުރި ތައްޓެއްހެއްޔެވެ؟ ނުވަތަ ދެ ބައިކުޅަ އެއް ބައި ހުސްވެފައި ހުރި ތައްޓެއްހެއްޔެވެ؟"

މި ސުވާލުގެ ޖަވާބު އެކި ދަރިވަރުން ދޭނީ އެކި ގޮތަށެވެ. ދެން ޓީޗަރު ބުނާނެއެވެ. "ތިޔަ ހުރިހައި ދަރިވަރުންނަށް ވެސް ތިޔަ ފެނުނީ ހަމަ އެއް ތައްޓެކެވެ. ފެން ހުރީ އެއްވަރަކަށެވެ. އެންމެން ތިޔަ ތިބީ އެއް ތަނެއްގައެވެ. ތަށި ތިޔަ ފެނުނީ ހަމަ އެއް ވަގުތެއްގައެވެ. އެކަމަކު ޖަވާބު ކިހައި ތަފާތުހެއްޔެވެ؟ އެއީ އެއްގޮތަކަށް ވެސް ފެންތައްޓާ ގުޅުން ހުރި ކަމެއް ނޫނެވެ. ކޮންމެ ދަރިވަރަކު ދޭ ޖަވާބު ކަނޑައަޅަނީ އެ ދަރިވަރަކު ދުނިޔޭގެ ކަންތައްތަކާ މެދު ދެކޭ ގޮތެވެ. ދުނިޔޭގެ ކަންކަމާ މެދު ހެޔޮކޮށް ދެކޭ ދަރިވަރުންނަށް ފެންނާނީ ދެބައިކުޅަ އެއްބަޔަށް ފުރިފައި ހުރި ތައްޓެކެވެ. އެ ދަރިވަރުން އެ ބަލަނީ އޭގައި ހުރި ރިޒުގަށެވެ. ފެނަށެވެ. އަދި ގޯސްކޮށް ދެކޭ ދަރިވަރުންނަށް ފެންނާނީ ދެބައިކުޅަ އެއްބައި ހުސްވެފައި ހުރި ތައްޓެކެވެ. އެ ދަރިވަރުން އެ ބަލަނީ އެތަށީގައި ވާ ހުސް ތަނަށެވެ. އެ ތަށީގައިވާ ފެން އެ ދަރިވަރުންނަށް ނުވެސް ފެންނަ ފަދައެވެ."

މިއީ އާންމުކޮށް ވަރަށް ގިނަ މީހުން ދަންނަ، ފަރިތަ ވާހަކައެވެ. ނަމަވެސް، މި ވާހަކައާ އަޅުގަނޑު މުޅީން އެއްބަހެއް ނުވަމެވެ. އެއީ މީހުން ދުނިޔެއާ މެދު ދެކޭ ގޮތް ކަނޑައެޅުމަކީ އެހައި އާދައިގެ، އެހައި ފަސޭހަ ކަމެއްކަމަށް އަޅުގަނޑަށް ޤަބޫލު ނުކުރެވޭތީއެވެ. އެހެންކަމުން، އެ ވާހަކަތައް ލިޔާން އުޅޭކަށް އަޅުގަނޑަކަށް ނުކެރޭނެއެވެ. އެހެންނަމަވެސް، މިވާހަކަ މި ދަންނަވައިލީ ބައިތަށި ފެނާ ގުޅޭ އެހެން ވާހަކައެއް ދަންނަވައިލާން އުޅޭތީއެވެ.

އެއް ދުވަހަކު އަޅުގަނޑުމެންގެ ސައިކޮލޮޖީ ޕްރޮފެސަރު އަޅުގަނޑުމެންނަށް ބައިތަށި ފެން ދައްކައިލައިފިއެވެ. އަދި އެ ފެންތަށި އަތުކޮޅަށް ހިއްލައިލުމާއެކު، އަޅުގަނޑު ކުރިން މި ދަންނަވައިލި، އެންމެން ދަންނަ ޢާންމު ސުވާލު އަންނަނީކަމަށް ހިތައި ފޫހިވެފައި އަޅުގަނޑުމެން ތިއްބައި ޕްރޮފެސަރު އަހައިލިއެވެ. "މި ތަށީގެ ބަރުދަނަކީ ކިހައި ވަރެއްހެއްޔެވެ؟" އަޅުގަނޑުމެންނަށް ކުއްލިއަކަށް ހޭލެވުނު ކަހަލައެވެ. އަޅުގަނޑުމެން އެކި ދަރިވަރުން އެކި ޖަވާބު ދީފީމެވެ.

