އިންޑިއާގެ ވިޝާކަޕަޓްނަމްގައި ޤާއިމްކޮށްފައިވާ އިންޑިއަން ނޭވަލް ޑޮކްޔާޑުގައި ރިފިޓް މަސައްކަތް ފުރިހަމަކުރުމަށް ފަހު، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ މިރޭ ރާއްޖެ އަތުވެއްޖެއެވެ.
އެމްއެންޑީއެފްއިން ބުނީ ކޯސްޓްގާޑު ފްލީޓްގެ އެންމެ ބޮޑު އުޅަނދު ކަމުގައިވާ ކޯސްޓްގާޑު ޝިޕް ހުރަވީ، އިންޑިއާގެ ވިޝާކާޕަޓްނަމްގައި ކުރި ރިފިޓަށް ފަހު ރާއްޖެ އައިސްފައިވަނީ މިރޭ 8:00 ގައެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި ކޯސްޓްގާޑު ޝިޕް ހުރަވީ، އިންޑިއަން ނޭވަލް ޑޮކްޔާޑުގައި ހަތަރު މަސް ދުވަހުގެ ދިގު މުއްދަތަށް ކުރި ރިފިޓް ކާމިޔާބުކަމާއެކު ނިންމުން ފާހަގަކުރުމުގެ ގޮތުން، މިމަހުގެ 14 ވަނަ ދުވަހު ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައި ވެއެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، އިންޑިއަން ނޭވަލް ޑޮކްޔާޑުގެ އެޑްމިރަލް ސްޕްރިޑެންޓް، ރިއަރ އެޑްމިރަލް އަމިތު ބޯސްއެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ ކޯސްޓްގާޑު ޝިޕް ހުރަވީ ރިފިޓްގެ މަސައްކަތަށް ވިޝާކާޕަޓްނަމްއަށް ބަނދަރުކޮށްފައިވަނީ 2018 ޖުލައި 12 ވަނަ ދުވަހުކަމަށާއި، އަދި ކާމިޔާބުކަމާއެކު ރިފިޓް މަސައްކަތް ނިންމާލާފައި ވަނީ 2018 ނޮވެމްބަރ 14 ވަނަ ދުވަހު ކަމަށެވެ.
ކޯސްޓްގާޑު ޝިޕް ހުރަވީގެ ރިފިޓްގެ މަސައްކަތް ވަރަށް އަވަސްކަމާއެކު ކުރިއަށްގެންގޮސް ނިންމާލާފައިވާއިރު، ޝިޕްގެ މަރާމާތަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާކަމަށް ވެސް ބުނެފައި ވެއެވެ. އެގޮތުން ޝިޕްގެ ހަލް އާއި، ޓޭންކްތަކާއި ކީލް އޭރިއާ މަރާމާތުކޮށް ނިމި ޕްރެޝަރ ޓެސްޓް ކުރުމާއި، ފައިނަލް ޕެއިންޓް ސްކީމް ދުއްވުމުގެ މަސައްކަތްތައް ވަނީ ކޮށްފަ އެވެ.
މީގެ އިތުރުން، ޝިޕްގެ ތެރޭގައި ހުރި ސިސްޓަމް ތަކާއި އެހެނިހެން އާލާތްތައް އަޕްގުރޭޑް ކުރުމުގެ މަސައްކަތްތައް ވެސް ކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ކޯސްޓްގާޑު ޝިޕް ހުރަވީ ރިފިޓް މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޝިޕްގެ ސިފައިން ޙަރަކާތްތެރިވެފައިވާއިރު، ރިފިޓްގެ މަސައްކަތުގައި އިންޑިއަން ނޭވީގެ ސިފައިން ވެސް ބައިވެރިވެފައިވާކަމަށް ވެސް ބުންޏެވެ.