އެފްއޭއެމް

އެފްއޭއެމްގެ "ޓުވާޑްސް ފިއުޗާ" ޕްރޮގްރާމުތައް މަހިބަދޫ އާއި އޭދަފުއްޓަށް

މުސްތަގުބަލަށް ފުޓްބޯޅަ ޓީމުތައް ބިނާކުރުމަށް "ޓުވާޑްސް ފިއުޗާ"ގެ ނަމުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ ޕްރޮގްރާމުތައް ދެ ރަށެއްގައި ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެފްއޭއެމުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އދ. މަހިބަދޫ އާއި ބ. އޭދަފުށީގައި އެ ޕްރޮގްރާމުތައް ފެށުމުގެ ގޮތުންނެވެ.

މަހިބަދޫގައި ޕްރޮގްރާމުތައް ފެށުމަށް އެފްއޭއެމުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މަހިބަދޫ ސްޕޯޓްސް ކްލަބާއެކުގައެވެ. އަދި އޭދަފުށީގައި ޕްރޮގްރާމުތައް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކްލަބު އޭދަފުއްޓާއެކުގައެވެ. އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެފްއޭއެމްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒެވެ.

މަހިބަދޫ އާއި އޭދަފުއްޓަކީ ދިވެހި ފުޓުބޯޅައިގެ މޮޅެތި ކުޅުންތެރިންތަކެއް ފެނިގެންގޮސްފައިވާ ދެ ރަށެވެ. މިހާރު ވެސް އެ ދެ ރަށަށް ނިސްބަތްވާ ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުން ވެސް ފެނެއެވެ.

"ޓުވާޑްސް ފިއުޗާ" ޕްރޮޖެކްޓުގެ ދަށުން މަހިބަދޫ އާއި އޭދަފުއްޓާއެކު ޖުމްލަ އަށް އަތޮޅެއްގައި ޕްރޮގްރާމުތައް ކުރިއަށްގެންދެއެވެ. އެ ޕްރޮޖެކްޓުގެ އަތޮޅު ޕްރޮގްރާމުތަކަކީ އެފްއޭއެމުން ވަރަށް ފުޅާކޮށް ގެންދަން ބޭނުންވާ ޕްރޮގްރާމުތަކެކެވެ.