ޚަބަރު

ސީޕްލޭން ޓާމިނަލްގެ މައްސަލައިގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނަން: އެމްއޭސީއެލް

އަލީ ޔާމިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލްއިން ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ތަހުގީގީ އިދާރާތަކަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފަރާތުން ދޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އާ ސީޕްލޭން ޓާމިނަލް އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ޓީއެމްއޭއަށް ކުއްޔަށް ދޭން 28 ނޮވެމްބަރު 2017 ގައި އެމްއޭސީއެލްގެ ބޯޑު ބައްދަލުވުމެއްގައި މަޝްވަރާ ކުރި އިރު އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިއްބެވި ބޭފުޅުންނާއި މިހާރު ތިއްބެވި ބޭފުޅުންނާއި، ޓީއެމްއޭ އާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑާ މަސްލަހަތު އޮންނަ ކަމަށް އޭސީސީން އިއްޔެ ވަނީ ބުނެފައެވެ.

އެހެންކަމުން އެ ފަރާތްތަކުގެ މަަސްލަހަތު އޮންނަ މިފަދަ ކުންފުނިތަކާއި އެމްއޭސީއެލްއާ ދެމެދު ވެވޭ އެންމެހައި އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ނިންމާއިރު، އެ ފަރާތްތަކުގެ މަސްލަހަތު ފުށުއަރާކަން ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވޭ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

އޭސީސީން ބުނީ މި މައްސަަލައާ ގުޅިގެން އެ ކޮމިޝަންގެ ތަހުގީގަށް މިހާތަނަށް ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށް ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް އެމްއޭސީއެލްއަށް އަންގާފައިވާ ކަމަށެވެ. މި މައްސަލާގައި ވަކި ސީޕްލޭން އޮޕަރޭޓަރަކަށް، ނުވަތަ ސީޕްލޭން އޮޕަރޭޓަރުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމާއި، ދައުލަތަށް ފައިދާއެއްވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނައީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

އޭސީސީގެ ބަޔާނާ ގުޅިގެން އެމްއޭސީއެލްއިން މިރޭ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ސީޕްލޭން މައްސަލައިގައި ތަހުގިގީ އިދާރާތަކަށް އެކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި އެ ކުންފުންޏަކީ އަބަދުވެސް ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދެމުން އަންނަ ކުންފުންޏެއް ކަމަށެވެ.

އާ ރަންވޭ ހުޅުވުމަށްޓަކައި އާ ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި އަވަހަށް ގޮތެއް ނިންމުން އެދޭ ކަމަށާއި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖެއަށް ފައިދާވާ ގޮތަށް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.