ޚަބަރު

ދެ ރައީސުން އެމްޑީޕީގެ ކެމްޕޭން ޕޯސްޓަރު ހަރުކުރައްވަން ނުކުންނަވަނީ

އަލީ ޔާމިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ބޭނުންކުރާނެ ޕޯސްޓަރު ހަރުކުރުމަށް ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ބޮޑު ހަރަކާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

އެމްޑީޕީން ބުނީ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ގައި ކަމަށާއި މާލޭގައި މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އެމްޑީޕީގެ މައި ހަރުގެއިން ކަމަށެވެ.

މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ ދެ ރައީސުން މި ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނީ އެމްޑީޕީގެ ހަރުގޭގައި އޮންނަ ސައިފޮދަކަށް ފަހު ހޮނިހިރު ދުވަހުގެ 9:30 ގައި ކަމަށެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ޕޯސްޓަރު ހަރުކުރުން ހެނދުނު 10:00ގައި ފައްޓަވައިދެއްވުމާއެކު މުޅި ރާއްޖޭގައި މި ހަރަކާތް އެއްފަހަރާ ކުރިއަށްގެންދާނެ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

މުޅި ރާއްޖޭގައި އެކީ އެއްފަހަރާ ހިންގުމަށް ހަމަޖެހިފައިވާ މި ހަރަކާތް މެންދުރު 12:00 އިން މެންދުރުފަހު 2:00އަށް މެދުކަނޑާލުމަށްފަހު، މެންދުރުފަހު 2:00 އިން ހަވީރު 6:00އަށް ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ކުރިއަށްގެންދާނީ ރާއްޖޭގެ ރަށްތަކުގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގައި ކަމަށް އެމްޑީޕީން ބުނެއެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީން ކޮންމެ ރަށަކަށް މެނިފެސްޓޯއެއް ތައްޔާރުކުރާއިރު އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅިފައި ނެތް ގޮނޑިތަކަށް ކެންޑިޑޭޓުން ހަމަޖެއްސުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު ހަމަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.