ޕްރޮފެސަރު ހީނގެންފައި ބުންޏެވެ. "އަހަންނަކަށް ވެސް ނޭނގެއެވެ. މީގެ ބަރުދަން އެނގޭނީ ކިރީމައެވެ." މިހެން ބުނުމާއެކު ދަރިވަރުންތައް ކަކަކަކަ އަޅާފައި ހޭންފަށައިފިއެވެ. ތިމާއަށް ޖަވާބު ނޭނގޭ ސުވާލު ދަރިވަރުންނާ ކުރުމީ ޓީޗަރުން އާންމުކޮށް ކޮށް އުޅޭ ޒާތުގެ ކަމަކަށް ނުވާތީއެވެ.

އަޅުގަނޑުމެންނާ ބައިވެގެން ޕްރޮފެސަރު ވެސް އިރޮކޮޅަކު ހީނފިއެވެ. އެއަށް ފަހު ކިލާހުގެ އެންމެ ފަހަތުގައި، ވައިވެފައި އިން ދަރިވަރަކަށް ގޮވައި، އޭނާ ގެނެސް އަޅުގަނޑުމެންގެ ކުރިމަތީގައި ބަހައްޓައިފައި، އޭނާގެ އަތަށް އެއްކަލަ ފެންތަށި ދީފައި، ރީއްޗަށް އަތް ދަމައިލައިގެން ފެން ތަށި ހިފަހައްޓައިގެން ހުންނާށޭ ބުނެފިއެވެ. ޕްރޮފެސަރު އެ ބުނި ގޮތަށް ދަރިވަރު ކަންތައް ކުރުމުން، އޭނާ ކުރެން ވެސް އަހައިލިއެވެ. "ފެންތަށީގެ ބަރުދަން ކިހައިވަރެއްހެއްޔެވެ؟" ދަރިވަރު ރަކިވެފައި ބުނެލިއެވެ. "ނޭނގެއެވެ."

ދެން ޕްރޮފެސަރު ކިލާހާ ސުވާލު ކުރިއެވެ. "އޭނާ އެ ތަށި ހިފަހައްޓައިގެން އެ ގޮތަށް ދެތިން މިނެޓު ހުރެއްޖެ ނަމަ ވާނީ ކިހިނެއްހެއްޔެވެ؟" ދަރިވަރަކު ޖަވާބު ދިނެވެ. "އެއްވެސް ކަމެއް ނުވާނެއެވެ." އެހެން ދަރިވަރުން ވެސް އެއްބަސްވިއެވެ.

ޕްރޮފެސަރު އަހައިލިއެވެ. "އޭނާ އެ ތަށި ހިފަހައްޓައިގެން އެ ގޮތަށް ގަޑިއެއް ދެ ގަޑިއިރެއްހައި އިރު ހުރެއްޖެ ނަމަ ވާނީ ކިހިނެއްހެއްޔެވެ؟" ދަރިވަރަކު ޖަވާބު ދިނެވެ. "އަތުގައި ރިއްސަން ފަށާފާނެއެވެ." އެހެން ދަރިވަރުން ވެސް މި ކަމާ އެއްބަސްވިއެވެ.

ދެން ޕްރޮފެސަރު އަހައިލިއެވެ. "އޭނާ އެ ތަށި ހިފަހައްޓައިގެން އެ ގޮތަށް މިއަދު ހަތަރުދަމު ހުރެއްޖެ ނަމަ ވާނީ ކިހިނެއްހެއްޔެވެ؟" ދަރިވަރަކު ޖަވާބު ދިނެވެ. "އޭރުން އޭނާގެ އަތުގެ މަސްތަކުގައި ވަރަށް ބޮޑަށް ރިއްސާނެއެވެ. އަދި އަތް އައްސި ވެސް ވެދާނެއެވެ". އެހެން ދަރިވަރުން ވެސް އެއްބަސްވިއެވެ. އަދި އިތުރު ދަރިވަރަކު ބުންޏެވެ. "ފަހަރެއްގައި ހޮސްޕިޓަލުން ފަރުވާ ހޯދަންވެސް ޖެހިދާނެއެވެ."

ދެން ޕްރޮފެސަރު އަހައިލިއެވެ. "އޭނާ އެ ތަށި ހިފަހައްޓައިގެން އެ ގޮތަށް ރެއާއި ދުވާލު ހުރެއްޖެ ނަމަ ވާނީ ކިހިނެއްހެއްޔެވެ؟" ދަރިވަރަކު ޖަވާބު ދިނެވެ. "އެ ގޮތުގައި އެހެން އަބަދު ހުންނާންވެއްޖެ ނަމަ އޭނާގެ އަތުގެ ބޭނުން މުޅީން ކެނޑިދާނެއެވެ. އަތް އައްސިވެގެން ގޮސް، އަތުގެ ހިއްސު ވެސް މުޅީން ކެނޑި، އެންމެ ފަހުން އެ އަތް ވައު ވެސް ވެދާނެއެވެ. އެހެން ނޫނަސް، އެހެން ހުންނާންވެއްޖެ ނަމަ އޭނާއަކަށް އެހެން ކަމެއް ނުކުރެވޭނެ ނޫންހެއްޔެވެ؟ ކައިބޮއި ހަދާނީ ވެސް ކިހިނެއްހެއްޔެވެ؟ އެހެން ހުންނަން ހަދައިގެން ވާނީ މަރެވެ!"

