މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީންނާއި ބަންދު މީހުންނަށް ފަސް ގާނޫނީ ވަކީލުން ރަޖިސްޓަރީކުރެވޭ ގޮތް ހަމަޖައްސައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދު މީހުންނަށް ފަސް ގާނޫނީ ވަކީލުން ރަޖިސްޓަރީކޮށް، އޭގެ ތެރެއިން އެއްފަހަރާ ތިން ގާނޫނީ ވަކީލުންނާ ބައްދަލުކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.

އެކަން ހަމަޖެހިފައިވަނީ ކަރެކްޝަންސްގެ ގާނޫނީ ވަކީލުންގެ ބައްދަލުވުމުން ހަމަޖެއްސުމާ ގުޅޭ އުސޫލަށް މިއަދު އަމަލުކުރަން ފެށުމާ ގުޅިގެންނެވެ.

އެ އުސޫލަކީ ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުން، ބައްދަލުކުރުމާއި ފޯނުކުރުމާއި ސިޓީ ފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވައިދުގެ ދަށުން ގައިދީންނާއި ބަންދު މީހުންގެ ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގައި އަމަލުކުރަން ޖެހޭ ގޮތް ބަޔާންކުރާ އުސޫލެކެވެ.

ކަރެކްޝަންސް އިން ބުނީ ބަދަލު ގެނެވުނު އެ އުސޫލުގައި ގާނޫނީ ވަކީލުން ރަޖިސްޓަރީކުރުމާއި އެ ފަރާތްތަކާ ބައްދަލުކުރުމާ ބެހޭގޮތުން އަމަލުކުރަންވީ އުސޫލުތަކުގެ ތަފުސީލު ބަޔާންކޮށްފައިވާނެ ކަމަށާއި ވަކީލު ބައްދަލުވުމަށް އެދި ހުށަހަޅާ ފޯމު މާލެ ޖަލުގެ ރިސެޕްޝަނުން ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 3:00 އަށް ކަމަށެވެ.