ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު

މިއަހަރު ނިއު ރޭޑިއަންޓް އަލުން ފެންނާނެ، އެނބުރި އަންނާނީ ކުރިއަށްވުރެ ވެސް ވަރުގަދަކޮށް!

މިއަހަރުގެ ތެރޭގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަލުން ފެނިގެންދާނެ ކަމަށް ނިއުގެ ކުރީގެ ޗެއާމަން އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ އާޒިމް އެހެން ވިދާޅުވެފައިވާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނިއު ރޭޑިއަންޓް އޮތީ ސަސްޕެންޝަނުގައެވެ. އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑު ކުރީ އެ ކުލަބުގެ ދިހަ ކުޅުންތެރިޔަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެއެވެ.

ނިއުގެ ސަޕޯޓަރުންތަކަކާ ބައްދަލުކުރެއްވުމަށްފަހު ފޭސްބުކްގައި އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަންޒަރުން މިއަހަރު ނިއު ރޭޑިއަންޓް ފެންނާނެ ކަމަށާއި ނަމަވެސް އެ މަސައްކަތަކީ އުނދަގޫ މަސައްކަތެއް ކަމަށެވެ. އަދި ނިއު ރޭޑިއަންޓް އެނބުރި އަންނާނީ ކުރިއަށްވުރެ ވެސް ވަރުގަދަކޮށް ކަމަށް އާޒިމް ވިދާޅުވިއެވެ.

މިދިޔަ އަހަރު އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށްފައިވަނީ އެފްއޭއެމްގެ ލިޑާޝިޕް ބަދަލު ކުރުމަށް އެކުލަބުން އިސްނަގައިގެން މަސައްކަތް ކުރަމުންދަނިކޮށެވެ. ނަމަވެސް އޭރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައިވަނީ ލީޑާޝިޕް ބަދަލުކުރަން ބައެއް ކުލަބުތަކުން މަސައްކަތްކުރަމުންދާކަން އޭނާއަށް އެނގުނީ ސަސްޕެންޑްކުރި ފަހުން ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން އުވާލުމުގެ މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަން ވަނީ ނާކާމިޔާބުވެފައެވެ. ސަސްޕެންޝަން އުވާލުމަށް ވޯޓުދީފައިވަނީ ހަމައެކަނި ވިކްޓަރީ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.

ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން ބާއްވަން ކުލަބުތަކުން ނިންމާފައިވުމުން ނިއުގެ ސަސްޕެންޝަނާ މެދު ދެން ގޮތެއް ނިންމޭނީ އެހެން ކުލަބުތަކުން ނިންމުމުންނެވެ. އެފްއޭއެމްގެ އާ ލީޑާޝިޕް އިންތިހާބުކުރުމަށް މިއަހަރު ބާއްވާ އެފްއޭއެމްގެ ކޮންގްރެސްގައި ކުލަބުތަކުން ބޭނުންނަމަ، ނިއު ރޭޑިއަންޓުގެ ސަސްޕެންޝަން އުވާލެވޭނެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެފްއޭމުން ވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބު ވެސް ސަސްޕެންޑުކޮށްފައެވެ. އެފްއޭއެމުން އެ ކުލަބު ސަސްޕެންޑުކޮށްފައިވަނީ ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދޭ މައްސަލަ އަދި ކުލަބު ލައިސަންސިން މައްސަލައާ ގުޅިގެންނެވެ. ސަސްޕެންޑު ކުރުމުގެ ކުރިން އެ މައްސަލަތައް ހައްލުކުރުމަށް އެފްއޭއެމުން ވަނީ އެ ކްލަބަށް ގިނަ ފުރުސަތުތަކެއް ވެސް ދީފައެވެ.