މި ވާހަކަތަކާ މެދު ވަރަށް ޝައުޤުވެރިކަމާއެކު އެތައް އިރެއް ވާންދެން ދަރިވަރުން ބަހުސްކުރަމުން ގެންދިޔައެވެ. އެ ގޮތަށް އެ ފެންތަށި ހިފަހައްޓައިގެން ރެއާއި ދުވާލު ހުންނާންވެއްޖެ ނަމަ އެ ދަރިވަރުގެ ދިރިއުޅުމަށް ކުރާނެ އަސަރާއި، އޭނާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވާނެ ގެއްލުމުގެ ވާހަކަ ދައްކަމުން ދަނިކޮށް، އެއްކަލަ ފެންތަށި ހިފަހައްޓައިގެން ހުރި ދަރިވަރު ވޭނީ އަޑަކުން ކުކުރައިލައިފިއެވެ. އޭނާ އެ ގޮތުގައި، ފެންތަށި ހިފަހައްޓައިގެން ހުންނަތާ އޭރު ބައިގަޑިއެއްހައި އިރު ވާން ދަނީއެވެ.

ޕްރޮފެސަރު އެ ދަރިވަރާ ދިމާއަށް އެނބުރިލައިފައި ބުންޏެވެ. "ވަރަށް ބޮޑަށް މާފުކުރާށެވެ! ފިލާވަޅުގެ ބައެކެވެ." މިހެން ބުނެފައި، ދަރިވަރުގެ އަތުން ފެންތަށި އަތުލުމަށް ފަހު، ދަރިވަރަށް ޝުކުރު އަދާކުރުމަށް ފަހު، ގޮސް އިށީނުމަށް އޭނާގެ ގާތުގައި ބުންޏެވެ. އެ ދަރިވަރު އަތުގެ މަސްތައް މޮޑެމެން، ކުޑަކޮށް ކުކުރަމުން ހެމުން ގޮސް އިށީނދެއްޖެއެވެ. އޭރު ކިލާހުގެ އެހެން ދަރިވަރުން ކަކަކަކަ އަޅާފައި ހީނ ނަގަނީއެވެ.

ދަރިވަރުންގެ ހުނުމުގެ އަޑު މަޑުވެލީމައި ޕްރޮފެސަރު ބުންޏެވެ. "އަހަރެން ދެކޭ ގޮތުގައި މި ތަށީގެ ސީދާ ބަރުދަން މުހިންމެއް ނޫނެވެ. މުހިންމީ މި ތަށި ހިފަހައްޓައިގެން އަހަރެން ހުންނަ ވަގުތެވެ. މިނެޓެއް ދެ މިނެޓެއްހައި އިރު މި ތަށި ހިފަހައްޓައިލައިގެން ހުންނަ ހުރުމުގައި މީގެ ބަރުދަން އަހަންނަށް އިޙްސާސްވާލެއް ވަރަށް ކުޑައެވެ. އެއީ މާ ބޮޑު ކަމަކަށް ވެސް ނުވެއެވެ. އެކަމަކު ގަޑިއެއް ދެ ގަޑިއިރެއްހައި އިރު މި ގޮތަށް މި ފެން ތަށި ހިފަހައްޓައިގެން ހުންނާންވެއްޖެ ނަމަ އަހަރެންގެ އަތުގައި ކުޑަކޮށް ރިއްސައިލާ ގޮތް ވާނެއެވެ. މިއަދުގެ ހަތަރުދަމު މި ފެން ތަށި ހިފަހައްޓައިގެން މިހެން ހުންނާންވެއްޖެ ނަމަ މިރޭ ވާންވާއިރަށް އަހަރެންގެ އަތުގައި ވަރަށް ބޮޑަށް ރިއްސަން ފަށާފާނެއެވެ. އައްސިވާ ގޮތް ވެސް ވާނެއެވެ. އަދި، އަބަދު މި ގޮތަށް ހުންނާންވެއްޖެ ނަމަ، ތިޔަ ދަރިވަރުން ތިޔަ ބުނި ފަދައިން އަހަރެންގެ ބޭނުން އަހަންނަށް ވެސް ކެނޑުނީއެވެ. އަހަރެންގެ ޢާއިލާއަށާއި މުޖުތަމައަށް ވެސް އަހަރެން ވާނީ ބޮޑު ތަކުލީފަކަށެވެ."

ދެން އެއްކަލަ ފެންތައްޓަށް އިޝާރާތްކޮށްލައިފައި ބުންޏެވެ. "މި ފެން ތައްޓަކީ ދިރިއުޅުމުގައި ދިމާވާ ކޮންމެވެސް މައްސަލައެކެވެ."

މިއީ "ސްޓްރެސް މެނެޖްމަންޓް" މި ފިލާވަޅު ފެށުމުގެ ގޮތުން އަޅުގަނޑުމެންގެ ޕްރޮފެސަރު ކޮށްލި ކަމެކެވެ.

މި ފިލާވަޅަށް ވިސްނައިލަމާތޯއެވެ؟ ދިރިއުޅުމުގައި ދިމާވާ ކޮންމެ "މައްސަލަ"އަކީ އެއްކަލަ ފެންތަށި ފަދަ އެއްޗެއްކަމުގައި ނުވޭތޯއެވެ؟ މައްސަލައެއް ހައްލު ނުކޮށް، އެކަން ބޮލަރުވައިގެން ތިބެ، އެ މައްސަލައެއް ދިގު ދެންމި ވަރަކަށް އެކަމުން އަޅުގަނޑުމެންގެ ސިކުނޑިއަށާއި ހަށިގަނޑަށާއި ދިރިއުޅުމަށް ކުރާ ބާރު ބޮޑެއް ނުވޭތޯއެވެ؟ މައްސަލައެއް ހައްލު ނުކޮށް އުޅޭހައި ހިނދަކު، އެ މައްސަލައިގައި ޝާމިލުވާ އެހެން މީހުންނާ އަޅުގަނޑުމެންނާ ދެމެދު އޮންނަ ގުޅުން ވެސް މަޑުމަޑުން ހީނަރުވަމުންނެއް ނުދޭތޯއެވެ؟ އަދި ހައްލު ނުވެ ހުންނަ މައްސަލަތައް ގިނަވެ ފުނިޖެހޭ ވަރަކަށް އަޅުގަނޑުމެންގެ ސިކުނޑިއަށް ކުރާ ބާރު ބޮޑުވަމުން ގޮސް، މީހާ ރުޅި ގަދަވެ، ކެތްތެރިކަން ކުޑަވެ، އަޅުގަނޑުމެންނާއެކު އުޅޭ އެހެން މީހުންނަށް ވެސް އަޅުގަނޑުމެންނާއެކު އުޅުމީ ބޮޑު ތަކުލީފަކަށް ވާތަން ވެސް އާދޭ ނޫންތޯއެވެ؟

ދިރިއުޅުމުގައި ބައެއް ފަހަރު ވަރަށް ބޮޑެތި މައްސަލަ ދިމާވި ނަމަވެސް، ގިނަ ފަހަރު ދިމާވަނީ ވަރަށް ކުދިކުދި މައްސަލައެވެ. އެއްކަލަ ފެންތަށިހައި ކުޑަ މައްސަލައެއް ވެސް ހައްލު ނުކޮށް ގިނަ ދުވަސް ވާ ވަރަކަށް އެ މައްސަލައިގެ ސަބަބުން ދިމާވާ އެހެން މައްސަލަތައް ގިނަވަމުން ދިޔުމުގެ ސަބަބުން، ހައްލުކުރަން އުނދަގޫވާ ހިސާބަށް ގޮސް، ފުރަތަމަ ޖެހުނު ކުޑަކުޑަ މައްސަލަ އެއީ މާ ބޮޑު މައްސަލައެއްކަމަށް ފެންނަނީއެވެ.

ވީމާ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކުރަންޖެހެއެވެ. ލަސްނުކޮށެވެ. ވީހާ ވެސް އަވަހަކަށެވެ. ހައްލުވާން ނެތް މައްސަލައެއް ނަމަ، ދޫކޮށްލަން ޖެހެއެވެ. ލަސް ނުކޮށެވެ. ވީހާ ވެސް އަވަހަކަށެވެ.

ފެންތަށި ބޮއިލެވެން ނެތީއެވެ. ނުވަތަ ބޯން ކަމުވެސް ނުދަނީއެވެ. އެހެންވިއްޔާ އަތުކޮޅަށް ދަމައިގެން އެ ހިފަހައްޓައިގެން ހުންނަންވީ ކީއްކުރަންހެއްޔެވެ؟ ލަސް ނުކޮށް އަވަހަށް ސިންކަށް އަޅައިލަންވީއެވެ. އެހެން ނޫނީ ކުޑަކުޑަ ފެން ތައްޓެއް މާސިންގާ ފެން ފީފާއަކަށް ވެގެން ހިނގައިދާނެއެވެ.